މިއީ ދެކުނުގެ ރަށަކަށް ގޮސް އުޅުނު މީހަކަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. މި ހާދިސާ ގެނެސްދީފައި މިވަނީ، އޭނާ އެ ހާދިސާކޮށްފައިވާ މައުލޫމާތުގެ މައްޗަށެވެ. ނަމަވެސް މި ލިޔުމުގައި ބޭނުންކުރެވިފައިވާނީ އަސްލު ނަންތަކެއް ނޫނެވެ.

އޭރު އަހަރެންގެ އުމުރުން ވާނީ 20 އަހަރެވެ. އަހަންނަކީ ދެކުނުގެ އަތޮޅަކަށް އުފަން މީހަކީމެވެ. ސްކޫލްގެ ގްރޭޑް ދިހައެއް ނިންމާލުމަށްފަހު އޭރު އަހަރެން މަސައްކަތް ކުރަމުން އައީ ރިސޯޓެއްގެ ވެއިޓަރެއްގެ ގޮތުގައެވެ. އަހަންނަކީ އޭރު ލިބޭ ޗުއްޓީތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް ގޮސް އުޅުނު މީހަކީމެވެ. މާ ބޮޑަށް ތަރައްޤީގެ ކުލަވަރުތައް ފެންނަން ނުހުންނަ ކުދި ކުދި، އާދައިގެ ރަށްތަކަކީ އަހަންނަށް އެންމެ ކަމުދާ ރަށްތަކެވެ.

މިކަންތަކާއި އަހަންނަށް ދިމާވީ އެގޮތުގެ މަތީން ރަށަކަށް އަހަރެން ގޮސް އުޅުނު ދަތުރެއްގައެވެ. އޭރު އަހަރެން އުޅުނީ އެރަށު ކުއްޖަކާއި ވެސް ރައްޓެހިވެގެންނެވެ. އަހަރެން އެރަށަށް ދިޔައީ އެކުއްޖާއާއި ވެސް ބައްދަލުވެލުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް އަހަރެން އެރަށަށް ދިޔަތާ ހަފްތާއެއް ވެސް ނުވަނީސް ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކާއި ހުރެ ލޯބިވެރިޔާއާއި އަހަރެން ދުރުވާން ޖެހުނެވެ. އޭނާ އެހެން މީހަކާއި ކައިވެނި ކުރީވެސް އަހަރެން އެރަށުގައި ހުއްޓައެވެ.

އެރަށުގައި އަހަރެންގެ ބޮޑުދައިތައެއް ދިރިއުޅެއެވެ. އަހަރެންގެ ލޯބިވެރިޔާގެ ފަރާތުން ލިބުނު ހިތްދަތިކަމާއި ގުޅިގެން ވަޒީފާ މެދުކަނޑާލުމަށްފަހު އެ ރަށުގައި ދުވަސްކޮޅަކަށް ބޮޑުދައިތަމެންގޭގައި އުޅެން ގަސްތު ކުރީމެވެ. ރައްޓެހިންނާއި ވެސް ބައްދަލު ވާން ބޭނުން ނުވާތީ އަހަރެން ރަށަށް ދާން ބޭނުން ނުވީއެވެ. އަހަންނަކީ އެރަށުގައި އޭރު ބީރައްޓެއްސަކީމެވެ. ދަންނަ އެއްވެސް މީހަކު އެރަށުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަލަށް ރަށަކަށް ގޮސްގެން އުޅޭއިރު ވާނީވެސް އެހެންތާ އެވެ.

މެންދުރުގެ ގަދަ ހޫނުން ހަވީރުގެ ފިނިކަމަށް ބަދަލުވެ ވައިރޯޅި ތާޒާވާން ފަށައިފިއެވެ. އަހަންނަކީ އެ ގަޑީގައި ކޮންމެ ދުވަހަކުވެސް ބޭރަށް ނިކުމެލައި ރަށުތެރޭގައި އުޅޭ ހިތްވާ މީހެކެވެ.

އެ ރަށަކީ އާންމުކޮށް ހަވީރުއަތަށް އެޅުމުން ކުދިބޮޑު އެންމެންވެސް ތަފާތު ކުޅިވަރު ކުޅެން ނިކުމެ އުޅޭ، ހިތް ފަސޭހަ އަދި އެކަކު އަނެކާ ވަރަށް ގުޅޭ މީހުން އުޅޭ ރީތި ރަށެކެވެ. އެގޮތުން ބަށި ކުޅުމާއި ވޮލީ އާއި ފުޓުބޯޅަ ކުޅުމަކީ އެރަށުގައި އެންމެ ފޯރިއާއި އެކީ ކުޅޭ ކުޅިވަރުތަކެވެ. ބައެއް ފަހަރަށް އެފަދަ ކަންކަމަށް ހުންނަ ޝައުޤެއްގެ ބޮޑު ކަމުން ރަށުގެ ޒުވާނުން އަމިއްލަޔަށް އިސް ނަގައިގެން ވެސް ބޮޑެތި މުބާރާތްތައް އިންތިޒާމްކޮށް ހަދައެވެ.

ކުޅިވަރާއި އިޖުތިމާޢީ އެއްބައިވަންތަ ކަމުގެ ވާހަކަ އެއީ ވަކި ކަމެކެވެ. ރަށުގެ ރީތި އަންހެން ކުދިންގެ ވާހަކަ ނުދައްކައި ވާކަށް އަދި ނެތެވެ. ރާއްޖޭގެ އެހެން ރަށްރަށާއި އަޅައި ބަލާއިރު އެރަށުގެ އަންހެން ކުދިން މާ ތަފާތުވާނެ ކަމަށް އެންމެންވެސް ބުނާތީ އިވެއެވެ. ހިތްހެޔޮވެފައި އެހާ އެކުވެރި ވާނެއެވެ. އަހަންނަށް އެރަށުން ދިމާވި އެންމެ މަޖާ ކަމަކީ އަހަންނަށްވުރެ 13 އަހަރު ދޮށީ އަންހެނަކު އަހަންނާއި އިންނަން ބޭނުންވާ ވާހަކަ ބޮޑު ދައިތަ ގާތުގައި ބުނެގެން އަހަރެން އެމީހަކަށް ފިލައިގެން އުޅެން ޖެހުމެވެ.

އެއީ އާދައިގެ މަތިން ހަވީރު ފިންޏަށް ބުރެއް ޖަހާލަން އަހަރެން ނިކުތް ދުވަހެކެވެ. އަހަރެން އިނީ ކުޅިވަރު ކުޅޭ ސަރަހައްދެއްގައި ހުރި ޖޯއްޔެއްގައި އިށީނދެ ކުޅޭތަން ބަލާށެވެ. ކުއްލިއަކަށް ފަހަތުން ކުޑަ ކުއްޖަކު ގޮވާތީ އަހަރެން އެނބުރި ބަލައިލީމެވެ. "އެ ދައްތަ ސަލާމް ބުނި" މިހެން ބުނުމަށްފަހު އެކުއްޖާ ދުވެލާފައި ދިޔައީއެވެ. އަހަރެން އެ ކުއްޖާ އިޝާރާތްކުރި ދިމާލަށް ބަލައިލީމެވެ. އެއީ ޒުވާން ރީތި އަންހެން ކުއްޖެކެވެ.

އަހަންނަށް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އެ ހުރިގޮތަށް އިރުކޮޅެއް ވަންދެން ހުރެވުނީއެވެ. އޭނާ ވެސް ހުރީ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ފަނޑު ހިނިތުންވުމެއްގައެވެ. އެ ދިމާލަށް ދާން އަހަރެން ތެދުވިތަނާ އޭނާ ހިނގައިގަތީ ގަސް ބޯ ޖަންގައްޔާއި ދިމާލަށެވެ. އަހަރެން ހުރީ ފުދޭވަރަކަށް ދުރުގައި ކަމުން އެ ހިސާބަށް ދެވުނު އިރު އޭނާގެ ހިލަމެއްވެސް ވާކަށް ނެތެވެ.

އޭރު އިރު އޮއްސެނީއެވެ. ކުޅެންތިބި މީހުންވެސް ކުޅެ ނިންމާލުމަށްފަހު ގެޔާއިދިމާލަށް ދަނީއެވެ. އެހެން ކަމުން އަހަރެންވެސް ގެޔަށް ދާން މިސްރާބު ޖެހީމެވެ.

ގެޔަށް އައި އިރު ބޮޑުދައިތަ ހުރީ އަހަންނަށް އެންމެ މީރު ހެދިކާ ގަނެގެން އައިސް ސައި ހަދާށެވެ. "އަހުމަދު. އާދޭ ސައިބޯން އަވަހަށް. މިއަދު މެންދުރު ނުވެސް ކައި ތި އުޅެނީ. ނުކައި އިންދާ މަރުވެއްޖެއްޔާ އިންނާނެ މީހެއްވެސް ނުލިބޭނެ" ބޮޑުދައިތަ ހީހީފައި މަލާތާމުގެ ރާގަކަށް ބުނެލިއެވެ.

އަހަރެން އާނއެކޭ ބުނެ ގޮސް މޭޒު ކައިރީ އިށީނުމުން ބޮޑުދައިތަ ވެސް އައިސް ކައިރީގައި ޖައްސާލިއެވެ. މިފަހަރު ބޮޑު ދައިތަގެ ވާހަކަ އައީ "ސީރިއަސް" އަޑަކުންނެވެ. "އަހުމަދު. ބަލަ ދެން ލޯބިވާ ކުއްޖަކު ގެއްލުނޭ ކިޔާފައި ތިގޮތަށް ދުވަސްތައް ބޭކާރު ކުރީމަ އެއީ ހައްލެއްތަ؟ ކޮންމެވެސް ވަޒީފާއަކަށް ގޮސްގެން ޒިންމާދާރުކޮށް އުޅެން ފެށީމަ ރަނގަޅު ކުދިންނާވެސް ދިމާވާނެ. އޭރުން ދެން އަވަހަށް ކައިވެނިކޮށްގެން ދިރިއުޅުމެއްވެސް ފެށިދާނެއެންނު" އާދައިގެ މަތިން ބޮޑުދައިތަ އަބަދުވެސް އަހަރެން ކައިރީ ދައްކާ ވާހަކަ ފެށިއެވެ.

"މިއުޅެނީ މީހަކާ އިންނަން. މިއަދު ދެކުނިން އަހަރެންގެ ހަޔާތުގެ ބައިވެރިޔާ" ހިނިގަނޑެއް ޖަހާލުމަށްފަހު ބޮޑުދައިތައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ސައިތަށި އަވަހަށް ދަމާލާފައި އަހަރެން ކޮޓަރިއާއި ދިމާލަށް އައީއެވެ.

އެރޭ އަހަރެންނަށް، އެ ކުއްޖާ އާއި މެދު ވަރަށް ގަދަޔަށް ވިސްނުނެވެ. އެހެން ކަމަކާ ވިސްނަން އުޅުނަސް ސިފަ ވަނީ އެ ރީތި މޫނެވެ. އޭނާ އަހަރެންގެ ލޯމައްޗަށް ސިފަވާ ކޮންމެ ވަގުތެއްގައި އަހަރެންގެ ހިތް ވިރިގެންދާ ކަހަލައެވެ. ގޮތް ނޭނޭ އެތައް އިހުސާސެއް އަހަންނަށް ކުރެވެމުން ދިޔައެވެ. އަހަންނަށް ނިދުނީ އެގޮތަށް އޮތުމަށްފަހު ދަންވަރު ވީ ފަހުންނެވެ.

އޭގެ އަނެއް ދުވަހު އަހަރެން ހޭލެވުނީ މެންދުރުވެސް ވީފަހުންނެވެ. އެހެންކަމުން އަވަސް އަވަހަށް ތެދުވެ ފެންވަރާލައިގެން އަހަރެން ނިކުތީ އިއްޔެ އަހަންނަށް ފެނުނު ކުއްޖާ ހޯދައި ވާހަކަ ދައްކާލުމުގެ އުންމީދުގައެވެ.

މިއަދުވެސް ކުޅިވަރު ކުޅޭ ސަރަހައްދަށް ދިޔަ އިރު އިއްޔެ އެކޭ އެއްފަދައިން ކުދިބޮޑު ގިނަ އަދަދެއްގެ މީހުން އެތަނަށް ޖަމާވެ މަޖާކުރަމުން ދެއެވެ. އަހަރެން އޭރު ބަލަމުންދިޔައީ އަހަރެންގެ ހިތުން ނުފިލައިގެން އުޅޭ ކުއްޖާ ފެނޭތޯއެވެ.

ކުއްލިއަކަށް ލޮލުގައި އަޅައިގަތީ މާ ދުރުގައި ހުރި ގަހެއްގައި ލެނގިލައިގެން އޭނާ ހުއްޓައެވެ. އޭރުވެސް އަހަންނާއި ދިމާލަށް އޭނާ ހުރީ ބަލަހައްޓައިގެންނެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ދާން ތެދުވެ ހިނގައިގަތީމެވެ. އޭނާ އިއްޔެ އެކޭ އެއްފަދައިން އަހަންނަށް "ފިލަންވެގެން" ގަސްތައް ބޯ ދިމާލަށް ދާން ފެށުމުން އަހަރެންގެ ހިނގުން ދުވުމަށް ބަދަލު ކުރީމެވެ. މިއަދު އޭނާ އާއި ވާހަކަ ނުދައްކައި ގެއްލެން ބޭނުން ނުވާތީއެވެ.

ދުވެފައި ގޮސް އަހަންނަށް އޭނާއާއި އަރައި ހަމަވިއިރު އެ ވާތެރޭގެ މެދާ ހަމަޔަށް ވަނީ އާދެވިފައެވެ. އިރުއޮއްސެން ކައިރިވެފައި ވުމާއި އެކު ގަސްބޯވުމުން އޭރު އޮތީ ކޮންމެވެސް ވަރަކަށް އަނދިރިވެފައެވެ. އެހެންކަމުން މާ ރީއްޗަކަށް އަހަންނަށް އޭނާ ފެންނަ ގޮތެއް ނުވެއެވެ.

"ތީ ކޮން ކުއްޖެއް؟ ސަލާމަށް ޖަވާބު ދޭން އަހަރެން މި އައީ. ތީ މިރަށު ކުއްޖެއްތަ؟" އަހަރެންގެ ސުވާލުތައް އަމުނާލީމެވެ. އޭރު އެ ކުއްޖާ ހުރީ އަހަންނަށް ފުރަގަސްދީގެން ހުއްޓިލައިގެންނެވެ.

"އަހަންނަށް ކިޔަނީ ރީމާ. މާ އެކަނިވެފަ އިންނަތަން ފެންނާތީ ހިތަށް އެރީ ސަލާމް ބުނެލާނީއޭ" ރީމާ ބުންޏެވެ.

"އަހަންނަށް ކިޔަނީ އަހުމަދު. އޯކޭ ވާނެ އައްމަޑޭ ކިޔަސް. ރީމާ ފެނުނު ފުރަތަމަ ވަގުތުން ފެށިގެން ވެސް އަހަންނަށް ރީމާ ކަމު ގޮސްފި. އަނެއްކާ މިހާރު ވާހަކަ ދައްކާލެވުނީމަ ހިތްދެވިއްޖެ. ރީތި އަޑެއް. އެހާމެ ލޯބި ކުއްޖެއް" އަހަރެން ބުނީމެވެ.

"އަހަންނަށް ވެސް އައްމަޑޭ ވަރަށް ކަމުދޭ. މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އަހަރެން އައްމަޑޭ ދެކޭތާ. ކޮންމެ ދުވަހަކު ވެސް ހަވީރުގަޑީގައި އަހަންނަށް ފެނޭ އެކަނިމާ އެކަނި އެތާ ހުންނަ ޖޯލީގައި އިންނަތަން" ރީމާގެ މި ވާހަކަތަކުން އަހަންނަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބުނެވެ. އަދި އޭނާ އަހަންނަށް ހާސިލް ކުރެވިދާނެ ކަމުގެ އުންމީދު އަހަރެންގެ ހިތުގައި އޭރު ވަނީ އުފެދިފައެވެ.

"މިއީ އަހަންނަށް ރީމާ ފެނުނު ދެވަނަ ދުވަސް. އަހަންނަށް އޯކޭ ތީ ކޮންމެ ރަށެއްގެ ކޮންމެ މީހެއް ވިޔަކަސް. އަހަންނާ ރައްޓެހިވާން ކެރިދާނެތަ؟" ގެއްލުމުގެ ކުރީން ފަސްނުޖެހި އަހަރެން ބުނީމެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކޮނޑުގައި އަތް އެޅުމުންނެވެ. އަހަރެން ފަސް އެނބުރި ބަލައިލި އިރު އެއީ ބޮޑުދައިތައެވެ.

"އަހުމަދު. ބަލަ ކާކާތަ ތިހާވަރަށް ތި ވާހަކަ ދައްކަނީ؟ ރީތި ކުއްޖެ ފެނިގެން އުޅޭ ވާހަކަ ބުނީމަ އަހުމަދަށް ފާރަލަމުން ބޮޑުދައިތަ މިއައީ"

ބޮޑުދައިތަ ފެނުމުން އަހަރެން ލަދުވެސް ގަތެވެ. ރީމާއަށް އޭނާގެ ވާހަކަ ބޮޑުދައިތަ ކައިރީގައި ބުނެފައިވާ ކަން އެނގިދާނެތީއެވެ. ލަދުން ހުރެ އަހަރެން އަނެއްކާވެސް އެނބުރިލާފައި މިހިރީ އެ ކުއްޖާއޭ ބުނެ ރީމާ ހުރި ދިމާލަށް އިޝާރާތް ކޮށްލީމެވެ. އެހެން ނަމަވެސް ރީމާ އޭރު ފެންނާކަށް ނެތެވެ.

"ބޮޑުދައިތަ އައީމަ ލަދުން އެދިޔައީ ކަންނޭގޭ" އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނީމެވެ.

"ބަލަ ބޮޑުދައިތަ މިތާ ހުންނަތާ ކޮން އިރެއް. އަހުމަދު މިތަނަށް އައި އިރުވެސް ބޮޑުދައިތަ އައީމޭ ފަހަތުން. މިތަނަށް އައިސް އެކަނިމާ އެކަނި ވާހަކަ ދައްކާތީ ބޮޑުދައިތަ މި ހީކުރީ ފަރިތަ ކުރަނީ ކަމަށް އެ ކުއްޖާ ކައިރީ ވާހަކަ ދައްކަން" ބޮޑުދައިތަ ސަމާސަ ކޮށްލިއެވެ. އަހަރެންގެ ހިތުގައި އުފެދުނީ ސުވާލުތަކެވެ. ބޮޑު ދައިތަވެސް އެފަދަ ވާހަކައެއް ހަދަ ހަދައިގެން ދައްކަފާނެތޯ ވިސްނިފައެވެ.

އަހަރެން އިތުރު ވާހަކައެއް ނުދައްކާ ގެޔަށް ދާން ހިނގާށޭ ބުނެ ބޮޑުދައިތައާއި އެކީ ހިނގައިގަތީމެވެ. އޭރު އަހަރެން ހުރީ ވާނުވާ ނޭގިފައެވެ. އެހެން ނަމަވެސް ބޮޑުދައިތައަށް އަހަރެންގެ ކުރިމަތީގައި ރީމާ ހުރުމުން ނުފެނުނީ ކަމަށް ހީކޮށް އަހަރެން އެވަގުތަކަށް ހިތްހަމަ ޖައްސާލީމެވެ.

އެރޭ ގެޔަށް ދިއުމަށްފަހު ކައި ނިންމާލުމަށްފަހު އަހަރެން އޮށޯވެ ވަރަށް ވިސްނީމެވެ. ބޮޑުދައިތައަށް ރީމާއާއި އަހަރެން ވާހަކަ ދެއްކި އިރު ނުފެނުމުގެ އިތުރަށް އޭނާ އެތަނުން ދިޔަ ތަނެއްވެސް ނުފެނުނީމައެވެ. ވިސްނުންތަކުގެ ތެރެޔަށް ގެއްލިފައި އަހަރެން އޮއްވައި ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އަހަރެން ހިތުން އެ ދޮރު ހުރީ ތަޅުލާފައެވެ.

ދެން އަހަންނަށް ފެނުނީ ޤަބޫލު ކުރަންވެސް ދަތިވި މަންޒަރެކެވެ. ދޮރުން އެތެރެޔަށް ވަދެގެން އެހެރަ އަންނަނީ ރީމާއެވެ. އެ ރީތި ޖާދޫވީ މޫނު ފެނުމުން އަހަރެން ވިސްނަން ހުރި ހުރިހާކަމެއްގެ މަތީން ހަނދާން ނައްތާލީއެވެ.

"ކިހިނެއް؟ މިވަގުތު؟ މިތާ؟" އަހަރެން ސުވާލު ކުރަން މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ރީމާ އައިސް އަހަރެންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމަށްފަހު، "ޝްޝް!! އަނެއްކާ ބޮޑު ދައިތަ އައިސްދާނެ" ކަމަށް ބުންޏެވެ.

"ބޮޑުދައިތަ ދެކެ ބިރުން މިއަދު ވެސް ފިލީ ދޯ އެހެންވީމަ" އަހަރެން ސަމާސާކޮށްލީމެވެ. ރީމާވެސް އަހަރެން އެހެން ބުނުމުން ހީލިއެވެ. އަހަރެން އެކަމާ ވަރަށް ފަހުރުވެރިވެސް ވީމެވެ. އަހަރެން ބުނި އެއްޗަކުން އެ ރީތި ހިނިތުންވުން ފާޅުވީތީއެވެ.

"އަހަރެން މިއައީ އަހުމަދުއަށް ޖަވާބުދޭން. އެހީމެންނު މިއަދު ރައްޓެހިވާން ކެރޭނެހޭ. އަހަރެން ވަރަށް ބޭނުން. އަހަރެންގެ ޖަވާބަކީ އާންއެކޭ" ރީމާ ރަކިވެފައި ހުރެ ބުންޏެވެ.

އެވަގުތު އަހަންނަށް ލިބުނު އުފާ ހުދު އަހަންނަކަށް ވެސް ބުނެދޭކަށް ނޭގުނެވެ. އުފަލުން ގޮސް ރީމާ ގައިގައި އަހަންނަށް ބައްދާލެވުނެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭގެއެވެ...

އަހަންނަށް ހޭލެވުނީ ބޮޑުދައިތަ އާއި އިތުރު މީހަކު އަހަރެން ކައިރީ ތިއްބައެވެ. އެއީ ބޮޑުދައިތަގެ ރައްޓެހި މުދިމެކެވެ. އޭނާ އޭރު ކިޔެވެލިތައް ކިޔަވަން ހުރި އިރު ބޮޑުދައިތަ ރޮނީއެވެ. ވެގެން އުޅޭ ގޮތެއް ސާފުނުވާތީ އަހަރެން ތެދުވާން މަސައްކަތް ކުރީމެވެ. އެވަގުތު އުނަގަނޑަށް އެރި ތަދަކުން އަހަންނަކަށް ތެދުވެވޭ ގޮތެއް ނުވިއެވެ.

އަހަރެން އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލާލީ ދެނެވެ. އަތާއި ބަނޑުގައި އާއި އަދި މޭމައްޗާއި ދިމާލުން ކަރާއި ހަމަޔަށްވެސް ހުރީ ވަކި އަޅާފައި ހުރިކަމުގެ ނިޝާނެވެ. އެތަންތަނުން ކޮންމެވެސް ވަރަކަށް ލޭ ފައިބަމުން ދިޔައިރު، ގައިގެ އެކި ތަންތަން ނޫފައިގެންފައި ހުއްޓެވެ. މި ވަނީ ކީއްކަމެއް އޭރު އަހަންނަށް ނުވިސްނުމުން ބޮޑު ދައިތަ ކައިރީގައި އަހަރެން ސުވާލު ކުރީމެވެ.

"ރޭ ދަންވަރު އަހުމަދު ހަޅޭލަވާތީ ބޮޑުދައިތަ ހޭލެވިގެން އައީ. އޭރު އަހުމަދު ތެޅިފޮޅެނީ. ބޮޑުދައިތައަށް އެހިސާބުން އެނގުނު އެއީ އާދައިގެ ކަމެއް ނޫންކަން. އެހެންވެ މުދިންބެ އަށް ގުޅައިގެން ގެނައީ. މުދިންބެ ބުނީ ޖިންނިއެއް އަހުމަދަށް ހަމަލާ ދިނީ ކަމަށް" ބޮޑުދައިތަގެ މި ވާހަކަތަކުން ބުނާނެ އެއްޗެއް ނޭގި އަހަންނަށް ބިރުން ގަނޑުވެފައި ހުރެވުނެވެ.

އެދުވަހު ރީމާއަކީ އިންސާނެއް ނޫންކަން އަހަންނަށް އެނގުނެވެ. އޭގެ ފަހުން ރީމާ އަހަންނަށް ނުފެންނާތީ އެކަން އިތުރަށް ޔަޤީންވެސް ވިއެވެ. އޭނާ ދަންނަ މީހެއް ރަށުގައިވެސް ނޫޅޭތީއެވެ. އޭނާ އަހަންނަށް އަނިޔާ ކުރީކަން ޤަބޫލު ކުރެވުނީ އެހިސާބުންނެވެ. އެހެން ނަމަވެސް އެއީ ކޮން ސަބަބަކާއި ހުރެ ކަމެއް އަހަންނަކަށް މިއަދާއި ހަމަޔަށްވެސް ނޭގެއެވެ.

މިއަދާއި ހަމަޔަށްވެސް އަހަރެންނަށް ރީމާގެ އުނދަގޫތަކާއި ކޮންމެވެސް ވަރަކަށް ކުރިމަތިވެއެވެ. އެހެން ނަމަވެސް އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރާތީ އެދުވަހު ދިމާވި ފަދަ ނުރައްކަލަކާއި އޭގެ ފަހުން ދިމާ ނުވެއެވެ. އަހަރެން އަދިވެސް ބޭނުންވަނީ ކުށަކާއި ނުލައި އޭނާ އަހަންނަށް އެފަދަ އަނިޔާއެއް ދިނީ ކޮން ސަބަބަކާ ހުރެ ކަން އެނގުމެވެ. ލޯބިވުމަކީ ކުށެއް ކަމުގައި ވާނަމަ ރީމާ އަހަންނަށް މާފު ކުރައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝަހީމާ މަންނާން.

    މަގޭވެސް ހިތްދެވުނީކީ އިންސާނަކަށް ނޫން. އިންސާނެއްގެ ސިފައިގަހުރި ޝައިތޯނަކަށް. ނުލަފާ މަކަރުވެރި ދޮގުހަދާމީހަކަށް. އޭނާގެކިބައިން ސަލާމަތް ވެވުނު އިރުމަގޭދުވަސްގޮއްސި. އެއީ އައްޑޫ މީހެއް. ބުނޭނު ހުވަދޫ އައްޑޫ ފޯއްމުލަކު މީހަކާ ހެޔޮވެސް ނުވާނެއޭ ގާތް ވަން. ބޯދާ ބަސް ބަހުގެ އަޑު ނޭހީމަ ވީގޮތް.

    54
    124
  2. --އަސްލު

    ރީމާ ސަލާމް ބުނި

    35
    2
    • ލޮލް

      ލޮލް

      5
      1
    • ސަންދު

      ހަހަހަހަހަ.

  3. ޔސފ

    ލިބުނު އިބުރަތް:
    ނަމާދު ނުކޮށް ޒިކުރު ތައް ނުކޮށް، ﷲއާ ކުއްތަން ނުވެ، އީމާންކަމުން ހިތް އާރާސްތު ނުކުރަންޔާ، އެފަދަ ކޮންމެ ހުސް ހިތަކަށް އިޝްގީ ލޯބީގަ ޖެހި މޮޔަވުން ގާތްވާނެ.

    އަދި ޖިންނި ޝައިތާނުން ބީހުމާ ގޯނާކުރުންވެސް،

    ހަމައެއާއެކު، އަސްލު ޖިންނިންނަކީ އިންސާނުންނަށް ވުރެ ބަލިކަށި ބައެއް، މާނައަކީ އިންސާނާގެ މައްޗަށް ބާރެއް ލިބިފައެއް ނުވޭ އެމީހުން ކިތަންމެ އާދަޔާ ޚިލާފު ކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިފަވިޔަސް. އެކަމު އިންސާނާ އޭނާ ނިކަމެތި ވެ ނަފްސު ދިނީމަ އެ ޖިންނީންނަށް ކަމެއް ކުރެވޭނީ. މިހާދިސާގަ އަހްމދުއަށް ވީގޮތަށް

    19
  4. ހުވަދޫ ކުއްޖާ

    ހުވަދޫ އެންމެން އެއްގޮތެއް ނުވާނެ..ރަގަޅު މީހުންވެސް އުޅޭ ހުވަދޫގަ..މަންޖެއާ ދިމާތިވީ އަދި ނުބައި މީހަކާ..ރަގަޅު މީހަކާ ދިމާވި ނަމަ ނުބުނާާނެެ ތިޔަހެން..

    15
    4
  5. ހުވަދޫ ރިއަލިސްޓް

    މަވެސް ހުވަދޫ. ރަނގަޅު މީހުންވެސް އުޅޭ. އެކަމަކު ގިނަވާނީ މަކަރުވެރި ވަގުން.

    11
    1
    • ށާޔާން

      ވަރަށް ބޮޑު ތެދެއް!!?

  6. ބަރަބޮޮ ކަތިބު

    ޙަހަހަ? ތިވަނެގޮތް

  7. ސަފަރު ކައްދަގެ ތިއްތިބެ

    މައްސަލައަކީ ބޮޑުދައިތަ. ރީމާގެ ލޯބި ބަންޑުން ކޮށްލިވަގުތު ބޮޑުދައިތައަށް އަޑުއިވިގެން އައުމުން ރީމާއަށް ކުއްލިޝޮކެއް ލިބުނީ . ހަމައެވަގުތު ބޮޑުދައިތަ އެފެށީ ރީމާ އާއި ހަނގުރާމަ ކުރަން މުދިމު ލައްވާ! ރީމާވެސް ނަފްސުގެ ދިފާޢުގައި ކުރެވުނު ކަމެއް ކުރާނެދޯ؟ ރީމާ ވަރަށް ދެރަވެގެން ޖެހިގެން އައިދުވަހު ގުޅާފަ އެވާހަކަ މަށާ ޝެއާރވެސް ކުރި. އެކަމާ އެފަކީރު އިންނަނީ ޑިޕްރެސް ވެފައި ބޯގޮވާފަ. ބުނި އިންސާނުންނަކީ ވަރަށް ގޮތްކުޑަ މަކަރުވެރި ތަންދޮރު ނުދަންނަ ބަޔެކޭވެސް. އޭނަ އާއި މަވެސް އެއްބަސްވިން.

    2
    1