ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ކުރުމަށް އެދެވޭ ރަނގަޅު ނަތީޖާ ނުފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ. ކަން މިހެން ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތައް އެބަހުއްޓެވެ.

ހަމައެކަނި ކަސްރަތަކުން ބަރުދަން ލުއި ނުކުރެވޭނެއެވެ. ކަސްރަތާއެކު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ބަރުދަން ލުއި ކުރުމުގައި ކެއިންބުއިމުގެ ކަންކަން ބިނާވެފައި އޮންނަ ގޮތަކީވެސް މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ކެއިންބުއިމަކީ، ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގެ 70 އިންސައްތައެވެ. ހަށިގަނޑަށް ބޭނުންވާ ކާނާ ކެއުމުގައި ހިމަނައި ސިއްހަތަށް ގެއްލުންހުރި އަދި ބަރުދަން އިތުރުކޮށްދޭ ކާނާތަކާއި ދުރުވާން ޖެހެއެވެ.

ކާޑިއޯ ކަސްރަތަކީ ހަށިގަނޑަށް ބޭނުންވާ އެއްޗެކެވެ. ކާޑިއޯ ކަސްރަތުގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުކޮށްދީ މެޓަބޮލިސަމް ބޫސްޓްކޮށްދެއެވެ. ނަމަވެސް ހަމައެކަނި ކާޑިއޯ ހެދުން ނުވަތަ މާގިނައިން ކާޑިއޯ ހެދުމަކީ ގޯހެކެވެ.

ބަރުދަން ލުއި ކުރުމުގައި ބަރު އުފުލައިގެން ކުރާ ކަސްރަތުތަކަކީވެސް މުހިންމު ދައުރެއް އަދާ ކުރާ ކަސްރަތުތަކެކެވެ. މިފަދަ ކަސްރަތުތަކުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ރީތިކޮށްދީ ވަރުގަދަކޮށްދެއެވެ. މިފަދަ ކަސްރަތުތައް ކުރުމުގައި ކަސްރަތު ކުރުމުގެ ދާއިރާގެ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުން ވަރަށް މުހިންމެވެ.

ބަރުދަން ލުއިނުވާ އަނެއް ސަބަބަކީ، އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރެވުނެވެ. އެކި މީހުންގެ ހަށިގަނޑަށް، ކަސްރަތު ބޭނުންވާނީ އެކި މިންވަރަށެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބަރުދަން ލުއި ކުރަން ކުރަންވީ ކޮން ކަމެއްކަން ރަނގަޅަށް އެނގިގެން، ތަޖުރިބާކާރެއްގެ މަޝްވަރާ ލިބިގެން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށުމެވެ.