މިއީ ވިއެޓްނާމުގެ އަންހެނަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. ނަން ހާމަކޮށްފައިނުވާ އެ އަންހެން މީހާ ޑޮކްޓަރަށް ދައްކަން ދިޔައީ އޭނާގެ ކަންފަތުގައި ރިއްސާތީއާއި އާދަޔާ ޚިލާފަށް ކަންފަތް ހިރުވާތީ އެވެ.

ޑޮކްޓަރަށް ދެއްކުމުން އެންޑޯސްކޯޕުގެ އެހީގައި ކަންފަތުގެ އެތެރެ ބެލި އިރު ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އާންމުކޮށް ދިމާނުވާ، މަދުން ނޫނީ އިންސާނުންނަށް ދިމާނުވާ ކަމެއް ވެފައިވާ ތަނެވެ.

އެމީހާގެ ކަންފަތުގެ އެތެރޭގައި ހުރީ ފަންގަސް އުފެދި، ކުދި މަޝްރޫމްތަކެއްހެން ހުރި އެއްޗެހިތަކެއް އުފެދި، ފަޅާފައެވެ. އެމީހާގެ ކަންފަތް ވަގުތުން ސާފުކުރަން ޑޮކްޓަރު ނިންމިއެވެ. އެއަށްފަހު އެމީހާގެ ހާލު ރަނގަޅުކަމެއް ނުވަތަ ނޫން ކަމެއް ސާފު ނުވެއެވެ.

ކަންފަތުގެ ތެރޭގައި ފަންގައި އުފެދުމަކީ އާންމު ކަމެކެވެ. އެއީ ކަންފަތް ރަނގަޅަށް ސާފު ނުކުރެވޭތީ ދިމާވާކަމެކެވެ. ގިނަ ފަހަރު ސާފު ނުކުރެވޭ ނަމަ ކަންފަތުގައި "ބޭޑް ބެކްޓީރިއާ" އުފެދެން މެދުވެރިވެއެވެ. އެފަަދަ ބެކްޓީރިއާ އުފެދުމުން "ގުޑް ބެކްޓީރިއާ" އާ ހަނގުރާމަކޮށް ގުޑް ބެކްޓީރިއާ އެއްކޮށް ނައްތާލައެވެ.

މިގޮތަށް ބޭޑް ބެކްޓީރިއާ ކަންފަތުގެ ތެރޭގައި އަށަގަނެފި ނަމަ ކަންފަތަށް ކެންސަރު ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.