ކަޒަކިސްތާންގައި ވަރަށް ތަފާތު ގޮތަކަށް އެއްމާބަނޑު ދެކުދިން އުފަން ވެއްޖެއެވެ. އާއްމު ގޮތެއްގައި އެއްމާބަނޑު ދެކުދިން އުފަންވާއިރު އެއްކުޖަކު އުފަންވާތާ މަދު މިނެޓް ކޮޅެއްގެ ތެރޭގައި ދެވަނަ ކުއްޖާ ވެސް އުފަންވެއެވެ. ނަމަވެސް މިފަހަރު ކަންތައްވީ އެހެންނެއް ނޫނެވެ. ދެވަނަ ކުއްޖާ އުފަންވީ، ފުރަތަމަ ކުއްޖާ އުފަންވިތާ 11 ހަފްތާ ފަހުންނެވެ.

ކަޒަކިސްތާންގެ އުތުރުގެ ސަރަހައްދެއްގައި ހުންނަ ހޮސްޕިޓަލެއްގައި ވިހޭ 29 އަހަރުގެ އަންހެނެއް ކަމަށްވާ ލިލިޔާ ކޮނޮވަލޯވާ އަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ އުފަންވީ މެއި މަހު އެވެ. ދެވަނަ ކުއްޖާ އުފަންވީ މިމަހުގެ ކުރީކޮޅު އެވެ.

އުމުރައި 11 ހަފްތާގެ ތަފާތު ހުރި ދެކުދިންގެ ސިއްހަތު ވެސް ރަނގަޅެވެ. އަދި ކުދިންގެ މަންމަ އަށް ވެސް ސިއްހީ މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

މިފަދަ ކަމެއް ހިނގުން މިއީ ވަރަށް ނާދިރު ކަމެއް ނަމަވެސް މީގެ ކުރިން ވެސް މިފަދަ ކަންކަން ހިނގާފައިވެއެވެ. 2012 ވަނަ އަހަރު ވެސް އެއްމާބަނޑު ދެކުއްޖަކު، އެއްކުޖަކު އުފަންވިތާ 87 ދުވަސް ފަހުން ދެވަނަ ކުއްޖަކު އުފަން ވުމުން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިގޮތައް ކުދިން އުފަން ވަނީ ދެކުދިން މައިމީހާގެ ބަނޑުގައި ގަރުބަ ގަންނައިރު ދެކުދިން ވެސް ދެރަހިމެއްގައި ގަރުބަގަންނާތީއެވެ. ބައެއް އަންހެނުންގެ ދެރަހިމު އުފެދިފައި ހުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިގޮތައް ދެކުދިން ދެ ރަހިމުގައި ގަރުބަގަތުމަކީ މާއާއްމު ކަމެއް ނޫނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ސިއްހީ މައްސަލައެއް ދިމާވެގެން ވާގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ﷲ ގެ ކުޅަދުން ވަންތަކަން

    26
  2. ރަޝީދު

    ދެ ރަހިމެއް ނޯންނާނެ. އެއީ ދެ ބިހުގައި ދެ ކުދިން އަށަގަތުން