އިންޑިއާއިން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ފައި ހަމަކުރުމުގެ ގޮތުން، ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު، ހަނދުގައި ނުޖެއްސެނީ ގުޅުންކެނޑި ހަނދަށް ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާއިން، އެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފިއެވެ.

ނާސާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ޖައްވަކީ އުނދަގޫ ތަނެއް ކަމަށެވެ. އަދި ހަނދުގައި ޖެއްސުމަށް އިންޑިއާގެ ޖައްވީ އިދާރާއިން ކުރި މަސައްކަތަށް ތައުރީފުކުރާ ކަމަށާއި، އެ އިދާރާއިން ނާސާ ފަޚުރުވެރިކޮށްދީފި ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި އިންޑިއާގެ ޖައްވީ އިދާރާ އާއި ނާސާ އާއި ގުޅިގެން ކައުނު ބަލައި ހޯދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތަކަށް އިންތިޒާރުކުރާ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

އެތައް އުންމީދަކާއެކު އެތައް ހޭދައެއް ކޮށްގެން، އިންޑިއާ އިން އުދުއްސާލި އުޅަނދު، "ޝަންދްރަޔާން-2" އާއި ގުޅުން ކެނޑި "މިޝަން ފެއިލް" ވެފައި ވަނީ، ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އުޅަނދަށް ގެއްލުމެއް ނުވާނެހެން "މަޑުމަޑުން" ޖެއްސުމަށް ކުރި އެ މަސައްކަތް ނާކާމިޔާބުވީ، ޖައްސަން އުޅުމުގެ ތެރޭގައި، އެންމެ ފަހު ވަގުތުކޮޅު އޭގެ "އަލްޓިޓިއުޑް" ހިފަހައްޓާ ޚާއްސަ އިންޖީނު ނިވުމުގެ ސަބަބުންނެވެ.

"ޗަންދްރަޔާން-2" ހަނދުގައި ޖައްސަން އުޅެނިކޮށް ހިނގި މި ހާދިސާގައި އެ އުޅަނދަށް ލިބުނީ ކިހައި ގެއްލުމެއްކަން އަދި ޔަޤީންކުރެވިފައި ނުވީނަމަވެސް، ދެ ކިލޯމީޓަރު މަތިން، ބަރުގަދަނުގައި ގާތްގަނޑަކަށް 1.5 ޓަނު ހުރި މި އުޅަނދު ވެއްޓިއްޖެ ނަމަ އުޅަނދަށް ބޮޑެތި ގެއްލުންވާނެ ކަމަށް ބެލެވިފައި ވެއެވެ.

"ޗަންދްރަޔާން-2" ހަނދަށް ދިއުމުގެ ދަތުރު ފަށައި އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސްޓޭޝަނުންނެވެ. ދުނިޔޭގެ އޯބިޓުން ނިކުމެ ހަނދަށް ސީދާ ދަތުރު މި އުޅަނދުން ފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. "ޗަންދްރަޔާން-2" މިރޭ ހަނދުގައި ޖައްސަން މަސައްކަތް ކުރީ، މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ހަނދުގެ އޯބިޓަށް ވަދެ، ހަނދުގެ ވަށައިގެން ދައުރުވުމަށްފަހުއެވެ.

''ޗަންދްރަޔާން-2'' އާއި މުއާސަލާތީ ގުޅުން ކެނޑިގެންދިޔައީ ހަނދުގެ 2.1 ކިލޯމީޓަރު މަތީގައި ވަނިކޮށެވެ. އިންޑިއާ އިން ހަނދަށް ދާން ކުރި މަސަތްކަތް ނާކާމިޔާބު ވެގެން ގޮސްފައިވާއިރު މި އަހަރުގެ ކުރީކޮޅު ހަނދަށް ދިއުމަށް އިސްރާއިލް އިން ކުރި މަސަތްކަތް ވެސް ނާކާމިޔާބުވެފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ.

ދުނިޔޭގެ ތާރީޚުގައި ގިނަ ގައުމުތަކަކުން ވަނީ ހަނދަށް ދިއުމަށްޓަކައި ވަރަށް ގިނަ ފަހަރު މަސަތްކަތްކޮށްފަ އެވެ. އޭގެ ތެރެއިން ކާމިޔާބުވީ ތިން ޤައުމަކަށެވެ. އެއީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިޔަތު

    މޯދީ ދޭބަލަ މަހަށް. އަދި ޗައިނާއަށް ހަނދަށް ދެވުނަސް އިންޑިއާއަށް ދެވޭނީ ފަރަށް.

    36
    2
  2. ބަބުޅި

    އީރާނުން ރޮކެޓް ގޮވީމަ އެމެރިކާނުގެ ރައީސަކު ޖޯކްޖަހާ ޓްވީޓްކުރީ، އިންޑިޔާއިންވީމަ ތައުރީފް!

    14