މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާގެ ފަރާތުން އޭނާގެ ސަޕޯޓަރަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ، އޭނާ ރޮއްވާލައިފި އެވެ. އުމުރުން 22 އަހަރުގެ ކައިލީ ބޮޑު ސަޕްރައިޒެއް ދިނީ އޭނާގެ 22 އަހަރުގެ ސަޕޯޓަރެއް ކަމަށްވާ އަޝްލީ އަލްމޮންޓޭ ނަމަކަށް ކިޔާ ސަޕޯޓަރަކަށެވެ.

ކައިލީ ވަނީ އެ ސަޕޯޓަރު ދިރިއުޅެމުން އައި ހޮޓަލުގެ ތެރެއަށް ވަދެ އޭނާއަށް ސަޕްރައިޒެއް ދީފައެވެ. އަދި ކައިލީ ކޮސްމެޓިކްސްގެ ހެޑްކުއާޓަރު ދައްކާލުމަށް ގެންގޮސް އެތަނުގައި އޭނާއަށް މޭކަޕް ވެސް ކޮށްދީފައިވެއެވެ.

އެގޮތުން އެތަނުގައި ކައިލީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދިންއިރު އަންހެން ކުއްޖާގެ މަންމަ އެތަނަށް ގެނެސް އޭނާ އިތުރަށް ސަޕްރައިޒް ކޮށްލިއެވެ.

ކައިލީއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިންއިރު ކައިލީ ވަނީ އަންހެން ކުއްޖާގެ މަންމައާއެކު ވެސް ވާހަކަ ދައްކާ ހަދާފައެވެ. އެ އަންހެން މީހާއަކީ މީގެ 21 އަަކަށް އަހަރު ކުރިން ފެށިގެން ގެދޮރު ނެތް ކުދިންނަށް ހާއްސަކޮށް ސްކޫލެއް ހިންގަމުން އަންނަ މީހެކެވެ. އެގޮތުން އެތަން ހިންގުމަށް ފަންޑު ނުލިބުމުގެ ސަބަބުން ދަތިތައް ކުރިމަތިވާ ކަމަށް އެމީހާ ކައިލީއާ ހިއްސާކުރިއެވެ.

ކައިލީ ވަނީ އެތަން ހިންގުމަށް 50000 ޑޮލަރު ވެސް ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން އަޝްލީއަށް އެއްލައްކަ ޑޮލަރު ވެސް ކައިލީ ދިނެވެ. ސްޓޫޑެންޓް ލޯނު ދައްކާ އަޝްލީ އަލުން ކޮލެޖަށް ގޮސް ކިޔަވާތަން ދެކެން ބޭނުންވާ ކަމަށް ކައިލީ ބުންޏެވެ. ކައިލީގެ ފަރާތުން ލިބުނު ހަދިޔާއާއެކު އަޝްލީ ވަނީ ކަރުނައިން ފޯވެ ހުރެ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން 21 އަހަރުގައި ކައިލީ ވަނީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަށް ވެފައެވެ. އޭނާއަކީ ފެޝަނުގެ ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެކެކެވެ.