އިންޓަނެޓަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން މިތުރުންނަށާއި ހަތުރުންނަށް އަދި އެންމެން ދަންނަ ތަރިންނަށް ހަދާލުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ. މިކަން އެތައް ފަހަރަކު، އެތައް ގޮތަކުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، ލޮލުން ކޮށްލި އެންމެ އިޝާރާތަކުން، ޕްރިޔާ ޕްރަކާޝްގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖެހުނެވެ.

ގިނަ ބައެއްގެ މެދުގައި މިހާރު މަޤުބޫލު ތަރިއަކަށް ވެފައިވާ ޕްރިޔާ މިހާރު މިވަނީ އަނެއްކާވެސް އޭނާގެ އާ ޖާދުލެއްގައި ގިނަ ބަޔަކު ޖައްސާފައެވެ. އޭނާގެ އަޑުން ކިޔާފައިވާ މަލަޔާލަމް ލަވައެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކަށް ވަނީ އެލަވަ ކަމުގޮސްފައެވެ.

"ނީ މަޒްހަވިއްލޫ ޕޯލެން" ނަމަކަށްކިޔާ އެ ލަވައިގެ ވީޑިއޯއެއް މިހާރު ޔޫޓިއުބަށް ލާފައިވާއިރު، އެ ލަވައިގައި އޭނާ އާއެކު ބައިވެރިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނަރޭޝް އީޔަރާ އެވެ. މި ލަވައިގެ ވީޑިއޯ އިން ފެނިގެންދަނީ ލަވަ ރެކޯޑު ކުރުމަށް ސްޓޫޑިއޯގައި އެމީހުން ކޮށްފައިވާ މަސައްކަތެވެ.

މިލަވައަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ "ވިއުސް" ލިބިފައިވާއިރު ލަވައިގައި ފެނިގެންދާ ޕްރިޔާގެ ހުނަރުވެރިކަމަށް ގިނަ ބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ.

މީގެ ކުރިންވެސް ޕްރިޔާ ލަވައެއް ކިޔާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ނަމަވެސް އެއީ ރަސްމީކޮށް އޭނާ ކިޔާފައިވާ ލަވައެއް ނޫނެވެ. ޕާޓީއެއްގެ ތެރޭގައި ރަހުމަތްތެރިންނާއެކު ހުރެ އޭނާ އެފަހަރު ކިޔާލި ލަވައިގެ ތަންކޮޅެއްވެސް ގިނަ ބަޔަކަށް ކަމުގޮސްގެން އެ ވާހަކަ ދައްކާފައި ވެއެވެ.

މަލަޔާލަމް ވީޑިއޯ ލަވައެއްގެ މަންޒަރަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި އުމުރުން 19 އަހަރުގެ ޕްރިޔާ އަދިވެސް މަސައްކަތް ކުރަމުން ދަނީ މަލަޔާލަމް ފިލްމް އިންޑަސްޓްރީގައެވެ. އެ ވީޑިއޯ ލަވަޔަށްފަހު އޭނާއަށް އެހެން ގިނަ އިންޑަސްޓްރީތަކުން ވެސް ފުރުސަތުތައް ލިބެމުންދާއިރު، ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ވެސް އޭނާ ފެނިދާނެ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.