ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ކައިވެނި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ކުރެވިގެން ގޮސްފައެވެ. ބޮޑު ތިން ހަފްލާއެއް ވަނީ އެކަމަށް ބާއްވާފައެވެ.

އިންޑިއާގެ ޖޮދްޕޫރްގެ ތާޖް އުމައިދް ބަވަންގައި މި ދެމަފިރިންގެ ކައިވެނި ކުރެވިގެން ދިޔައިރު، އެއް ކައިވެނި ކުރެވިގެން ދިޔައީ، އިންޑިއާގެ ވައްޓަފާޅިއަށެވެ. އަދި ދެވަނަ ކައިވެނި ކުރެވިގެން ދިޔައީ ކްރިސްޓިއަން ވައްޓަފާޅިއަށެވެ.

ދާދި ފަހުން ޕްރިޔަންކާ މި ވަނީ އެ ކައިވެނީގެ ހަފްލާގެ ކަންކަން ދިޔަ ގޮތް ކިޔާދީފައެވެ. އޭނާ ބުނީ، ކައިވެނީގެ ހުރިހާ ކަންތައްތަކުގައި އުޅުނީ އޭނާގެ ފިރިމީހާ ނިކް ކަމަށެވެ. ޕްރިޔަންކާ ބުނީ، ކައިވެނީގެ ކަންތައްތަކުގައި އޭނާ އެއްވެސް ކަމަކާއި ހާސްވެގެން އުޅެން ނުޖެހޭނެ ކަަމަށެވެ. އެންޓާޓައިންމެންޓް ޓުނައިޓް އަށް މައުލޫމާތުދެމުން ޕްރިޔަންކާ ބުނީ، ކައިވެނީގެ ހަފްލާއަށް ބުރަ މަސައްކަތް ކޮށްފައި ވަނީ ނިކް ކަމަށެވެ.

"ނިކް އިންޑިއާއަށް ދާން ޖެހުނީ، ނިކް ހުރީ ކައިވެނީގެ ހަފްލާގެ ހުރިހާ ލޮޖިސްޓިކް މަސައްކަތް ކުރަނީ އޭނާ ކަމަށްވާތީ އަހަރެން އުޅުނީ، ފިލްމް ދަ ސްކައި ޕިންކްގެ މަސައްކަތުގައި،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، ކައިވެނީގެ ކަންތަކުގައި އޭނާ އުޅެމުން ފިލްމް ޝޫޓިންގ ކުރިއަށްދާ ތަނަށްވެސް ނިކް އަންނަ ކަމަށެވެ. އަދި އިތުރަށް ޕްރިޔަންކާ ބުނީ، ދެ މީހުން ދެ މީހުންނަށް، ދެ މީހުންގެ މަސައްކަތާއި ގުޅޭގޮތުން ކަންކަން ވަރަށް ބޮޑަށް "އަންޑަސްޓޭންޑް"ވާ ކަމަށެވެ. އަދި އެ ގުޅުމުގެ އެންމެ ރަނގަޅު ކަން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.