ތުއްތު ކުދިންނަކީ ގިނަވަގުތު ނިދި ބޭނުންވާނެ ބައެކެވެ. މިގޮތުން ނިދި ރަނގަޅަށް ލިބުމުން، ކުދިންގެ ސިކުނޑި ތާޒާވެ އެކުދިން ހެދި ބޮޑުވުމަށް އިތުރު އެހީއަކަށްވާއިރު، ސިއްޙީ އެނޫންވެސް ގިނަ ފައިދާތަކާއި އެކަން އޮންނަނީ ގުޅި ލާމެހިފައެވެ. ނަމަވެސް ދާދިފަހުން ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވެފައި ވަނީ، ކުދިން ނިދަން ބާއްވާ ގޮތަކުންވެސް އެކުދިންނަށް ސިއްޙީ ނުރައްކާ އޮތްކަމެވެ. އަދި އެކަމުން ކުދިންގެ ފުރާނައަށްވެސް ގެއްލުން ވެދާނެ ކަމަށް އެ ދިރާސާއިން ހެކިދީފައި ވެއެވެ.

އެމެރިކަން އެކަޑަމީ އޮފް ޕެޑިއެޓްރިކްސް (އޭއޭޕީ)ގެ ދިރާސާވެރިން ކުރިއަށްގެންދިޔަ މި ދިރާސާ އާއި ގުޅޭގޮތުން، ތަޖުރިބާކާރުން ބުނެފައިވަނީ ނިދަން ބާއްވާ ގޮތަކުން އެންމެ ބޮޑަށް ގެއްލުން ލިބެނީ އުފަންވާތާ ގިނަދުވަސް ނުވާ ތުއްތު ކުދިންނަށް ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ތުއްތު ކުދިން ނިންދެވުމަށްޓަކައި އެނދުމަތީގައި މޫނު ވަތަށް ބާއްވާކަމަށާއި، މިކަމުން ކުދިންނަށް ނޭވާލާން ހުރަސް އެޅި ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްވެ ކުއްލި ގޮތަކަށް މަރުވާން ދިމާވާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ހަމަ އެހެންމެ ކުޑަ އެނދުގައި ތުއްތު ކުއްޖާ ނިދަން ބާއްވާއިރު، އެނދުމަތީގައި ގިނަ ބާލީހާއި ކުޅޭތަކެތި ހުރުމުންވެސް، އެކުދިންނަށް ސާފު ވަޔާއި އޮކްސިޖަން ލިބުމަށް ހުރަސް އެޅި ވޭންދެނިވި ނުރައްކާތެރި ޙާލަތުތައް މެދުވެރިވާން ދިމާވާ ކަން އޭއޭޕީގެ ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ތަޖުރިބާކާރު، ޑރ ރަޝެލް މޫން ބުނެފައި ވަނީ، "ކުޑަކުދިން ނިންދެވުމުގައި، ޚާއްސަކޮށް ކުއްޖާ ބަލަން އެހެން މީހަކާއި ޙަވާލުކުރުމަށްފަހު އެކުދިން ނިންދަވާ ގޮތް ރަނަގަޅަށް ބަލަން ޖެހޭ. އަދި އެކުދިން ނިންދަވަނީ އެއްވެސް ފަރާތަކުން މޫނު ނުފޮރުވޭ ގޮތަށް ކަމާއި، ގައި ދަށުގައި ބާލީހާއި ކުޅޭތަކެތި ނެތްތޯ ޔަޤީންކުރަން ޖެހޭ،" ކަމަށެވެ. އޭނާ ބުނާގޮތުގައި، އެންމެ ރައްކާތެރި ގޮތަކީ ތުއްތު ދަރިފުޅު ވަކިން ކޮޓަރިއެއްގައި ބޭއްވުމުގެ ބަދަލުގައި، ނިދާ ވަގުތު އަބަދުވެސް ފެންނާނެ ފަދަ ތަނެއްގައި ބޭއްވުމެވެ.

އޭއޭޕީގެ ދިރާސާއިން ހާމަވެފައިވާގޮތުގައި، ނިދަން ބޭއްވޭ ގޮތަކުން ނުވަތަ ނިދާއިރު ނޭވާލާން ހުރަސް އެޅުމުގެ ސަބަބުން ކޮންމެ އަހަރަކު އެމެރިކާއިން އެކަނިވެސް 4000 އާއި ގާތްކުރާ އަދަދަކަށް ތުއްތު ކުދިން މަރުވެއެވެ. މީގެ ތެރެއިން 20 އިންސައްތަ ކުދިން މަރުވަނީ ކުދިން ބެލެހެއްޓުމަށް ޙަވާލުކޮށްފައި ހުންނަ މީހެއްގެ އިހުމާލުން ކަން ދިރާސާއިން ވަނީ އެނގިފައެވެ.