ރޭގަނޑުގެ ކެއުމުގައި ގިނައިން ޕާސްތާ ހިމެނުމުން ބަރުދަން ލުއި ކޮށްދިނުމަށް އެހީ ވެދޭ ކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، ކާބޯހައިޑްރޭޓްގެ އެހެން ވައްތަރުތަކާއި ޚިލާފަށް ޕާސްތާއާއި ސްޕެގެޓީ އަދި މެކްރޯނީގައި ޖީ.އައި އިންޑެކްސް އެކުލެވިގެންވާ ނިސްބަތް މަދުކަމަށާއި މިކަމުގެ ސަބަބުން ލޭގައި އުފެދޭ ހަކުރުގެ ނިސްބަތް މަދުވާނެއެވެ.

"ޕާސްތާ ވެސް ވަކި ޑައިޓް ޕްލޭން އަކުން ބޭނުން ކުރީމަ ބަރުދަން ލުއިކުރެވޭނީ. ހެނދުނުގެ ބަދަލުގައި ރޭގަނޑު ބޮޑަށް ކެއުން އެދެވިގެންވަނީ" މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ ޖޯން ވިދާޅުވެފައިވެއެވެ.

ހެނދުނު ހޭލާ ގޮތަށް ޕާސްތާ ފަދަ ކާބޯހައިޑްރޭޓް ހުންނަ އެއްޗެއް ބޭނުން ކުރުމުގެ ބަދަލުގައި، ހަވީރު ނުވަތަ ރޭގަނޑު މި ފަދަ ތަކެތި ބޭނުން ކުރުމަށް މި ދިރާސާ ކުރެއްވި ފަރާތްތަކުން ބާރުއަޅުއްވައެވެ. އެއީ ހެނދުނު މި ފަދަ ލޭގައި ހަކުރު އުފެދުމަށް މަގުފަހި ކުރުވާ އެއްޗެއް ބޭނުން ކުރުމުން ބަނޑުހައިވާލެއް އަވަސްވެފައި ގިނައިން ކެވޭނެތީ ކަމުގައިވެސް މި ދިރާސާގެ ނަތީޖާގައި ވެއެވެ.

2448 މީހުން ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެމީހުންގެ ކެއުން ހުންނަ ގޮތް ހަފްތާއެއް ވަންދެން އޮބްޒާރވްކޮށްފައިވެއެވެ. އަދި ގްރޫޕްތަކަކަށް ބަހާލުމަށްފަހު އެއްބަޔަކު ޕާސްތާ ހެނދުނު ކައިފައިވާއިރު، އަނެއް ބަޔަކު ޕާސްތާ ކައިފައިވަނީ ރޭގަނޑެވެ. އަދި ދެ ބައިމީހުންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ދިރާސާ ކުރެއްވި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.