މަޝްހޫރު އެޕަލް ކުންފުނިން ޑްރައިވަރަކު ނެތި އަމިއްލައަށް ދުވާގޮތަށް ފަރުމާކުރެވިފައިވާ ކާރުތަކުގެ ތެރެގައި ވީ.އާރު ހެޑްސެޓް ބޭނުންކޮށްގެން ގޭމްކުޅެ މީހާ ހިތްހަމަޖައްސައިދޭފަދަ މާހައުލެއްވެސް އުފެއްދުމުގެ ގާބިލުކަން ލިބިގެންދާފަދަ ގޮތަކަށް ފަރުމާކުރަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

އެޕަލްއިން ވަނީ އަމިއްލައަށް ދުވާ ކާރުތަކުގެ ތެރޭގައި ވީ.އާރު ބޭނުންކޮށްގެން ފަސެންޖަރުން ވަގުތު ހޭދަކުރާނޭ ގޮތް ތަފްސީލުކޮށްދޭ ޕޭޓެންޓެއް ހުށަހަޅައިފައެވެ. އެފަދަ ކާރުތަކުގައި ކުޑަދޮރުތަކެއް ނުހުރެދާނޭކަމަށް އެޕަލްއިން ބުނެފައިވާއިރު ކާރުގެ އެތެރޭގައިވާ ސްކްރީންތަކެއް ބޭނުންކޮށްގެން ބޭރު ފެންނަފަދަ ގޮތަކަށްވެސް ފަރުމާކުރެވިދާނޭކަމަށް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.

އެގޮތަށް ކުޑަދޮރުތައް ނެތް ކާރެއްގައި ދަތުރުކުރަމުންދާއިރު އަސްލުވެސް ފެންނަން ހުންނަ މަންޒަރު ފެނުމުގެ ގާބިލުކަން އެ ޓެކްނޮލޮޖީއިން ދޭނޭއިރު އެހެން ރަށެއްގެ މަގުތައް ދެއްކުމުގެ ގާބިލުކަންވެސް އެ ޓެކްނޮލޮޖީއިން ލިއްބައިދޭނެއެވެ. އެޕަލްއިން ބުނާގޮތުގައި އެ ޓެކްނޮލޮޖީއަކީ ދުއްވާއެއްޗިހީގައި ދަތުރުކުރުމަށް ދަތިވާ ފަރާތްތަކަށް ހައްލެއް ގެނުވުމަށް ކުރެވޭ ކަމެކެވެ. އަދި އެ ކާރުތަކުގެ ތެރޭގައި ވީ.އާރު ހެޑްސެޓު ބޭނުންކޮށްގެން އެކި ވައްތަރުގެ ގޭމްވެސް ކުޅެވޭއިރު އެހެން ފަރާތްތަކާއިއެކު މުހިންމު ބައްދަލުވުންތައްވެސް ބޭއްވޭނޭކަމަށް ވަނީ ލަފާކުރެވިފައެވެ.

އެޕަލްއިން އަމިއްލައަށް ދުވާ ކާރުގެ އިންޑަސްޓްރީއަށް ވަންނަން އުޅޭކަމަށް ބުނާ އެތައް ރިޕޯޓްތަކެއް ފެންމަތިވެފައިވާއިރު އެޕަލްއިން ވަނީ އެ ކުންފުނީގެ އަމިއްލަ އެފަދަ ކާރުތަކެއް އުފެއްދުމަށް އެއްވެސް ވަރަކަށް ނުރާވާކަމަށް މިދިޔަ އަހަރު ބުނެފައެވެ. އެހެންނަމަވެސް އެޕަލްއިން ދަނީ އަމިއްލައަށް ދުވާ ކާރުގެ ޓެކްނޮލޮޖީ ބައެއް ކާރުތަކުގައި ބޭނުންކޮށް ޓެސްޓުކުރަމުންނެވެ. އެޕަލްއިން އެ އިންޑަސްޓްރީއަށް ވަދެއްޖެނަމަ އެ ކުންފުންޏަށް ޖެހޭނީ ޓެސްލާ، އޫބާރ އަދި ވޭމޯ ފަދަ އެ އިންޑަސްޓްރީގައި ފައިހަމަކޮށްފައިވާ ވަރުގަދަ ކުންފުނިތަކާއި ވާދަކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު