ފުޓުބޯޅަ މެޗެއްގެ ތެރެއިން ރަންވީރު ސިންގުގެ ކޮނޑަށް ލިބުނު އަނިޔާ ފަސޭހަވަމުން އަންނަކަމަށާއި އެނބުރި ވަރުގަދަކޮށް އަންނާނެކަމަށް އޭނާ ބުނެފިއެވެ. ރަންވީރު މިހެން ބުނެފައިވަނީ އޭނާގެ ފޭނުންގެ ކަންބޮޑުވުންތަކަށް ޝުކުރު އަދާކުރަމަށް ކުރި ޓްވީޓެއްގައެވެ.

އެޓްވީޓުގައި ރަންވީރު ބުނެފައިވަނީ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާތަކަށް އޭނާ ޝުކުރު އަދާކުރާކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށާއި އެއީ ހަމައެކަނި ކޮނޑަށް ލިބުނު ގެއްލުމެއްކަމަށާއި މިކަމުން އަރައި ގެނެ، އިތުރު ވަރުގަދަކަމާއެކު އޭނާ އެނބުރި އަންނާނޭ ކަމަށެވެ.

ރަންވީރަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާ ހުށަހަޅަން ހަމަޖެހިފައި އޮތް ނެށުމުގެ އައިޓަމެއްވެސް ދާދިފަހުން ކެންސަލުކޮށްފައިވާކަމަށް، 32 އަހަރުގެ އެކްޓަރުގެ ތަރުޖަމާނަކު އިއްޔެ ބުނެފައިވެއެވެ.

އެހެންނަމަވެސް، އޭނާ މިހާރު ކުރަމުންދާ "ގުލީ ބޯއީ" ގެ ޝޫޓިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށްވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އަދި، ފިލްމުގައި ބާކީ ހުރީ މަދު މަންޒަރުތަކެއްކަމަށްވެސް ބުނެފައިވެއެވެ.

ރަންވީރުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރިކަމަށްވެސް ނޫސްތަކުން ބުނެއެވެ.