ސަލްމާން ޚާން އޭ ބުނުމުން ނުދަންނަ މީހަކު މަދުވާނެއެވެ. އެތައް ބައްއެއްގެ ލޯތްބާއި ސަޕޯޓު ލިބިފައިވާ މި ފިލްމީ ތަރީގެ ނަން މުޅި އިންޑިޔާގައާއި ބޮލީވުޑް ފިލްމު ތަކަށް ލޯބި ކުރާ އެންމެންގެ ހިތްތަކުގައިވެސް ފަލަ އަކުރުން ވަނީ ފަވާލެވިފައެވެ.

ފިލްމީ ދުނިޔޭގައި ސަލްމާންގެ ފިލްމު ތަކަށާއި ލަވަތަކަށް ގިނަ ބަޔަކު ހާއްސަ ސަމާލު ކަމެއް ދޭއިރު އެބައެއްގެ ހިތުގައި މި ކުޅަދާނަ ތަރިއަށް ހާއްސަ ގަދަރެއް ދެވިފައިވެއެވެ.

ކަން މިހެން އޮތް އިރު މިހާރު މީސްމީޑިޔާގައި ދައުރުވަމުން މިދާ ވީޑީޔޯއަށް ގިނަ ބަޔެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ސަލްމާން ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ ވީޑިއޯއެއް މުޅި މީސްމީޑިއާގެ ތެރޭގައި ދައުރުވަމުން ދާއިރު މި ވީޑިއޯއަށް ސަލްމާން ޚާންއަށް ސަޕޯޓް ކުރަމުން އަންނަ ގިނަ ބަޔަކަށް ވަނީ މިކަން ކަމުނުގޮސްފައެވެ.

އަދި ހަމަ އެއާއެކު އެއްބަޔަކު މިކަމާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާއިރު އަނެއް ބަޔަކު އެއްޗެއް ނުބުނި ކަމަކުގައި ވީނަމަވެސް މިފަދަ އަމަލެއް އޭނާގެ ފަރާތުން ފެންނާކަށް ނޭދެއެވެ.