މީގެ 2 އަހަރު ކުރިން މަރުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، ޗެސްޓާ ބެނިންގްޓަންގެ ހުވަފަތްވި އަންހެނުންނަށް އަލުން ލޯބި ފެނި، އެހެން މީހަކާއި އެންގޭޖްވެއްޖެއެވެ.

ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ 42 އަހަރުގެ ޓަލިންޑާ އެންގޭޖްވިކަން ހިއްސާކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހުކުރު ދުވަހު ކުރި ޕޯސްޓެއްގައެވެ.

އިންސްޓާ ޕޯސްޓުގައި ޓަލިންޑާ ބުނެފައިވަނީ "އަހަރެންގެ އާ ލޯބިވެރިޔާ މައިކަލްއާ އެންގޭޖުވިކަން އިޢުލާން މިކުރަނީ ވަރަށް ބޮޑަށް އުފަލާއެކީ، މައިކަލް އަކީ މިހާރު އަހަރެންނަށް ދުނިޔޭގައި ހުރި މަލާއިކަތެއް ފަދަ މީހެއް. ކިތަންމެ ހިތްދަތި ކާރިސާއެއް އަހަރެމެންނަށް ދިމާވިއަސް އަދިވެސް ލޯބި ހޯދޭނެ.. ލޯބިވެރިއަކު މަރުވުމަކީ އަމިއްލަ މީހާ މަރުވުމެއް ނޫން". ޓަލިންޑާ އޭނަގެ ފޮލޯވަރުންނަށް ލިޔެފައި ވެއެވެ.

ޓަލިންޑާގެ ޕޯސްޓުގައި އޭނާ އެންގޭޖުވުމުން އާއިލާ އާއި، ރަހުމަތްތެރިން އަދި ލިންކިން ޕާކް އާއިލާގެ ފަރާތުން މައިކަލް އުފަލާއެކީ ބަލައިގެންް ފައިިވާ ކަމަށެވެ. އަދިވެސް ޗެސްޓާގެ ދިރިއުޅުމުގެ މަގްސަދާއި ހަނދާންތަކާއި ދުރަށް ނުދާނެ ކަމަށާއި އޭނާ އަބަދުވެސް ޗެސްޓާގެ ޒިކުރާ އާކުރާނެކަމަށް ޓަލިންޑާ ލިޔުނެވެ.

އަމިއްލައަށް މަރުވެގެން ލޯބިވާ މީހުން ގެއްލިފަ ތިބި ފަރާތްތަކަށް ލިންޑާ ދިން މެސެޖަކީ އުފަލާއެކީ އަދިވެސް އުޅެވިދާނެ ކަމަށާއި، ހިތު ތެރޭގައި އުފަލާއި، ހިތާމަ، ހިތްދަތި، ލޯބި، މި ހުރިހާ އިހުސާސްތަކަށްވެސް ޖާގަ ބެހެއްޓި ދާނެ ކަމަށެވެ.

އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ، މުޅި ދުނިޔޭގަވެސް އެންމެ މަޝްހޫރު އެއް ރޮކް ބޭންޑް، "ލިންކިން ޕާކް" ގެ ލީޑު ލަވަކިޔުންތެރިޔާ، ޗެސްޓާ ބެނިންގްޓަން އަމިއްލައަށް ދަންޖެހިގެން 2017 ގައި މަރުވި ޙަބަރަކީ އޭނާގެ އެތައް މިލިއަން ފޭނުންނަށް ހިތްދަތިކަމެއް ލިބުނު ޙަބަރެކެވެ. ރާއްޖޭގައިވެސް ޗެސްޓާ އަދި ލިންކިން ޕާކުގެ ފޭނުން ވަރަށް ގިނައެވެ.