ބިން (އާތު/ދުނިޔެ) އާއި އެހެން ގުރަހަ (ޕްލެނެޓް) ތަކާއި ބިން ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އިތުރުން މިނޫން ނިޒާމުތަކުގެ ހޯދުންތަކަކީ މިހާތަނަށް ކޮޅެއްގައި ޖެހިފައިނުވާ ހޯދުންތަކެވެ. ޓެކްނޮލިޖީގެ ރޮނގުން ދުނިޔެ ކުރިއަރައިދާ ދިއުމާއި އެކު، ކުރީން ފެނިފައިނުވާ އެތައް ކަންކަމެއް ކާއިނާތުން ފެންނަމުންދާއިރު، ދުނިޔޭއަށް އަލި ފޯރުކޮށްދެމުންދާ ތަރި (އިރު) ފަދަ އެތައް ހާސް ތަރިއެއް މިހާތަނަށް ހޯދާފައިވެއެވެ. ކައުނުގައި ފޮރުވިފައިވާ ހުރިހައި ސިއްރެއް ހޯދުމަށް އިންސާނުން ނުކުޅެދިފައިވާ މިންވަރާއި އެފަރާތްތަކުން ކުރާ އެ މަސައްކަތަކީ އުމުރު ދުވަހުގައި ކޮށްގެންވެސް، ނިމެން އޮތް މަސައްކަތެއް ނޫންކަން މިކަމުން ސާބިތުވެއެވެ.

ބިން ހިމެނޭ ސޫރުދަ ނިޒާމުގައިވާ ހަމަ އެކަނި އަލި އަދި ހަކަތަ ލިއްބައިދޭ ތަރިއަކީ އިރެވެ. މިތަރި އަކީ ބިމާއި އެންމެ ގާތުގަގައިވާ، މި ސޫރުދަ ނިޒާމުގެ ހުރިހައި ގުރަހައަކަށް އަލި ފޯރުކޮށްދޭ ތަރި ވެސްމެއެވެ. މި ތަރީގެ އިތުރުންވެސް ރޭގަނޑުގެ ބައެއް ވަގުތުތަކުގައި ބިމާއި އެތައް ހާސް އަލި އަހަރު (ލައިޓް ޔްއާސް) ދުރުގައިވާ ތަރިތައް ފެންނާން ހުރެއެވެ.

ކައުނުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ދާދިފަހުން މިވަނީ، އާދަޔާއި ޚިލާފަށް ބޮޑު ތަރިއެއް ހޯދާފައެވެ. ބިން ހިމެނޭ ސޫރުދަ ނިޒާމުން 9 ބިލިއަން އަލި އަހަރު ދުރުގައިވާ އެ ތަރިއަކީ، މިހާތަނަށް އެންމެ ދުރުން ހޯދުނު ތަރިއެވެ. ދުނިޔޭގެ ބޭރުން ކައުނުގެ ކަންކަން ދިރާސާކުރުމަށް ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރަށް ފޮނުވާލާފައިވާ ބާރުގަދަ "ހަބްލް" ޓެލެސްކޯޕުން ހޯދި މިތަރިއަށް ސައިންސްވެރިން ދީފައިވާ ނަމަކީ، "ލާކަސް"އެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، މީގެ ކުރިން ފެނުނު ތަރިތަކާއި އަޅާ ބަލާއިރު، ލާކަސްއަކީ ތަފާތު ތަރިއެކެވެ. އެގޮތުން އެ ތަރިއާއި ގާތުގައި އެހެން ތަރިއެއް ނުވާއިރު، ދުނިޔޭގެ ޢާންމުކޮށް ފެންނަ މިފަދަ ތަރިތަކާއި ދާދި ގާތުގައި އިތުރު ތަރިތައްވެސް ހުންނަ ކަމަށް އެފަރާތްތަކުން ބުނެއެވެ. ހީވެސް ނުކުރާހައި ދުރު ހިސާބެއްގައި ދައުރުވަމުންދާ މި ތަރި ސައިންސްވެރިން ހޯދާފައިވަނީ، ހަބްލް ޓެލެސްކޯޕުގައިވާ ޚާއްސަ އާލާތްތައް ބޭނުންކޮށްގެން އޭގެ އަލި 2000 ގުނަ އިތުރަށް ފެންނާނެ ލެންސެއް މެދުވެރިކޮށެވެ.

މި ތަރިއާއި ގުޅޭގޮތުން މިހާތަނަށް ހޯދި ހޯދުންތަކަށް ބިނާކޮށް ދިރާސާވެރިން ބުނެފައިވަނީ، މިއީ ކައުނު އުފެދުނު ކަމަށް ބުނެވޭ "ބޮޑު ގޮވުން" (ބިގް ބޭންގް)ގެ 4.4 ބިލިއަން އަހަރު ފަހުން އުފެދުނު ތަރިއެއް ކަމަށެވެ. ބޮޑު ގޮވުން ނުވަތަ ބިގްބޭންގް ތިއަރީއަކީ، ކައުނު އުފެދުނުގޮތާ ބެހޭގޮތުން ޢިލްމުވެރިން މިހާރު އެންމެ ޤަބޫލުކުރާ ތިޔަރީއެވެ. ދިރާސާވެރިން ލަފާކުރާގޮތުގައި ލާކަސް އުފެދި ދައުރުވަމުންދަނީ ކައުނު މިހާރު ފެންނާން އޮތް ގޮތާއި ބޮޑުމިނަށް ބަލާއިރު 30 އިންސައްތައަށް އުފެދިފައިވަނިކޮށް ކަމަށެވެ. ލާކަސް އުފެދިފައިވަނީ ދައުރުވަމުންދިޔަ ގޮތްނޭނގޭ އަނދިރި މާއްދާ (ޑާކް މެޓަރ) އާއި ވިހަ ގޭސްތަކުން ފުރިގެންވީ ބިޔަ ދުންގަނޑެއް (ނެބިއުލާއެއް) އެކުވެގެން އުފެދުނު ދަމާ ބާރު (ގްރެވިޓީ) އިން އެއްވެގެން ކަމަށެވެ.

އަލަށް ފެނުނު މި ތަރި ހޯދުމާއި ގުޅިގެން އޭގެ އިތުރު ދިރާސާތައް މިހާރު ކުރިއަށްގެންދާއިރު، ތަޖުރިބާކާރުން ބުނެފައިވަނީ މި ތަރީގެ ހޯދުންތަކުގެ އަލީގައި ދުނިޔެ އުފެދުނު ބޮޑު ގޮވުމާއި އޭގެ އަސްލު ހޯދުމަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ސައިންސްވެރިން ބުނާގޮތުގައި ދުނިޔެ ހިމެނޭ މަޑިކިލަނބު (ގެލެކްސީ) ކަމަށްވާ ދަރުބު (މިލްކީ ވޭ) ގައި އެކަނިވެސް އިރުފަދަ 200 ބިލިއަންއަށްވުރެ ގިނަ ތަރި ވާނެއެވެ. ކާއިނާތުގެ ތެރޭގައި ދަރުބަ ފަދަ ސަތޭކަ ބިލިއަން މަޑިކިލަނބު އެކުލެވިގެންވާ ކަމަށް ލަފާކުރެވިފައިވާއިރު، މިއިން ކޮންމެ މަޑިކިލަނބެއްގައިވެސް އެތައް ސަތޭކަ ބިލިއަން އިރުފަދަ ތަރިއާއި ގުރަހަ ވާނެ ކަން، މިހާތަނަށް ހޯދުނު ހޯދުންތައް ހެކިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނގަބީލު

    ﷲ ގެ ކުޅަދުންވަންތަ ވެރިކަން

  2. ޢަލީ

    މަ މި ގަބޫލުނުކުރެވޭ ބުނީމަ އެވީ މޮޔަމީހަކައް

  3. ޓެކްނޮލޮޖީ

    “ޓެކްނޮލޮޖީ” އަށް ދިވެހިބަހެއް ނެތްތަ؟

    • kanbulo

      ތަރަށްގީ