މަޝްހޫރު މީސްމީޑިއާ މަންސަ، ޓްވިޓާގެ ސީއީއޯ، ޖެކް ޑޯޒީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

ހަތަރު މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ޖެކްގެ ޓްވީޓާ އެކައުންޓު ހެކަރުންގެ އަތްދަށުވެފައި ވާކަން ޓްވީޓާ އިންވެސް ރަސްމީކޮށް ހާމަކޮށްފައި ވާއިރު، އެ ކުންފުނިން ބުނީ، ޖެކްގެ އެކައުންޓު ހެކްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

ނޫސްތައް ބުނާގޮތުގައި ހެކަރުން ވަނީ ޖެކްގެ އެކައުންޓް އެފަރާތްތަކުގެ އަތްދަށަށް ގެންދިއުމަށްފަހު އެއިން ތަފާތު އެކި ޓްވީޓްތައްވެސް ކޮށްފައެވެ. ނަމަވެސް ޓްވީޓާއިން ވަނީ އޭގެ 20 ވަރަކަށް މިނެޓު ފަހުން އެކައުންޓު އަނބުރާ ހޯދައި އެއިން ހެކަރުން ކޮށްފައި ހުރި ޓްވީޓުތައް ޑިލީޓްކޮށްލާފައެވެ.

ޓްވީޓާގެ ތަރުޖަމާނަކު މީޑިއާގައި ބުނެފައިވާ ގޮތުގައި ޖެކްގެ އެކައުންޓް ހެކް ކޮށްފައިވަނީ، އެ އެކައުންޓަށް ލިންކުކޮށްފައިވާ މޯބައިލް ނަމްބަރު ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ އެ ނަމްބަރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ އިހުމާލުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޓްވީޓާގެ ސީއީއޯގެ އެކައުންޓު ހެކް ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން އެ ކުންފުންޏަށް މިހާރު އަމާޒުވަމުންދާއިރު، ޓްވީޓާ ބޭނުންކުރުން ރައްކާތެރިކަމާއި މެދުވެސް އެފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމަކީ ޓްވީޓާ އެކައުންޓުތަކުގެ ސެކިއުރިޓީގެ ދޯހަޅިކަމުން ދިމާވި ކަމެއް ކަމަށާއި، އެއްވެސް މީހެއްގެ އެކައުންޓަކަށް ރައްކާތެރިކަމެއް ނެތްކަން މިކަމުން އެނގިގެންދާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ޓްވީޓާއިން މިހާރު މި މައްސަލަ އިތުރަށް ބަލަމުންދާއިރު، މިފަދަ ކަމެއް ދެން އިތުރަށް ނުވާނެ ފަދަ ބަދަލެއް ޓްވީޓާއަށް ގެނައުމަށް ތައްޔާރުވަމުންދާކަމުގެ އަޑު ވަނީ ފެތުރިފައެވެ.