ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ބޮޑުވެފައި އޮތް ވަބާއެކެވެ. މި ވަބާޖައި ޖެހި ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ދުނިޔެއާއި ވަކިވެދާއިރު، ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ސިއްޙީ ގެއްލުމުގެ އިތުރުން ދުންފަތަކީ އޭގެ ސަބަބުން އެނޫންވެސް ގިނަ ގެއްލުންތަކާއި ކުރިމަތި ކުރުވާ ކަމެކެވެ. އެގޮތުން ތިމާގެ ބުރުސޫރަ އެކަމުގެ ސަބަބުން ގެއްލިގޮސް މީހާގެ ސިފަ ހުތުރުވާން ދިމާވެއެވެ.

ދުންފަތުން ލިބޭ ގެއްލުން ހޯދައި ބެލުމަށް ކުރާ ދިރާސާތައް އަބަދުވެސް ކުރަމުންދާއިރު، މި ހުރިހައި ދިރާސާއަކުންވެސް ފެންނާންއޮތް ހަޤީޤަތަކީ އެއީ ހުއްޓާލަން ޖެހިފައިވާ ނުރައްކާތެރި ވަބާއެއް ކަމެވެ. އެހެންކަމުން މި ބަލައިލަނީ ދުންފަތުގެ އިސްތިއުމާލް ކުރުމުން މީހާގެ ސިފައަށް އަންނަ ބަދަލުތަކަށެވެ.

ހަންގަނޑުގެ ކުލަ ބަދަލުވުން: ދުންފަތުގެ އިސްތިއުމާލް ކުރުމުން، ލެއާއި އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ދައުރުވާ ހޮޅިތަކަށް ގެއްލުން ލިބެއެވެ. ނިއުޓްރިއެންޓް، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލިބުމުގައި ހުރަސް އެޅޭނަމަ އެކަމުގެ ސަބަބުން ހަންގަނޑުގެ އެކި ތަންތަނުގައި ކުލަ ބަދަލުވެ ކުލަ ތަފާތުވާން މެދުވެރިވެއެވެ.

ހަންގަނޑުގައި ރޫޖެހުން: ދުންފަތުގެ ސަބަބުން ހަށިގަނޑުގެ ހުރިހައި ހިސާބަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މިގޮތުން ދުންފަތުގައި ހިމެނޭ ޓޮބެކޯގައި އެކުލެވޭ 4000 އަށްވުރެ ގިނަ ކެމިކަލްގެ ސަބަބުން ހަންގަނޑު ހަލާކުވެ ރޫޖެހެން ދިމާވެއެވެ.

ދަތްތައް ހަޑިވުން: ދުންފަތުގެ ދުން ޖެހުމުން ދަތްތަކުގެ ކުލަ ބަދަލުވެ، އަނގައިން ނުބައިވަސް ދުވާން މެދުވެރިވެއެވެ. މިކަމުގެ ސަބަބުން އަނގައިގައި ފާރު އުފެދި ބައެއް ހާލަތުތަކުގެ ކެންސަރަށްވެސް މަގުފަހި ކުރުވައެވެ. ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ދަތްތައް ރަތްވެއްޖެ ނަމަ، އެކަން ޙައްލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ނިޔަފައްޗާއި އިނގިލިތައް ރަތްވުން: ދަތްތަކެކޭ އެއްފަދައިން ދުންފަތުގެ ވިހަ ދުން ޖެހުމުން ސިނގިރޭޓުގައި ޢާންމުކޮށް ހިފަހައްޓައިގެން ހުން އިނގިލިތަކާއި ނިޔަފަތިތައް ރަތްވެއެވެ. މިއީ އާދަކޮށް ދުންފަތުގެ އިސްތިއުމާލްކުރާ މީހުނަށް ދިމާވާ ކަމެކެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމުން، އިނގިލިތަކާއި ނިޔަފަތީގައި ހުންނަ މި ކުލަ ފިލައިދެއެވެ.

ބޮލުން އިސްތަށި ފޭބުން: ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ބޮލުން އިސްތަށި ފޭބުމާއިވެސް ގުޅިފައިވާ ކަމެކެވެ. ދުންފަތުގައި އެކުލެވޭ ބާއްދާތަކުގެ ސަބަބުން ގުދުރަތީ ގޮތުން އިސްތަށިތައް ވަރުގަދަކޮށްދޭ ބައިތަކަށް ގެއްލުންވެއެވެ. ބައެއް ހާލަތުތަކުގައި ދުންފަތުގެ ސަބަބުން އިސްތަށިފައިބާ މީހުންގެ ބޯ ވަރަށް އަވަހަށް ތަލަވެއެވެ. ނަމަވެސް ބޯ ތަލަވުމަށްފަހު މި ޢަމަލު ހުއްޓާލިނަމަވެސް އަލުން ބޮލުގައި އިސްތަށި ފެޅުމަކީ މަދު ފަހަރެއްގައި ނޫނީ ނުވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރު

    ހަމަ ބުއްދިން ވިސްނަލަބަލަ . ދުންފަތް ބޭނުން ކުރިޔަސް ނުކުރިޔަސް ކެންސަރު ޖެހޭ. ހަމަ ލަންގް ކެންސާވެސް ޖެހޭ. ބަޔަކު ބޯން ބޭނުން ނުވީމަ ފޭކުވާހަކަތަށއ ފަތުރަނީ. މާލޭގެ މަގުމަތިން ވެހިކަލްތަކުން އަރާ ކާބަން މޮނޮކްސައިޑްވެސް ސިގިރޭޓަށއވުރެ ނުރައްކާ. ހަމަ ބުއްދި. ކޮމަން ސެންސް ބޭނުންކޮއްލާ

    7
    5