ފޭސްބުކް ބޭނުންކުރާ 87 މިލިއަނެއްހާ މީހުންގެ މައުލޫމާތު އިނގިރޭސިވިލާތުގެ ސިޔާސީކަންކަމުގައި ލަފާއަރުވާ ކުންފުނި ކެމްބްރިޖް އެނަލިޓިކާއިން ވަގަށްނަގާފައިވާކަމަށް ބެލެވޭކަމަށް ފެސްބުކްއިން ހާމަކޮށްފިއެވެ.

އެ އަދަދަކީ ކުރިން ފޭސްބުކްއިން ހާމަކުރި 50 މިލިއަން މީހުންގެ އަދަދަށްވުރެ އިތުރު އަދަކަށްވާއިރު ވަގަށްނެގި މީހުންގެ މައުލޫމާތު މިހާރު ޑިލީޓްކޮށްފައިވާކަމަށް ކެމްބްރިޖް އެނަލިޓިކާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ފޭސްބުކްއިން ވަނީ އެ ކުންފުނި ފޭސްބުކްއިން ބްލޮކްކޮށްފައެވެ.

ފޭސްބުކްގެ އިސްވެރިޔާ މާކް ޒަކަބާގް ވަނީ ޕްރެސް ކޮންފަރެންސްއެއްގައި އެފަދަ ކަމެއްވުމުގެ ކުރިން ފޭސްބުކްއިން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގަބޫލުކުރާކަމަށާއި އަދި ފޭސްބުކް ބޭނުންކޮށްގެން އެކި ކަންކަންކުރުމަށް މީހުންނަށް ދެވިފައިވާ އޮންނަ ބާރުގެ ޒިންމާވެސް ފޭސްބުކްއިން އުފުލަންޖެހޭނޭކަމަށް ކުރިން ގަބޫލުނުކުރިޔަސް މިހާރު ގަބޫލުކުރާކަމަށް ބުނެފައެވެ.

އިތުރަށް ވާހަކަދައްކަމުން ޒަކަބާގް ވަނީ މައުލޫމާތު ވަގަށްނެގި މީހުންގެ އާ އަދަދު ހޯދިފައިވަނީ ފޭސްބުކްގެ އެތެރޭގެ އޯޑިޓެއްކުރުމުންކަމަށާއި އަދި ފޭސްބުކްގައި މީހެއްގެ ފޯން ނަންބަރެއް ނުވަތަ އީމެއިލްއެއް ސާރޗްކޮށްގެން އެމީހެއް ހޯދައި އެމީހެއްގެ މައުލޫމާތު ލިބިގަނެވެން އޮންނަ އޮތުމުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގާފައިވާކަމަށްވެސް ބުނެފައެވެ.

ކެމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކޮށްގެން އެތައް ބައެއްގެ މައުލޫމާތު ވަގަށްނަގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް ފައިދާވާގޮތަށް ބޭނުންކުރިކަން ފަޅާއެރުމަށްފަހު ފޭސްބުކްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކަކާއި ކުރިމަތިވެފައެވެ.

އެ ގޮތުން ބައެއް ފަރާތްތަކުން ފޭސްބުކް ބޮއިކޮޓްކުރުމަށްވެސް ގޮވާލާފައިވާއިރު އެ ކުންފުނިން ވަނީ އެ މައްސަލައިގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ކިބައިން މައާފަށް އެދި އެފަދަ ދެވަނަ މައްސަލައެއް ކުރިމަތިނުވާނޭކަން ޔަގީންކުރުމުގެ ގޮތުން ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކު ދަނީ ފޭސްބުކްއާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.