އެޕަލް ކުންފުނިން މިރޭ އެކުންފުނީ އައިފޯން 11 ދައްކާލާފައި ވާއިރު މިހާރު ވެސް ގިނަ ބަޔަކު ގެންދަނީ ފޯން ގަންނަން ފައިސާ އެއް ކުރަމުން ކަމަށް ލަފާކުރެވެއެވެ. ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހަވީރު ރާއްޖޭ ގަޑިން 17:00 ގައި ފޯނުތަކުގެ ޕްރީ އޯޑަރަށް ހުޅުވާލާނެއެވެ.

އެޕަލް އިން މިރޭ އިއުލާން ކޮށްފައިވާ ގޮތުގައި އައިފޯން 11 ގެ އެކްސްއާރް މޮޑެލްގެ ފޯނުގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 10779 ރުފިޔާ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އައިފޯން ޕްރޯ 11 އާއި ޕްރޯ މެކްސްގެ އަގުތައް މިއަށް ވުރެ ބޮޑެވެ.

އައިފޯން 11 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 15405 ރުފިޔާ އެވެ. އައިފޯން ޕްރޯ މެކްސްގެ އަގަކީ 1099 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 17000 ރުފިޔާ އެވެ.

މިއީ އެޕަލް ކުންފުނިން ފޯންތައް ރީޓެލް ކުރާ އަގު ކަމަށް ވާތީ މިއަގުގައި ރާއްޖެ އިން ފޯނު ގަންނާކަށް ނުލިބޭނެއެވެ. އެހެންކަމުން އައިފޯން ގަންނަން ބޭނުންވާ ފަރާތްތަކުގެ ބަޖެޓަށް އަދި ކޮންމެވެސް ވަރެއްގެ އަދަދެއް އިތުރު ވެގެން ދާނެއެވެ.

އައިފޯން 11 ގެ އިންތިޒާރުގައި ތިބި މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރަކީ ފޯނުގެ ކެމެރާ ވަރުގަދަކޮށްފައި ވުމާއި ވަރަށް ގިނަ ކުލަތަކުގެ ފޯނު ލިބުމެވެ.

އެޕަލްގެ އުފެއްދުންތައް ދެކެ ލޯބިވާ މީހުންނަށް އަގަކީ އެއްވެސް އިރެއްގައި މައްސަލައަކަށް ނުވެއެވެ. އެހެންކަމުން އެޕަލްގެ ލޯބިވެރިންގެ އަތުން ވަރަށް އަވަހަށް އައިފޯން 11 ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބޫ

    ދިވެހިންނަށް ޑޮލަރެއް ޖެހެނީ 30 ރުފިޔާއަށް. އައިފޯނު ބޮޑުކަމާ ބަރުކަމާ ކަސްޓަމް ފީ %1000 ނަގާތީ ޕްރޯ މެކްސްއެއް ވިއްކާނީ 40000 އަށްކަން ޔަގީން. ސުވާލަކީ އަނބިދަރިންނަށް ކާންދެވެނީ ހަލާކު ފައިސާތޯ

    16
    2