ދުނިޔޭގެ އެންމެ އުތުރުގައިވާ އުތުރު ތަނޑި (ނޯތު ޕޯލް) ގައި ޗުއްޓީއެއް ހޭދަކޮށްލަން ބޭނުން ހެއްޔެވެ؟ 2020 ވަނަ އަހަރު އޭޕްރީލް މަހު ވަގުތީ ގޮތަކަށް ހުޅުވުމަށް ހަމަޖެހިފައިވާ "ނޯތު ޕޯލް އިގްލޫސް ހޮޓަލް" އަކީ ތިބާ ބޭނުންވެގެން އުޅޭ ހުވަފެނީ ފުރުސަތު ހަގީގަތަކަށް ހަދައިދޭނެ ހޮޓަލެވެ.

އާކްޓިކް ކަނޑުގެ ގަނޑުވެފައިވާ ފެންގަނޑު މަތީގައި ތިބާއަށް ތަރިތަކަށް ބަލަން އޮވެގެން ނިދާލުމުގެ ފުރުސަތު މިއޮތީ ހުޅުވިފައެވެ. ނޯތު ޕޯލް އިގްލޫސް ހޮޓަލްގައި ހޫނު 10 ޑޯމް އެކުލެވެއެވެ. މި ހުވަފެނީ ޕްރޮޖެކްޓުގެ ފަހަތުގައި އޮތީ ފިންލޭންޑުގެ "ލަގްޒަރީ އެކްޝަން" ކުންފުންޏެވެ. ދުނިޔޭގެ އުތުރު ތަނޑީގައި ހޮޓަލެއް އެޅުމަށް ނިންމި ސަބަބާ ގުޅޭގޮތުން އެކުންފުނީގެ ފައުންޑަރު ޖޭން ހޮންކަނެން ބުނީ "ނޯތު ޕޯލް ވެފައިވަނީ ޒަމާނުއްސުރެ މީހުން އެންމެ ދާ ހިތްވާ އެއް ތަނަށް. އެކަމަކު މީހުން ތިބެން ސަޅި، ހިތްފަސޭހަ އެކޮމޮޑޭޝަން އެއް އެތަނުގައި ނެތް. އަހަރެން ބޭނުންވީ ނޯތު ޕޯލްގެ ހިތްގައިމު ތަޖުރިބާ އެންމެ ހިތްހަމަޖެހޭ ގޮތަކަށް އަރާމުކޮށް މީހުންނަށް ގެނެސްދިނުމަށް."

އުތުރު ތަނޑިއަކީ މުޅި އަހަރުގެ ބޮޑު ބައެއްގައި އިންސާނުންނަށް ދެވިދާނެ ތަނެެކެވެ. އެކަމަކު އޭޕްރީލް މަހު އެތަނަށް ދެވޭނީ ހެލިކޮޕްޓަރެއްގައެވެ، އަދި ޖޫން، ޖުލައިގައި ކަނޑު ބޯޓު ފަހަރުގައި އެތަނަށް ދެވިދާނެއެވެ. އަހަރެއްގެ ތެރޭގައި އެވްރެޖުކޮށް އުތުރު ތަނޑިއަށް ދަނީ 1000 ވަރަކަށް މީހުންނެވެ. ވަރަށް ބޮޑަށް ތައްޔާރުވެގެން، ގަނޑު ފިނިން ރައްކާތެރިވުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެތަނަށް ގެންދަން ޖެހޭއިރު ގިނަ މީހުން ނިދަނީ ޓެންޓެއްގެ ތެރޭގައެވެ.

ނޯތް ޕޯލް އިގްލޫސް ހޮޓަލް އިން ދެނީ މިއާ ހިލާފަށް ވަރަށް ހިތްގައިމު ޚިދުމަތްތަކެކެވެ. ހޫނު ޑޯމް ގައި ފާހާނާ އެއް ހުރުމުގެ އިތުރަށް، ސައިޓުގައި ގާއިމްވެފައި ހުންނަ ކޭމްޕް މެނޭޖަރެއްގެ އެހީތެރިކަން ލިބޭނެއެވެ. އަދި އާކްޓިކް ތަޖުރިބާ ހުރި ގައިޑެއް ހުންނާނެއެވެ. އަދި ހޮޓަލް ޕެކޭޖުގެ ތެރޭގައި ދަތުރުވެރިންނަށް ހާއްސަ ކައްކާ އަކާއި ސެކިއުރިޓީ ޓީމެއްގެ އެހީތެރިކަން ވެސް ލިބިގެންދާނެއެވެ. "އަހަރެމެން ހުރިހާ ސާމާނެއް ދެން. އެކަމަކު މަޖާ ތަޖުރިބާއެއް ކޮށްލަން ބޭނުންވުމުގެ ރޫޙެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއް." ހޮންކަނެން ކިޔާދިނެވެ.

އޭޕްރީލް މަހު ނޯތު ޕޯލް އިގްލޫސް ހޮޓަލް އަށް ދާ ދަތުރުވެރިންނަށް އިރުމަތީ އަލިގަނޑު ފެނުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މި ހުރިހާ ކަމެއް އެކުލެވޭ އެއް މަހުގެ ޕެކޭޖު ލަގްޒަރީ އެކްޝަން ގެ ފަރާތުން ވިއްކަނީ 105،000 ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭެެއަހަރެން

    ވަރަށް ދާހިތްވޭ....
    ޢެކަމަކު ދާން އުންމީދު ކުރާނެ ކަމެއްވެސް ނެތް ކަންނޭނގެ.. މިއުޅެނީ އަދި ރާއްޖެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅަ..
    ...ދެން އަދި އަމުދުން އެކަހަލަ ތާކަށްދެވޭނެތަ?
    ..ކޮންމެއަކަސް އެކަހަލަ ދުވަހެއް ދައްކަވާތޯ ވަރަށް އުންމީދު ކުރެވެ..?