މިހާރު އެންމެންގެ ސަމާލުކަން ހޯދަމުން އަންނަ ރާނޫ މަންޑަލްގެ އަޑު ރީތިކަމުގެ ވާހަކައެބަދައްކައެވެ. އިންޑިއާގެ ހުޅަނގުގައި އޮންނަ ބެންގާލްގެ ރަނަގަތް ރެއިލްވޭ ސްޓޭޝަންގައި ރީތި ލަވައެއް ރީތި އަޑަކުން ކިޔައިގެން އެންމެންގެ ސަމާލުކަން ހޯދި ރާނޫ މަންޑޯލްއަށް އެތައް ބައެއްގެ ސަމާލުކަން ލިބި ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، އަދި ޑިރެކްޓަރ ހިމޭޝް ރާޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު “ހެޕީ ހާރޑީ އެންޑް ހީރް” ގެ ލަވައެއް ކިޔުމުގެ ފުރުސަތު ރަނޫ އަށް ދީފައެވެ.

އެ ފުރުސަތުގެ ބޭނުންކޮށް އެންމެ ފަހުން ރާނޫގެ އަޑުން އެ ލަވަ އިއްވައިފިއެވެ. "ތޭރީ މޭރީ ކަހާނީ" މި ލަވައަަށް މިހާރު މީސް މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ. އެތައް ބަޔަކު އެ ލަވަ ބަލައިފިއެވެ. އެ ލަވަ ބަލާ، ރާނޫގެ އަޑު ރީތިކަމުން ރުއި މީހުންވެސް މަދެއް ނޫނެވެ.

ރާނޫގެ އަޑުން ފަށާ އެ ލަވަ، އަޑު އަހާ ރުއި މީހުންގެ ބޮލީވުޑްގެ ކިންގ ސަލްމާން ޚާންވެސް ހިމެނެއެވެ. ސަލްމާން އެ ލަވަ އަޑު އަހަމުންދިޔައިރު، ރޯ މަންޒަރު ފެނެއެވެ. ރާނޫގެ އަޑު އެހާވެސް އަސަރު ގަދައީއެވެ.

އޭނާގެ އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހެމުން އަންނައިރު، ސަލްމާން އޭނާއަށް ގެއެއް ހަދިޔާކޮށްފައިވާކަމަށްވެސް އިންޑިއާގެ ރިޕޯޓްތައް ދަނީ ބުނަމުންނެެވެ.

އުމުރުން 59 އަހަރުގެ ރާނޫއަކީ ފިރިމީހާ މަރުވުމުން ފަގީރު ހާލުގައި އުޅެމުންދިޔަ މީހެކެެވެ. އެހެން ނަމަވެސް މިއަދު އޭނާއަކީ ކުރީގެ ރާނޫއެއް ނޫނެވެ. އެތައް ބައެއްގެ އަޅާލުމާއި އޯގާތެރިކަން ރާނޫއަށް އަންނަނީ ލިބެމުންނެވެ.

ރާނޫ އަށް ވަނީ އިންޑިއާގެ "ސުޕާސްޓާ ސިންގަރ" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފައެވެ.