ތ. ހިރިލަންދޫ ގައި ދިރިއުޅެމުން އަންނަ މަރިޔަމް އިސްމާއިލްއަކީ ކެންސަރުގެ ބަލީގެ ޝިކާރަޔަކަށް ވެފައިވާ އުމުރުން 56 އަހަރުގެ މަންމައެކެވެ. ބަލީގެ ޝިކާރަޔަކަށް ވެފައިވާ މަރިޔަމްގެ ހަޔާތުގެ ހުޅުކޮޅު ނިވި އުދަރެސް ބަނަވެގެން ދިޔައީ 2008 ވަނަ އަހަރުގައެވެ. އެއީ އެންމެ ފުރަތަމަ ކެންސަރު ޖެހުނު ދުވަސްވަރެވެ.

"2008 ވަނަ އަހަރު މަންމައަށް މައުތު ކެންސަރު ޖެހުމުން ކެންސަރަށް ފަރުވާ ދިނުމުގެ ގޮތުން އެކި ފަހަރު މަތިން އަޅުގަނޑު އިންޑިޔާއަށް ވާނީ ގޮސްފައި. އެކަމަކު މައުތު ކެންސަރު ނޯމަލްވެ މިޙާރު ވަނީ އުރަމަތީ ކެންސަރު ޖެހިފައި." މަރިޔަމް އިސްލާއިލްގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ ދަރިފުޅު މުހައްރިމް އަބޫބަކުރު ވަގުތަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ހަޔާތުގެ ހުޅުކޮޅު ނިވި އުދަރެސް ބަނަވި ނަމަވެސް މަރިޔަމް އިސްމާއިލްގެ ދަރި މުހައްރިމް އަބޫބަކުރުގެ މިންނަތް ބުރަ މަސައްކަތުން ކުރި ފަރުވާއިން މަރިޔަމް ކެންސަރުން އެއްކޮށް ސަލާމަތްވި ނަމަވެސް 2017 ވަނަ އަހަރު އަނެއްކާ ވެސް މަރިޔަމް އަށް ކެންސަރު ޖެހުމުންނެވެ.

"އެފަހަރު ޖެހުނީ އުރަމަތި ކެންސަރު. މިހާރު ވަނީ މަންމަގެ އެއް އުރަމަތި ނަގާފައި. ބޭސްދީފައި ހުންނަނީ. ރޭޑިއޭޝަންވެސްދޭ. އަނެއްކޮޅުން ކޮންމެ ތިން މަހުން އެއް ފަހަރު ޖެހޭ މާލެ ދާން" ރަށުގައި ދިރިއުޅެމުން އަންނަ މުހައްރިމް ބުންޏެވެ.

މުހައްރިމް ބުނެފައިވަނީ މަންމަގެ ވާއަތް ފަރާތުގެ އުރަމަތީގެ އޮޕްރޭޝަން ކުރުމަށްފަހު ވާތް ފަރާތުގެ އުރަމަތި ވަނީ އެއްކޮށް ނަގާފާ ކަމަށެވެ. އެ އޮޕްރޭޝަން 2017 ނޮވެންބަރ ގައި ކުރި ފަހުންވެސް މިއަދާ ހަމަޔަށް ޑޮކްޓަރަށް ގަވައިދުން ދައްކަމުން ދަނިކޮށް މަންމަ އަށް އިތުރަށް އުނދަގޫތައް ކުރިމަތިވަމުންދާތީ އިތުރު ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދާން ވަނީ ޖެހިފައެވެ.

"އަޅުގަނޑަކީ މަންމަގެ ހުރި ހަމައެކަނި ދަރި. އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ތ.ހިރިލަންދޫ ޕޮލިސްޓޭޝަންގަ ސަޕޯޓް ސްޓާފެއްގެ ގޮތުގައި. ކުޑަ މުސާރަޔެއް ލިބޭ ތަނެއްގައި އަޅުގަނޑު ވަޒީފާ އަދާ ކުރަމުން ދާއިރު ދެ ދަރިންނާއި އަތްބެއް ހުރޭ. ދޮން ބައްޕައަކީ ލޯފަން މީހެއް. އާއިލާގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި މަސައްކަތް ކުރަނީ އަޅުގަނޑު އެކަނި. ލިބޭ މުސާރައިން އަނބި ދަރިންގެ ހަރަދުތައް ބަލަހައްޓަމުންދާއިރު މަންމަގެ ބައްޔަށް ފަރުވާ ކުރަމުންވެސް ދަން. އެހެން ނަމަވެސް މަންމަ ހަދަންޖެހޭ ޓެސްޓްތަކާއި މާލެ އައިސް ކޮންމެ ފަހަރަކު ދާ ހަރަދު ތަކުގެ ސަބަބުން ގިނަ ފަހަރަކު އަތަކު އެއްޗެއް ނުހުރޭ." މުހައްރިމް ބުންޏެވެ.

މުހައްރިމް ބުނީ އެއް އުރަމަތި ނެގި ފަހުން އަނެއްކާ ވެސް މަންމަގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ އަތްފައި ވަރަށް ބޮޑަށް ދުޅަވުމެވެ. "ހީވަނީ ހަމަ ފަޅަފަޅައިގެން ދާނެހެން. އެއް އަރިމައްޗަށް އޮވެ މަންމަ ނިދަނީވެސް. އެހެންވާ އިރު މިކޮޅުން ޑަކްޓަރުން އެބަ ބުނޭ ނޯމަލް ކަމަށް،" މުހައްރިމް ބުންޏެވެ.

ކަރުނައިން ފުރިވެގެންވާ މި ވޭނީ ބަސްތަކުން މުހައްރިމް ސިފަ ކޮށްދީފައިވަނީ އޭނާގެ ލޯބިވާ މަންމަގެ ހާލަތެވެ. މަންމައަށްޓަކާ އޭނާ ވަމުން އަންނަ ގުރުބާނީއެވެ.

"އަޅުގަނޑު ބިރުގަންނަނީ އަތްމަތި ދަތިވެ ލިބޭ މުސާރައިން އަނބިދަރިންނަށް ހަރަދުކޮށް މަންމައަށް ދެމުން އަންނަ ފަރުވާ ހުއްޓިދާނޭ ކަމުގެ އިހުސާސް ކުރެވެމުން ދާތީ. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ މަންމައަށްޓަކައި އަޅުގަނޑު ކުރަމުން މިއަންނަ މަސައްކަތް މެދު ކެނޑިޔަނުދީ ތި އެންމެހާ ބޭފުޅުން މި ކަމުގައި އަޅުގަނޑަށް ހިތްވަރު ދެއްވުން" މުހައްރިމް ބުންޏެވެ.

މުހައްރިމް އެދެނީ އޭނާގެ މަންމަ އަށް ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

މަރިޔަމް އިސްމާއިލަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 9846805 (މަރިޔަމް އިސްމާއިލްގެ ދަރިފުޅު މުހައްރިމް އަބޫބަކުރު އާ ގުޅޭ ނަންބަރު)

ބީއެމްއެލް އެކައުންޓް ނަންބަރު: 7730000007681 (މަރިޔަމް އިސްމާއިލްގެ ދަރިފުޅު މުހައްރިމް އަބޫބަކުރު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    2 ދަރިން ތިބޭ

  2. ދަންނަ މީހަކު

    ކޮއްކޮ އެއް ހުރޭ އަދި މަންމަ ފަރާތު އާއިލާ ގެ ހުރިހާ މެމްބަރުންވެސް އެކި ކަންކަމުގައި އެކި ކަހަލަ އެހީ ވަމުން އަބަދުވެސް ދަނީ.. އިތުރު އެހީ ލިބުނު ވަރަކަށް ކަންކަން ކުރަން ފަސޭހަ ވާނެ.