ބިން (އާތު/ދުނިޔެ) ހިމެނޭ ސޫރުދަ ނިޒާމުގައި (ސޯލާ ސިސްޓަމް)ގައި ބިމާއި އެންމެ ގާތުގައިވާ ގުރަހަ (ޕްލެނެޓް)، ވީނަސް (ޒުހުރަތު)ގައި އޭލިއަން ދިރުމެއް ވެދާނެ ކަމަށާއި އެކަމަށް ބާރުދޭ ހެކިތަކެއް ހޯދިފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފިއެވެ.

ދުނިޔެ އާއި 261 މިލިއަން ކިލޯމީޓަރު ދުރުގައިވާ، މި ސޫރުދަ ނިޒާމުގެ އެންމެ އަލިގަދަ އަދި އެންމެ ހޫނު ގަދަ ގުރަހަ، ޒުހުރަތުގައި ދިރުން ވެދާނެ ސައިންސްވެރިން ބުނެފައި މިވަނީ، ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައިވާ ބާރުގަދަ ޖައްވީ އުޅަނދުތަކާއި އާލާތްތައް ބޭނުންކޮށްގެން ހޯދި ހޯދުންތަކާއި ހެކިތަކުގެ އަލީގައެވެ.

ދުނިޔެ ނޫން އެހެން ގުރަހައެއްގައި، ނުވަތަ ކައުނުގެ އެއްވެސް ހިސާބެއްގައި އިތުރު ދިރުމެއް ވޭތޯ ބެލުމަށް ސައިންސްވެރިން ދިރާސާކުރާތާ އެތައް ޒަމާނެއް ވެފައިވާއިރު، ޒުހުރަތުގެ ކަންކަން ބަލަމުންދިޔަ ޓީމުން ބުނެފައިވަނީ ދިރުންތައް ހުރުމުން ފެންނާނެ ފަދަ ހެކިތައް ޒުހުރަތުން ފެންނަމުންދާ ކަމަށެވެ. ނަމަވެސް އެ ގުރަހައިގައި ދިރުމެއް ވީނަމަވެސް އެ ދިރުން ވާނީ ބެކްޓީރިއާ ނުވަތަ ޖަރާސީމު ފަދަ ކުދި ދިރުމަކަށް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

 

ސައިންސްވެރިން ވަނީ، ޒުހުރަތުގެ ބިންގަނޑުގެ މަތީ ފަށަލައިން ދުނިޔޭގައި ޗަކަ ބިން ސަރަޙައްދުތަކުންވެސް ފެންނަ ފަދަ، ބެކްޓީރިއާތަކުގެ ސަބަބުން އުފެދޭ "ޕެޗް"ތަކެއް ހޯދާފައެވެ. މިއީ ބެކްޓީރިއާ ފަދަ ކުދިން ދިރުންތައް އިރުގެ އަލި ނަގައިގަތުމާއި އެކު ހަކަތަ ލިބިގަތުމަށް އުފައްދާ ބައެއް ކަމަށް ވެއެވެ.

ވިހަ މާއްދާތަކުން ފުރިގެންވާ ޒުހުރަތުގައި ވއްސާރަ ވިލާގަނޑުތައް އުފެދިފައިވަނީ ސަލްފިއުރިކް އެސިޑުންނެވެ. އަދި ވާރޭގެ ގޮތުގައި ވެހެނީ އެސިޑެވެ. އެ ގުރަހައިގެ ބިންމަތީގައި މި އެސިޑު ގިނަ ޢަދަދަކަށް ހުރުމުން ގުރަހައަށް އެޅޭ އަލީގެ 75 އިންސައްތަ "ރިފްލެކްޓް" ކުރެއެވެ. މި ސޫރުދަ ނިޒާމުގެ އިރާއި އެންމެ ގާތުގައިވާ އަތާރިދު (މާކިއުރީ) އަށްވުރެވެސް ވީނަސް އަލިގަދަވާ ސަބަބަކީ މިއީއެވެ. ޢާންމު ގޮތެއްގައި ރޭގަނޑުގެ ވަގުތުތަކުގައި ދުނިޔެއަށްވެސް ވީނަސްގެ އަލިކަން ފެންނާން ހުރެއެއެވެ.

ދުނިޔޭގައިވާ ދިރުންތަކަށް އެކަށީގެން ނުވާނެ ހުރިހައި ސިފަތަކެއް ލިބިފައިވާ ޒުހުރަތުގެ ޢާންމު ފިނިހޫނުމިނަކީ 462 ޑިގްރީ ސެލްޝިއަސް އެވެ. ޒުހުރަތުގެ މި މާޙައުލަކީ ދުނިޔޭގެ ދިރުންތައް އިސާހިތަކު އަނދައި އަޅިއަށްވެގެންދާނެ ފަދަ ހޫނުގަދަ މާޙައުލަތަށް ވާއިރު، އެ ގުރަހައިގައި ދިރުމެއް ވާނަމަ އެ ދިރުން ވާނީ އާދަޔާއި ޚިލާފު، ބާރުގަދަ ދިރުމަކަށް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ބެކްޓީރިއާ ފަދަ ދިރުމެއް އެ ގުރަހައިގައިވާނަމަ، އެތަކެތި ބޭނުންކުރާނީ ވައިގެ ތެރޭގައި ހުންނަ ކާބަންޑައިއޮކްސައިޑް ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

ޖައްވީ ހޯދުންތައް ހެކިދޭ ގޮތުގައި، މީގެ ދެ ބިލިއަން އަހަރުކުރިން ޒުހުރަތަކީ ދުނިޔެ ފަދަ، ދިރުންތަކަށް އެކަށީގެންވާ މާޙައުލެއް ލިބިފައިވީ، ފެން ހުރި ގުރަހައެކެވެ. އޭރުގައި އެ ގުރަހައިގައި ދިރުންތައް ވާނެ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. ނަމަވެސް މިކަމަށް ހެކިދޭ ކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ޒުހުރަތުގައި އޭލިއަން ދިރުމެއް ވެދާނެ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފައިވާއިރު، ބެކްޓީރިއާއެއް ނަމަވެސް އެ ގުރަހައިން ހޯދިއްޖެނަމަ ސުވާލު އުފެދިފައިވާ އެތައް ކަމެއްގެ ޖަވާބު ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި ދުނިޔޭގެ ބޭރުން އެހެން ގުރަހަތަކުގައި އުޅޭ ދިރުންތައް ހޯދައި އެ ދިރުންތައް ދުނިޔެއަށް ކުރިމަތި ކުރުވަފާނޭ ނުރައްކަލަކުން ސަލާމަތްވުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާނެ ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އެހެން ގުރަހަތަކުގައި އޭލިއަން ދިރުން ވާނެކަމަށް ކުރިންވެސް ބައެއް ސައިންސްވެރިންނާއި ތަޖުރިބާކާރުން ބުނަމުންދާއިރު، ސޫރުދަ ނިޒާމުގެ ދެވަނައަށް އެންމެ ބޮޑު ގުރަހަ ކަމުގައިވާ ޒުހުލު (ސެޓާން) ގެ ހަނދެއްގައިވެސް ދިރުން ވާކަމަށް ވަނީ ބެލެވިފައެވެ. ޒުހުލުގެ 62 ހަނދުގެ ތެރެއިން "ޓައިޓަން"ގެ ނަމުން ނަންދެވުނު ހަނދުގައިވާ ކަނޑެއްގެ އަޑީގައި، ދިރުން ހުރި ކަމަށް ބެލެވޭ ކަންކަން ކުރިން ވަނީ ހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޒުހުރަތަށް ސަލާމް ބުނެދޭތި

  2. މަަަަ

    ހިޖުރަކުރަންބެނުން

    • ލޮލް

      އަވަހަަށް ނައްޓާލާ.. ނޯބަޑީ އިސް ސްޓޮޕިންގ ޔޫ ބްރޯ!!!

  3. ޖޮއްބެ

    އޭލިއަނުންނަކީ އުޅޭ އެއްޗެއްނޫން.

  4. ޒުހުރަތު

    މަ ވާހަކަ.. އަސްލުވެސް މަމީ ވ އަލިގަދަ ތަރި އެއް. ކޯލްމީ

  5. މުއުމިން

    މާތްﷲ މޮޅަށް ދެނެވޮޑިގެންވަނީ ހަގީގަތް އިންޝާﷲ ޤުރުއާން އަދި ސުންނަތުން ސާބިތުވޭތޯ ނުވޭތޯ ބަލަމާ ފުރަތަމަ ކަންކަން ގޮތްގޮތަށް ގަބޫލް ނުކޮށް