ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ބޮޑު ގުރަހަ (ޕްލެނެޓް)، މުޝްތަރީ (ޖުޕިޓާ)ގެ ވަށައިގެން 79 ހަނދު ދައުރުވެއެވެ. ދުނިޔެ ވަށައިގެން ދައުރުވަނީ އެންމެ ހަނދެއް ކަމުގައި ވީނަމަވެސް، މި ސޫރުދަ ނިޒާމުގެ އެހެން ގުރަހަތަކުގައި އެއް ހަނދަށްވުރެ ގިނަ ހަނދު ދައުރުވަމުންދާއިރު، މި ހުރިހައި ހަނދެއްގެ ތެރެއިންވެސް މުޝްތަރީގެ "ޔޫރޮޕާ"ގެ ނަމުން ނަންދެވުނު ހަނދު ޚާއްސައެވެ.

މުޝްތަރީގެ އެއް ހަނދު، އަދި ގާތްގަނޑަކަށް ދުނިޔޭގެ ހަނދާއި އެއްވަރުވާ ޔޫރޮޕާގެ ބޭރު ފަށަލައަކީ ގަނޑުފެނެވެ. މުޝްތަރީ އާއި ހަވަނައަށް އެންމެ ގާތުގައި ދައުރުވާ މި ހަނދަކީ މުޅި މި ސޫރުދަ ނިޒާމުގެ ހަވަނައަށް އެންމެ ބޮޑު ހަނދެވެ. މި ހަނދުގައ ދިރުމެއް ވެދާނެ ކަމަށް ކުރިންވެސް ބެލެވިފައިވާއިރު، އެންމެ ފުރަތަމަ ދިރުމެއް ވެދާނެކަމަށް ބެލެވޭ ނިޝާނެއް އެ ހަނދުން ފެނުނީ 1979 ވަނަ އަހަރު، ޖައްވީ ހޯދުންތަކަށް ބޭނުންކުރި "ވޮޔޭޖާ" ނަމަކަށް ކިޔުނު އުޅަނދަށެވެ. އެ އުޅަނދުން އެއްކުރި މައުލޫމާތުން އެނގިފައިވަނީ، ޔޫރޮޕާގެ ގަނޑުފެނުގެ ބިންފަދަ ފަށަލައިގެ އަޑީގައި މާސިންގާ ކަނޑެއް އޮތް ކަމާއި، އެކަނޑުން ބޭރުވާ ބައިތައް، ހަނދުގެ ކޮންމެވެސް ހިސާބަކުން ޖައްވަށް ފެތުރިފައިވާ ކަމެވެ.

ދިރުންތަކަށް އެކަށޭނެ ފިނިހޫނުމިނެއް އޮންނާނެ ކަމަށް ބެލެވޭ މި ހަނދުގެ ބިންފަދަ ފަށަލައިގައި، ފެންނަ ފެނުމަށް ދިރުމެއް ނެތްކަމުގައި ވީނަމަވެސް، ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި، މި ހަނދުގެ އަޑީގައިވާ ކަނޑުގައި ދިރުން ވެދާނެއެވެ. 1979 ވަނަ އަހަރުގެ ހޯދުންތަކަށް ފަހު ޔޫރޮޕާގެ މި ހަޤީޤަތް އެންމެ ބޮޑަށް ހާމަވެގެން ދިޔައީ 1990 ވަނަ އަހަރު މުޝްތަރީއަށް ފޮނުވާލި ޖައްވީ އުޅަނދު، "ގެލީލިއޯއޯ" މެދުވެރިކޮށް ހޯދި މައުލޫމާތުންނެވެ. އޭގެ ފަހުން ޖައްވަށް ފޮނުވާލި ބާރުގަދަ ޖައްވީ ޓެލެސްކޯޕް، "ހަބްލް" އިންވެސް ވަނީ މި ހަނދުގެ ގިނަ މައުލޫމާތުތަކާއި ފޮޓޯތައް ދުނިޔެއާއި ހަމައަށް ފޮނުވައިދީ، ސައިންސްވެރިން ސިއްސުވާލާފައެވެ.

ހޯދުންތަކުން އެނގިފައިވާ ގޮތުގައި ޔޫރޮޕާގެ ބިންފަދަ ފަށަލައިގެ ބޯމިނުގައި 15-25 ކިލޯމީޓަރު ހުންނާނެއެވެ. އެ ފަށަލައިގެ އަޑީގައި ވަނީ ފެންކަން ޔަޤީން ކުރެވިފައިވާއިރު، އެއީ ދުނިޔޭގެ ކަނޑުތަކުގައިވެސް ހުންނަ ފެނާއި އެއްގޮތް ފެނެއްކަން، ހޯދުންތަކުން ވަނީ އެނގިފައެވެ. މި ކަނޑުގެ އަޑީގައި ދިރުމެއް ވެދާނެ ކަމަށް އެންމެ ބޮޑަށް ޤަބޫލުކުރެވުނު އެއް ސަބަބަކީ މިއީއެވެ.

މުޝްތަރީގެ ހޯދުންތަކަށް "ޖޫނޯ" ނަމަކަށްކިޔުނު ބާރުގަދަ ޖައްވީ އުޅަނދެއް، އެ ގުރަހަ ހިމެނޭ ސަރަޙައްދުގައި މިހާރުވެސް ދައުރުވަމުންދާއިރު، މި އުޅަނދުންވެސް ވަނީ ޔޫރޮޕާގެ ފޮޓޯތަކާއި ހޯދުންތައް ދުނިޔެއަށް ފޯރުކޮށްދީފައެވެ. އެއަށްފަހު ޔޫރޮޕާގައި ދިރުމެއް ވެދާނެކަމުގެ ގިނަ ހެކިތައް އެއްކުރެވިފައިވުމުން، މިހާރު ސައިންސްވެރިން ދަނީ ސީދާ އެ ހަނދުގެ ދިރާސާތައް ކުރުމަށް ހަނދަށް އުޅަނދެއް ފޮނުވަން ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އާއި، ޔޫރަޕިއަން ސްޕޭސް އޭޖެންސީ ގުޅިގެން މި ހަނދަށް ފޮނުވާނެ ދެ އުޅަނދު ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނާސާއިން ބުނާގޮތުގައި، ޖައްވީ އުޅަނދުގެ މަސައްކަތް ނިމި ޔޫރޮޕާ މިޝަން 2029 ވަނަ އަހަރު ލޯންޗު ކުރެވޭނެއެވެ. ޓެކްނޮލޮޖީގެ ގޮތުން ޒަމާނާއި އެންމެ ގުޅޭގޮތަށް އުފައްދާ ބާރުގަދަ އެ އުޅަނދުތައް ޔޫރޮޕާއަށް ޖެއްސުމަށްފަހު، ގަނޑުފެނުގެ ފަށަލައިން ބައެއް ވިރުވާލައިގެން ހަނދުގެ އެތެރޭގައިވާ ކަނޑުގެ އަޑީގައި ދިރާސާތައް ކުރިޔަށްގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެ ކަނޑުގެ އަޑިން އުޅަނދާއި ކުރިމަތިވާނީ ކޮން ކަހަލަ ހުރަސްތަކަކާއި ކަމެއް ނޭނގުނު ނަމަވެސް ޔޫރޮޕާގައި ދިރުމެއް ވާނަމަ، މި އުޅަނދުތަކުން އެކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ.

ބައެއް ދިރާސާވެރިން ޤަބޫލުކުރާ ގޮތުގައި ދުނިޔެ އާއި ޖެހިގެން އޮތް، މިއްރީޚު (މާސް) އަށްވުރެ ބޮޑަށް މުޝްތަރީގެ ޔޫރޮޕާއަކީ ދިރުންތަކަށް އެކަށޭނެ މާހައުލެއް އޮތް ތަނެކެވެ. އެގޮތުން ދުނިޔޭގައި އުޅޭ ދިރުންތަކަށްވެސް އެންމެ ބޭނުންތެރި މާއްދާތައް ޔޫރޮޕާއިން ޔަޤީންކަމާއި އެކުވެސް ފެނިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެނަސް، ޔޫރޮޕާގައި ދިރުމެއް ވާނަމަ، އެ ދިރުމެއް ދުނިޔޭގެ ދިރުންތަކާއި ތަފާތުވާނެ ކަމަށް ގިނަ ދިރާސާވެރިން އިއްތިފާޤުވެއެވެ.

ޖައްވުގައި ދުނިޔެ ނޫން ހިސާބެއްގައި ދިރުން ވެދާނެ ކަމަށްޓަކައި ސައިންސްވެރިން ހޯދާ ހޯދުންތައް ދުވަހެއް ދުވަހަކަށް އިތުރުކޮށް ފުޅާކުރަމުން ދާއިރު، ކުރިޔަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެ ސުވާލަށް ސީދާ ޖަވާބެއް ލިބިގެންދާނީ ޔޫރޮޕާ ހަނދުގެ ދިރާސާތަކުންނެވެ.