އިންގްލޭންޑުގެ ފުޓުބޯޅަ ޓީމުގެ އެންމެ ނަންވިދާ އެއް ތަރި، ވޭން ރޫނީ އާއި ގުޅޭގޮތުން އެންމެ ފަހުން އިވިގެންދިޔަ ވާހަކައަކީ، އޭނާ ހިލޭ އަންހެނަކާއި އެކު މަސްތުގެ ހާލތުގައި ހުރެގެން ކާރެއް ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވި ވާހަކައެވެ. އެއާއި އެކު މުޅި ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. އަދި އެކަމުގެ ސަބަބުން ރޫނީގެ ދުވަސްވީ ކައިވެނިވެސް ރޫޅުމަކަށް އަންނާން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރުނެވެ.

އެ ހާދިސާއަށްފަހު ދުވަސްތަކެއް ނުވަނީސް، އަނެއްކާވެސް ރޫނީއަށް މިވަނީ އެފަދަ އިތުރު ކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އިނގިރޭސިވިލާތުގެ މޮޑެލްއެއް ކަމަށްވާ ހެލެން ވުޑް ވަނީ އޭނާ ރޫނީ އާއިއެކު ސިއްރު ގުޅުމެއް ހިންގައި އެކަހެރި ބައްދަލުވުންތައް ބޭއްވި ކަމަށް މީޑިއާގެ ކުރިމަތީގައި ބުނެފައެވެ. އަދި އެކަން ހިނގާދިޔަގޮތް ވަރަށް ތަފްސީލުކޮށް، ދާދި އަވަހަށް ހާމަކުރާނެ ކަމަށާއި އޭނާ ބޭޒާރުކޮށްލާނެ ކަމަށް ހެލެން ވަނީ ބުނެފައެވެ.

ހެލެން ވުޑް

އުމުރުން 31 އަހަރުގެ ހެލެން ބުނެފައިވާ ގޮތުގައި އޭނާ ރޫނީ އާއިއެކު ގުޅުން ހިންގާފައިވަނީ، ރޫނީގެ ކައިވެންޏަށް ދެ އަހަރުވެސް ނުވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޭގެ ފަހުންވެސް ދެމީހުން ސިއްރުން ބައްދަލުކޮށް އުޅުނު ކަމަށް ހެލެން ބުނެފައި ވެއެވެ. މިގޮތުން ދެމީހުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުން އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުއްލި ގޮތަކަށް ރޫނީއާއި ގުޅޭގޮތުން "ނުދައްކައި ހުރި ވާހަކަ" ކަމަށް ބުނެ ހެލެން މިފަދަ ކަމެއް ހާމަކޮށްފައި މިވަނީ ކޮން ސަބަބަކާއި ހުރެކަން އޭނާ ބުނެފައި ނުވާއިރު، އޭނާ ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރޫނީ އާއި ދެމީހުންގެ އެ ގުޅުމުގެ ހުރިހައި ވާހަކަތަކެއް ހިމެނޭ ފޮތެއްވެސް ނެރޭނެ ކަމަށެވެ. އަދި އެ ފޮތުގައި، އެ ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ކަންކަމުގެ ހުރިހައި ތަފްސީލެއް ހިމަނާނެ ކަމަށާއި އެއްވެސް ކަމެއް އުނި ނުކޮށް ފޮތުގައި އެވާހަކަތައް ގެންނާނެ ކަމަށް ހެލެން ބުނެފައި ވެއެވެ.

ވޭން ރޫނީ

"އަހަރެން މިހުރީ ހުރިހައި ހަޤީޤަތެއް ހާމަކުރަން ތައްޔާރަށް. ދެން އަހަރެން ނުހުއްޓުވޭނެ. އަހަރެންގެ އަނގަ ބަންދެއްވެސް ނުކުރެވޭނެ. މި ނެރޭ ފޮތުގައި މަދުވާ އެއްވެސް ވާހަކައެއް ނުހުންނާނެކަމުގެ ޔަޤީންކަން ދެން. އަދި ހުރިހައި ކަމެއްގެ ހަޤީޤަތް ސާބިތުވާ ވަރުގެ ހެކިތައްވެސް ހިމަނާނަން،" ހެލެން ބުންޏެވެ.

ރޫނީގެ އިތުރުން އިނގިރޭސި މަޝްހޫރު އެކްޓަރަކާއިއެކުވެސް ގުޅުން ހިންގާފައިވާ ކަމަށާއި، އޭނާގެ ވާހަކަތައްވެސް ފޮތުގައި ހިމަނާނެ ކަމަށް ހެލެން ބުނެއެވެ. ނަމަވެސް އެއީ ކޮން އެކްޓަރެއް ކަމަށް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ. ހެލެން ބުނާގޮތުގައި އެކްޓަރަކީވެސް އެފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާގެ ފޭނުން "ހީވެސް ނުކުރާ ފަދަ" މީހަކަށް ވާނެ ކަމަށެވެ.

ހެލެން ވުޑް

ރޫނީއާއިއެކު ސިއްރު ގުޅުމެއް ބޭއްވުކަމަށް މީގެ ކުރިންވެސް ހެލެން ބުނެފައިވާއިރު، އެވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ހެލެން އަށް ލިބިގެންދިޔައެވެ. އެއަށްފަހު އޭނާ ވަނީ މަޝްހޫރު ފަރާތްތަކުން ބައިވެރިވާ ރިއަލިޓީ ސީރީޒް، "ބިގް ބްރަދާސް" އިން ޖާގަ ހޯދައި އެ ޝޯ ކާމިޔާބުވެސް ކޮށްފައެވެ. މި ސަބަބަށްޓަކައި ރޫނީއަށް ސަޕޯޓުކުރާ ފަރާތްތަކުން ބުނަމުންދަނީ، ހެލެންގެ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، އޭނާ އެފަދަ ވާހަކަތައް ފަތުރަމުން ދަނީ މީހުންގެ ސަމާލުކަން ހޯދައި ފައިސާ ހޯދުމަށް ކަމަށެވެ.

ހެލެންގެ ވާހަކަތަކާއި ގުޅިގެން ރޫނީގެ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު