ކެންސަރަކީ ވޭން ދެނެވި ބައްޔެކެވެ. އެތައް ހާސް މީހުންނަކާއި ކުޑަކުދިންނެއް ކެންސަރުގެ ވޭނުގައި މިއަދުވެސް ވަގުތު ގުނަމުން އެބަދެއެވެ. މިއަދު ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައީ އެމެރިކާގެ ޓެކްސަސްގެ ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ފާހާނާތައްޓަށް ހޮޑުލަމުން ދާއިރު އޭނާގެ ފަސް އަހަރުގެ ދައްތަ އެހީވާ މަންޒަރު ފެންނަ ފޮޓޯއެކެވެ.

އުމުރުން ހަތަރު އަހަރުގެ ބެކެޓް އަށް ކެންސަރު ޖެހުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާ އަށް ކައިރީގައި އެހީވާ އެހެރީ އޭނާގެ ދައްތަ ފަސް އަހަރުގެ އެބްރޭ އެވެ. މިފޮޓޯ ފޭސްބުކްގައި ހިއްސާ ކުރީ ދެކުދިންގެ މަންމަ ކެތުރިން ބާޖް އެވެ.

ފޮޓޯއިން ފެންނަނީ ދެބެއިން ކުޅެން ތިއްބާ ބެކެޓް ހޮޑުލާން ޖެހުމުން ފާހާނާއަށް ވަދެ ހޮޑުލާ މަންޒަރެވެ. އަދި އެވަގުތު އެބްރޭ ކޮއްކޮއަށް އެހީވާ މަންޒަރެވެ.

ދެކުދިންގެ މަންމަ ކެތުރިން ބުނީ ދަރިފުޅަށް ކެންސަރު ޖެހުމުގެ ވޭނާއި ހިތްދަތިކަން މުޅި އާއިލާ އިން ހާއއްސަކޮށް އަންހެން ދަރިފުޅު އެބްރޭ ވެސް ތަހައްމަލް ކުރަމުންދާ ކަމަށެވެ.

"އަހަރެމެން އެންމެން މިވަނީ ވަރުބަލިވެފައި. ކޮއްކޮ ހޮސްޕިޓަލްގައި ބޭއްވުމުން އެބްރޭ ހުންނަން ޖެހެނީ މާމަ އާއި ކާފަ ކައިރީގައި. މަންމަ ހޮސްޕިޓަލްގައި އުޅެން ޖެހޭތީ އެބްރޭ އަށް ރަހުމަތްތެރިން ކައިރިއަކަށް ނުދެވޭ. ޗުއްޓީ ދުވަސް ދުވަހު ބޭރަކަށް ނުދެވޭ." ކެތުރިން ލިޔެފައި ވެއެވެ.

ކެތުރިން ބުނީ ކެންސަރު ޖެހިފައިވާ ދަރިފުޅު ބެކެޓްގެ އިތުރުން ދެން އޭނާގެ ތިބި ދެ ދަރިން ވެސް މިކަމުގައި ބޮޑު ގުރުބާނީއެއް ވަމުންދާ ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެކުދިންގެ ގުރުބާނީ ފާހަގަ ނުކުރެވޭ ކަމަށެވެ.

ދެބެއިންގެ ފޮޓޯ އިން ފެންނަ އަސަރުގަދަ މަންޒަރު ފެނިފައި އެތައް ހާސް ބަޔަކު ވަނީ ފޭސްބުކްގައި މިހާރު އެފޮޓޯ ހިއްސާކޮށްފައެވެ. އަދި ގިނަ ބަޔަކު ގެންދަނީ އެއާއިލާ އަށް ހެޔޮއެދުންތައް ރައްދު ކުރަމުންނެވެ.

ބެކެޓްގެ ކެންސަރު ފަރުވާ ނިމޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އާއިލާ އިން އުއްމީދު ކޮށްގެން ތިބީ މިހާރު ދެމުންދާ ފަރުވާ އިން ބެކެޓްގެ ހާލު ރަނގަޅުވެ، އާއިލާ އަށް ކުރީގެ ދިރިއުޅުން ލިބޭނެ ކަމަށެވެ.