ޔޯގާ ޖެއްސުމަކީ މިހާރު އަންހެނުންގެ މެދުގައި ވަރަށް އާއްމު ވެފައިވާ ކަމަކަށް ވާއިރު، މެކްސިކޯ އަށް ނިސްބަތްވާ ޒުވާން އަންހެނަކު މޮޅު ގޮތަކަށް ޔޯގާ ޖައްސަން އުޅެނިކޮށް، ބެލްކަނިން ވެއްޓި ހަނި ގޮތަކަށް ފުރާނަ ސަލާމަތް ވެއްޖެއެވެ.

އެލެކްސާ ޓެއްރަޒާސް ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ މި އަންހެން މީހާ ވަނީ މޮޅު ޕޯސް އެއް ޖެއްސުމުގެ ނިޔަތުގައި ބެލްކަނީގެ ބޭރަށް ބޯލުމަށް ފަހު ފައިން ހޮޅީގައި ހިފާއްޓައިގެން އޮއްވައި، ކައްސާލައިގެން އޭނާ ދިރިއުޅެމުން އައި އެޕާޓްމެންޓުގެ 6ވަނަ ފްލޯ އިން ބިންމައްޗައް ވެއްޓިފައެވެ.

އެލެކްސާގެ ނަސީބު ރަނގަޅު ކަމުން އެހައި މަތިން ނުރައްކާތެރި ގޮތަކަށް ވެއްޓުނު ނަމަވެސް، އޭނާ މަރެއް ނުވެއެވެ. އެކަމަކު ޑޮކްޓަރުންގެ ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތް 3 އަހަރު ދުވަހުވެސް އެލެކްސާ އަކަށް ދެނެއް ނުހިގޭނެއެވެ.

އެލެކްސާ އެތެއްގައި ބައްދައިގެން ހުރެ ނަގާފައިވާ ފޮޓޯ އެއް

މި މައްސަލަ އާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އެ ބެލްކަނީގެ މައްސަލަ އެއް ހުރިތޯ ބެލުމަށް އެ އެޕާޓްމެންޓު ޗެކު ކޮށްފައި ވާއިރު، އެ މީހުން ނިންމީ އެތަނުގައި އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި، މިއީ އެކްސިޑެންޓެއް ކަމަށެވެ.

އެލެކްސާގެ އަވަށްޓެރިން އެ ގައުމުގެ މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިއީ އޭނާ މިފަދަ ގޮތަކަށް ބެލްކަނީގައި އެލިގެން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި، އަބަދުވެސް އޭނާ އެފަދަ ކަންތައް ކުރާ މަންޒަރު ފެންނަ ކަމަށެވެ.

އޭނާ ބެލްކަނީގައި އެލިގެން އޮތް ފޮޓޯއެއް މީސް މީޑިއާގައި މިހާރު ވަނީ އާއްމު ވެފައެވެ. އަދި އެލެކްސާގެ ބޮލުގެ ނާށިގަނޑަށާއި، މައިބައިދެގެ އިތުރުން ހަތަރެސްފައި ބިނދި، އަދިވެސް ސީރިއަސް ހާލަތުގައި އޮތްއިރު މިއީ މިފަދަ ނުރައްކާތެރި ކަންކަން ކުރާ މީހުންނަށް ލިބުނު އިންޒާރަކަށް މެނުވީ ނުވާނެއެވެ.