މޯބައިލް ފޯނުގެ ޑޭޓާ އަނެއްކާވެސް އާޖީލަކަށް ދަތުރު ކުުރުގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ. މޯބައިލް ފޯނުގެ ނެޓްވޯކް ހިދުމަތްދޭ ކުންފުނިތަކުން ގެންދަނީ 5ޖީ އަށް ތައްޔާރުވަމުންނެވެ. މޯބައިލް ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް ގެންދަނީ އެކުންފުނިތަކުގެ ފޯނުތަކުގައި މިހާރު 5ޖީ ހިމަނަނުންނެވެ. ނަމަވެސް އެޕަލްގެ ލޯބިވެރިންނަށް އޮތީ ހިތާމަވެރި ޚަބަރެކެވެ. މިހަފްތާގައި ނެރުނު އެޕަލް 11 ގެ އެއްވެސް ފޯނަކަށް 5ޖީއެއް ނުލިބޭނެއެވެ.

އެހެންކަމުން ސަމްސަންގް، އެލްޖީ އަދި ވަން ޕްލަސްގެ ފޯނުތަކަށް 5ޖީ ލިބެމުން ދާއިރު އެޕަލްގެ އައިފޯން 11 ޕްރޯ އަދި އައިފޯން 11 އަށް 5ޖީއެއް ނުލިބޭނެއެވެ.

އައިފޯން 11 ގެ ފޯނުތަކުގައި 5ޖީ ހިމަނާފައި ނުވުމުގެ އެއް ސަބަބަކީ އެމެރިކާގެ ނެޓްވޯކް ކުންފުނިތައް އަދި އެންމެ ފުރިހަމައަށް 5ޖީ އަށް ތައްޔާރުވެފައި ނުވުމެވެ. އަދި ހަމައެކަނި އެމެރިކާގައި 5ޖީ ޓެސްޓް ކުރަމުން ދަނީ ވެސް ޗިކާގޯ އާއި ނިއުޔޯކް ގައެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމެންވާއިރަށް އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ ސިޓީއަކަށް ވެސް 5ޖީ ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

އެޕަލް އަކީ ކުރިން ވެސް އިންޓަނެޓް ސްޕީޑަށް މާބޮޑު އިސްކަމެއް ދިން ކުންފުންޏެއް ނޫނެވެ. ފުރަތަމަ އައިފޯން ލޯންޗް ކުރިއިރު އެހެން ފޯނުތަކުގައި 3ޖީ ކެޕޭސިޓީ ހުރި ނަމަވެސް އައިފޯން ލޯންޗް ކުރީ 2ޖީ ގައެވެ. އޭގެ ފަހުން އައިފޯނަށް 4ޖީ އާއި އެލްޓީއީ ނެޓްވޯކް ގެނައީ ވެސް ވާދަވެރި ކުންފުނިތަކުން އެފެންވަރުގެ ފޯނުތައް އުފައްދާތާ އެތައް ދުވަހެއް ފަހުންނެވެ.