އެމެރިކާގެ މަޝްހޫރު އެކްޓަރު ޗެނިން ޓޭޓަމް އާއި އޭނާގެ އަންހެނުން އަދި ކުޅަދާނަ އެކްޓްރެސް ޖެނާ ޑޭވަންގެ ނުވަ އަހަރުވީ ކައިވެނި ނިމުމަކަށް އަތުވެއްޖެއެވެ.

ޓުވިޓާ މެދުވެރިކޮށް ޗެނިން މި ވާހަކަ އާންމުކޮށްފައިވާއިރު، ކަނޑައެޅިގެން ދެމީހުން ވަކިވާން ނިންމީ ކީއްވެގެން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ޗެނިން އާއި ޖެނާ ދެމީހުން އެއްކޮށް އާންމުންނަށް ފެނިގެންދިޔައީ 2006 ވަނަ އަހަރު ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ލޮސް އެންޖެލްސްއިން ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭގެ ތިން އަހަރު ފަހުން ދެމީހުންގެ ކައިވެނި ވަނީ ކެލިފޯނިއާގެ މަލިބުގައި ކުރެވިގެން ގޮސްފައެވެ.

ގާތްގަނޑަކަށް މި ދެމީހުންގެ ކައިވެނީގެ ގުޅުމަށް ނުވަ ވަރަކަށް އަހަރުވެފައިވާއިރު، މި ފެށޭ މެއި 31 ގައި މި ދެމަފިރިންގެ ދަރިފުޅަށް ފަސް އަހަރު ފުރިގެންދާނެއެވެ.

"ހަމަ ގައިމުވެސް މި ނިންމުމުގެ ސަބަބުން ދަރިފުޅަށް އެއްވެސް ކަހަލަ އަސަރެއް ކުރިޔަކަ ނުދޭނަން. ދެމީހުން ވަކިވިޔަސް، ދަރިފުޅަށް އެއްވެސް ކަމެއް ދައްޗެއް ނުވާނެ. ލޯތްބާއި އަޅާލުންވެސް ކުރިއެކޭ އެއްގޮތަށް ހަމަ ލިބޭނެ" ޗެނިން ބުނެފައިވެއެވެ.

"މި ހުރިހާ ދުވަހު ފޭނުން ތި ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަކިން ބޮޑަށް ޕާސަނަލް ލައިފް ސިއްރެއް ގޮތަށް ބާއްވައިދޭތީ" ނެށުމުގެ ހުނަރުވެސް ލިބިފައިވާ ޖެނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

މި ދެމީހުން ވަކިވާން އުޅޭ ވާހަކަ ޤަބޫލު ނުކުރެވި ގިނަބަޔަކު ތިބީ އަދިވެސް ހައިރާން ކަންމަތީގައި ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު