ދުނިޔެއިން މީގެ ކުރިން ފެނިފައިނުވާ، އާ ވައްތަރެއްގެ ސާރެއް (ޑައިނޮސޯ) އެއްގެ ކަށިތަކެއް ޖަޕާނުގެ ސައިންސްވެރިން ހޯދައިފިއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ޖަޕާނުން ފެނުނު މި ސާރުގެ ކަށިތަކަކީ، އެޤައުމުން މިހާތަނަށް ފެނުނު އެންމެ ބޮޑު ސާރުގެ ކަށިތައް ކަމަށެވެ. އެގޮތުން މި ސާރުގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މީގެ 72 އަހަރު ކުރިން ދުނިޔެއިން ނެތިގެން ދިޔަ ކަމަށް ޤަބޫލުކުރެވޭ މި ސާރުގެ ކަށިތައް ފެނިފައިވަނީ، ޖަޕާނުގެ ހޮއްކައިޑޯ ޔުނިވާސިޓީން ކުރި މަސައްކަތުންނެވެ. އެގޮތުން އެންމެ ފުރަތަމ މި ސާރުގެ ކަށިތަކުން ބައެއް 2013 ވަނަ އަހަރުގައި ފެނުނު ފަހުން، މިއީ ކުރިން ފެނިފައި ނުވާ ވައްތަރެއްގެ ސާރެއް ކަމަށް ޤަބޫލުކުރެވޭތީ އެފަރާތްތަކުން ވަނީ ބިންގަނޑު އިތުރަށް ކޮނެގެން ކަށިތައް ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މި ހޯދުންތައް ހޯދުމުގައި ބައިވެރިވި ދިރާސާވެރިން ބުނެފައިވާގޮތުގައި، މިހާރު ހޯދާފައިވާ ސާރުގެ ކަށިތަކުން އެއްކުރި މައުލުމާތަށް ބަލާއިރު، އެ ސާރު މަރުވެފައި ވަނީ އޭގެ އުމުރުން އެންމެ 9 އަހަރުގައެވެ. އޭރު އޭގެ ބަރުދަނުގައި ގާތްގަނޑަކަށް ހަތަރު ޓަނާއި 5.3 ދެމެދުގެ ބަރުމިނެއް ހުންނާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ސާރަކީ އާންމު ގޮތެއްގައި އައްސޭރީގެ ސަރަޙައްދުތަކުގައި އުޅެމުން ދިޔަ ވައްތަރެއްގެ ސާރެއް ކަމަށް ވެއެވެ. ޖަޕާނުގެ ސައިންސްވެރިން މިހާރު ދަނީ މި ހޯދުނު ހޯދުންތަކާއެކު އޭގެ އިތުރު މަޢުލޫމާތު އެއްކޮށް ދިރާސާ އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.