ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި މަޤުބޫލު މީސްމީޑިއާ މަންސަ، ފޭސްބުކްގެ "ލައިކް ކައުންޓް" އާންމުންނަށް ނުފެންނަ ފަދަ ބަދަލެއް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާގޮތުގައި ފޭސްބުކަށް މި ބަދަލު ގެނައުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު އެ ކުންފުނީގެ އޮފިޝަލުންގެ ފަރާތުން މިހާރު ވަނީ ލިބިފައެވެ. ނަމަވެސް މިކަން ފޭސްބުކުން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ފޭސްބުކް ލައިކް ކައުންޓް ނުފެންނަ ގޮތަށް ހަދަން އުޅޭކަމުގެ އަޑު ފެތުރިފައިވާއިރު، އެ ކުންފުނިން ހިންގާ މީސްމީޑިއާ މަންސަ، އިނސްޓަގްރާމުން ވަނީ ލައިކް ކައުންޓް ނުފެންނަ ގޮތަށް އިންސްޓަގްރާމަށް ބަދަލެއް ގެނައުމުގެ ޓެސްޓުތައް ކުރަމުންދާކަން ރަސްމީކޮށް ހާމަކޮށްފައެވެ. އިންސްޓަގްރާމުން ވަނީ އެ މީސްމީޑިއާ މަންސައިގައި އާންމުކުރާ ވީޑިއޯތަކުގެ "ވިއުސް" ވެސް އާންމުންނަށް ނުފެންނާނެހެން ހަދަން ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެވެ.

ބައެއް މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވާގޮތުގައި، ފޭސްބުކު ފޮޓޯ، ވީޑިއޯ އަދި އެނޫންވެސް ޕޯސްޓުތަކަށް ލިބިފައިވާ ލައިކްގެ އަދަދު އާންމު ފަރާތްތަކަށް ނުފެނުނަސް، އެ ޕޯސްޓެއް އާންމުކުރާ އެކައުންޓެއްގެ ވެރިފަރާތަށް ލައިކް ކައުންޓް ފެންނާނެއެވެ. މި ބަދަލު ފޭސްބުކާއި އިންސްޓަގްރާމަށް ގެންނަން އުޅޭ ސަބަބެއް އަދި، މި ބަދަލު ފޭސްބުކަށް ގެންނާނެ އިރެއް އެނގިފައެއް ނުވެއެވެ.

ޓްވީޓާއިންވެސް މީގެ ކުރިން މިފަދަ ބަދަލެއް ގެނައުމަށްޓަކައި ޓެސްޓުތަކެއް ކުރިޔަށް ގެންދިޔައެވެ. ލައިކްގެ އަދަދު ނުފެންނަ ގޮތަށް ޓްވީޓާއަށް ބަދަލު ގެނައުމުން މީހުން ޓްވީޓުތަކަށް ދޭ ސަމާލުކަން ކުޑަވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވ.ރަގަޅު

    ޔެސް ކޮންލައިކެއްތަ؟ ބޭ ނުމެއްވެސްނޫން ލައިކެއް.. ވ ވ ތާއީދު..އަވަސް ކުރައްވާ

    9
    1
  2. XD

    ލައިކެއްނޫން. މަ ބޭނުމެއްނޫން ފޭސްބުކެއްވެސް ދެކޭކަށް.