ހޮންކޮންގްގައި ފުލުހުންނަށް، ކާން "ރޯ ކުކުޅު" ހުރި ޕާރުސަލް ތަކެއް ފޮނުވައިފިއެވެ. ޝެއުންގް ޝުއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނަށް ހުކުރުދުވަހުގެ ރޭ ކާން ލިބުނު 100 ޕާރުސަލް ފޮށިތަކުގައި ހުރީ ޕާސްތާގެ މައްޗަށް ފިޔާތޮށި ކުލައިގެ ރޯ، ކުކުޅު އަޅާފައެވެ.

ހޮންކޮންގް ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަތާ 14 ވަނަ ހަފްތާ އަށް އެޅުނިއިރު، އެގައުމުގެ ފުލުހުން ނޭވާ ނުލެވިގެން އުޅެނިކޮށް މުޒާހަރާ ތަކުގެ މެދުން، ކާން ވެގެން ފުލުހުން ޕާރުސަލްތައް ހުޅުވައިރު ފެނުނީ ނުކައްކާ ހުރި ރޯ ކުކުޅެވެ. އެއްވެސް ފުލުހަކު މި "ޕާސްތާ" ނުކައެވެ. ފުލުހުން ވަނީ ލަހެއް ނުވެ އެހެން ތަންތަނުން އެރޭގެ ކެއުން އޯޑަރުކޮށްފައެވެ.

ޗައިނާގެ ބޯޑަރު ހިއްސާ ކުރާ ޝެއުންގް ޝުއި ސަރަހައްދަކީ މުޒާހަރާތައް މިހާރު އެންމެ ހޫނުވެފައި އޮތް ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ދަނީ އެ ސަރަޙައްދަށް "ވެރިވެގަނެގެން އުޅޭ" ޗައިނާ ޓޫރިސްޓުންނާއި ވިޔަފާރިވެރިންގެ ކިބައިން އަލުން އެ ސަރަހައްދު ހޯދުމަށް ގޮވާލަމުންނެވެ.

ފުލުހުންނަށް ރޯ ކުކުޅު ކާން ލިބުނު މައްސަލަ މެދުވެރިވާން ދިމާވި އަސްލު ސަބަބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ބަދިގެއިން ދިމާވި ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން ތޯ ނޫނީ މުޒާހަރާ ތަކާއި ގުޅިގެން ހިނގި ކަމެއް ތޯ އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިމައްސަލަ ބަލަމުންދާ ކަމެއް ނުވަތަ ނޫންކަމެއް ހޮންކޮންގް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.