އިނގިރޭސިވިލާތުގެ ބާމިންހަމްގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ ގޭގައި ކާރު ޕާކް ކޮށްފައި އޮއްވާ މޫނު ނިވާކޮށްގެން ތިބި ތިން ފިރިހެނަކު އައިސް ކާރު ފޭރިގަނެގެން ދާން މަސައްކަތް ކުރަން ފެށުމުން އެތިން މީހުންގެ ކުރިމަތީގައި އަންހެން މީހާ ދެއްކި ހިތްވަރަށް އެތައް ބަޔަކު މީސް މީޑިއާގައި ތައުރީފް ކުރަމުން އެބަގެންދެއެވެ.

މިހާދިސާ ހިނގީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް ފުލުހުން މިހާދިސާގެ ސީސީޓީވީ ފުޓޭޖް އާއްމު ކުރީ އިއްޔެގެ ވަގުތެއްގައެވެ.

އަންހެން މީހާ އޭނާގެ ތިން އަހަރުގެ ދަރިފުޅާއި އެކު ހުއްޓާ ގޭންގަކުން ކާރު ފޭރިގަންނަން އައިސް އަންހެން މީހާ އަށް ހަމަލާ ދިނީ ކާރުގެ ތަޅުދަނޑި އަތުލާށެވެ. ނަމަވެސް އޭނާ ވަނީ ތަޅުދަނޑި ދޭން ދެކޮޅު ހަދާ، އެމީހުންނާއި ކުރިމަތިލާފައެވެ.

އަންހެން މީހާގެ އަތުން ފަސޭހައިން ތަޅުދަނޑި އަތުނުލެވޭނެ ކަން އެނގުމުން އެތިން މީހުން ވަނީ އެސަރަހައްދުން ގޮސްފައެވެ. ނަމަވެސް ދިއުމުގެ ކުރިން އޭގެ ތެރެއިން އެކަކު ކާރުގެ ދޮރު ވެސް ހުޅުވިއެވެ. އޭރު ތިން އަހަރުގެ ފިރިހެން ކުއްޖާ ކާރުގެ ތެރޭގައި އިނެވެ.

ކާރު ފޭރިގަންނަން އުޅުނު ތިން މީހުން ދެނެގަނެ މިހާރު ވަނީ އެތިން މީހުން ވެސް ހައްޔަރު ކޮށްފައެވެ.

ފަހަކަށް އައިސް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ފޭރުމާއި، ތޫނު އެއްޗެހިން މީހުންނަށް ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ ކަންކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އެގައުމުގެ އާއްމު ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔަމުންނެވެ.