ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން އެ ގުޅުން ދަމަހައްޓައި ކައިވެންޏާއި ހަމައަށް ދަނީ މަދު ފަހަރެއްގައެވެ. އާންމު ގޮތެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އުޅުމުގައި ދިމާވާ މައްސަލަތަކުގައި އެގުޅުން ނިމި ދެމީހުން ވަކިވަނީއެވެ. އެހެންކަމުން މިކަމަކީ ކައިވެނީގެ ކުރިން، ގިނަ ބަޔަކު ސިއްރުން ނަމަވެސް ކުރަމުންދާ ކަމެކެވެ.

އަވައްޓެރި އިންޑިއާގައި މިވަނީ މިފަދަ ކަމެއްގެ ތެރެއިން ބަޔަކަށް ހީވެސް ނުކުރާ ފަދަ ގޮތެއް ދިމާވެފައެވެ. އެގޮތުން ސިއްރު ލޯބީގެ ބައްދަލުވުމެއްގައި ތިއްބައި އެޤައުމުގެ ބިހާރު ސްޓޭޓުގެ އަވަށެއްގައި މިވަނީ، ވަގުތުން ވަގުތަށް ދެމީހަކު ކައިވެނިކުރުވާފައެވެ.

ނޫސްތައް ބުނާގޮތުގައި މި ބައްދަލުވުމަށް ފިރިހެން މީހާ ދަންވަރުގެ ވަގުތުގައި ބިހާރުގެ ސާހިބްގަންޖު އަވަށުން، އޭނާގެ ލޯބިވެރިޔާ ދިރިއުޅޭ ކޮނިޔާ އަވަށަށް ގޮސް ދެމީހުން އެކުގައި ތިއްބައި ވަނީ ފަޅާއަރާފައެވެ. އެދެމީހުން އެފަދަ ސިއްރު ބައްދަލުވުންތަކަށް ގޮސް އުޅޭކަން އެނގިގެން އަވަށުގެ އެތައް ސަތޭކަ ބަޔަކު އެފަދަ ދުވަހަކަށް ތައްޔާރުވެގެން ތިބިއިރު، ދެމީހުން ސިއްރުން ބައްދަލުކުރަން ތިއްބައި ފަޅާއެރީ އެންމެންގެ ކުރިމަތިންނެވެ.

މިކަމާއި ގުޅިގެން އެއްވި މީހުން، އެ ދެމީހުން ހިފަހައްޓައިގެންގޮސް އަވަށުގައި ހިންގާ އަމިއްލަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގާތަށް ގެންދިޔައެވެ. އެއަށްފަހު ވަގުތުން ބޭއްވި މަޝްވަރާތަކެއްގައި ނިންމާފައި ވަނީ އެދެމީހުން ވަގުތުން ކައިވެނިކުރުވާށެވެ. އެގޮތުން ދެމީހުން އެކަކު އަނެނަކާއި ކައިވެނިކުރަން އެދޭތޯ އެ ދެމީހުންނާއި ވެސް ސުވާލު ކޮށްފައިވާއިރު، އެކަމަށް ދެމީހުންވެސް ރުހި ޤަބޫލުވި ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ދެލޯބިވެރިން ސިއްރުން ބައްދަލުވާން ގޮސް ތިބިތަނަށް ފާދިރީއަކު ވަގުތުން ގެންގޮސް، އިންޑިއާގެ ސަޤާފަތާއި އެއްގޮތަށް އެދެމީހުން ވަނީ ކައިވެނިކުރުވާފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި އިންޑިއާގެ ފުލުހުންވެސް ހަރަކާތްތެރިވެފައި ވެއެވެ. ނަމަވެސް އެކަމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އާންމު ގޮތެއްގައި އިންޑިއާގެ ބައެއް އަވަށްތަކުގައި ލޯބިވެރިން ގެންގުޅުމަކީ ބޮޑެތި އަބަދު ކަނޑައަޅާފައި އޮންނަ ކުށެކެވެ. މިގޮތުން ދެލޯބިވެރިއަކު ބައްދަލުވާން ތިއްބައި ފެނިއްޖެ ނަމަ އެމީހުން ހައްޔަރުކޮށްގެން ގެންގޮސް އަނިޔާކޮށް ހަދައެވެ. މީގެ ކުރިން މިފަދަ ހާދިސާ ތަކާއި ގުޅިގެން އެޤައުމުގައި ބައެއް މީހުން އަންދައި މަރާލާފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ

    އަދިވެސް ކިޔާނެ މުސްލިމުންނޯ ޒިނޭކުރާމީހުން އެއްވެސް ޝަރީއަތަކާ ނުލާ މީހުންނަށް އަދަބުދީ މަރަނީ. ޕާކިސްތާނާއި ބަންގަލަޑޭޝް ފަދަ އިންޑިޔާގެ ސަގާފަތުގެ ގައުމުތަކުގައި މިފަދަ ކަންތައް ހިނގާތީ ކުއްވެރިމިވަނީ އިސްލާމްދީން. އިސްލާމްދީނުގައި ނުވޭ ޒިނޭކުރާމީހުންނާއި ވައްކަންކުރާމީހުންނަށް މަގުމަތިން މާރާމާރި ހިންގައި އަދަބުދޭން. މިއީ ސީދާ އިންދިޔާ ސަގާފަތް. އަދިވެސް އިންޑިޔާގެ ސަޕޯޓަރުންނަށް ނުބައިމިވަނީ މުސްލިމުން.

    29
    1
  2. ޢިންޑިއަން

    ޢިންޑިޔާ އަކީ މޮޔައިން ގިނަ ގައުމެއް

    29