އަންހެނަކު ދުނިޔެ ސަލާމަތް ކުރަންވީ ވަގުތު މިހާރު ޖެހިއްޖެ ކަމަށް ޖޭމްސް ބޮންޑް ސިލްސިލާ ފިލްމުގެ ކުރީގެ ތަރި ޕިއާސް ބްރޮސްނަން ބުނެފިއެވެ. 4 ފަހަރު ޖޭމްސް ބޮންޑް ގެ ރޯލުން ފެނިފައިވާ އެކްޓަރު އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫހަކަށް މަޢުލޫމާތު ދެމުން ބުނީ ޖޭމްސް ބޮންޑްގެ ރޯލަށް އަންހެނަކު ނުކުންނަން ވެއްޖެ ކަމަށެވެ.

"އަހަރެންނަށް ހީވާގޮތުން އަހަރެމެންނަށް މިހާރު 40 އަހަރު ވަންދެން ބެލިއްޖެ ފިރިހެނުން މި ރޯލުން، ފިރިހެނުން ވެއްޖެ ދުރަށް ޖެހެން، އަންހެނަކަށް ފުރުސަތު ދޭން. ޖޭމްސް ބޮންޑް އަކީ ވަރަށް ޙާއްސަ އެއްޗެއް. އަހަރެން މަރުވަންދެން އޭނާ އާ ބެހޭގޮތުން އަހަރެންނާ ސުވާލު ކުރާނެކަން އަހަރެންނަށް އެނގޭ" ޖޭމްސް ބޮންޑް ގެ ރޯލް އާ ގުޅޭގޮތުން ސުވާލުކުރުމުން ބްރޮންސަން ބުންޔެވެ. ބްރޮންސަން ގެ މި ވާހަކަތަކާއި ގުޅިގެން ވަރަށް ބޮޑު ބަހުސްއަކަށް މިކަން އޮތީ ވެފައެެވެ. ބްރޮންސަން ގެ އިތުރުން ޖޭމްސް ބޮންޑް ކުޅެފައިވާ ބައެއް އެހެން ތަރިންވެސް އަންހެނަކަށް މި ރޯލް ކުޅެވިދާނެ ކަމަށް ޙިޔާލު ފާޅުކޮށްފައި ވެއެވެ.

ނަމަވެސް، ގިނަ މީހުން އަންހެނަކު މި ރޯލް ކުޅުމާ މުޅިން އިދިކޮޅެވެ. ޖޭމްސް ބޮންޑް ސިލްސިލާގައި ހަރަކާތްތެރިވެފައިވާ ކުރީގެ އެކްޓްރެސް، ޖޮއަނާ ލުމްލީ ބުނެފައިވަނީ ޖޭމްސް ބޮންޑް އަކީ ފިރިހެން ކަރެކްޓާ އެއް ކަމަށާއި 1950 ގެ އަހަރުތަކުގައި އެ ވާހަކަ ލިޔެވުނު އިރު ވަރަށް ތަފްސީލް ކޮށް ޖޭމްސް ބޮންޑް ސިފަކޮށްދީފައިވާ ކަމަށެވެ. "މި ވާހަކަ ލިޔުނު ލިޔުންތެރިޔާ ވަރަށް ގިނަ ވޭންތަކެއް ތަހައްމަލު ކޮށްގެން ލިޔުނު ފޮތެއް އެއީ. ވަރަށް ތަފްސީލް ކޮށް ބުނެފައި ވާނެ ޖޭމްސް ބޮންޑް އަކީ އިނގިރޭސި ވަކި އިސްކޮޅެއްގެ އަދި ބުރުސޫރައިގައި ހުންނަ ފިރިހެނެއް ކަން. އަހަރެންނަށް ވަރަށް ޢައިބު އަންހެނަކު ޖޭމްސް ބޮންޑް އަކަށް ހަދަން އުޅޭ ވާހަކަ އަޑުއިވޭތީ." ޖޮއަނާ ބުންޔެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު، ޑެނިއެލް ކްރެއިގް، ޖޭމްސް ބޮންޑް ގެ ރޯލުން ފެނިގެންދާ ޖޭމްސް ބޮންޑް ސިލްސިލާގެ 25 ވަނަ ފިލްމު، "ނޯ ޓައިމް ޓު ޑައި" މި އަންނަ އަހަރު އޭޕްރީލް ގައި ތިއޭޓަރުތަކުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.