އެނގޭ ހެއްޔެވެ؟ އެވްރެޖް ފޭސްބުކް މެމްބަރަކު ދުވާލަކު 50 މިނިޓު ފޭސްބުކް އާއި އިންސްޓަގްރާމް ގައި ވަގުތު ހޭދަކުރެއެވެ. މިއީ މުޅި ދުވަހުގައި އޭނާ އެހެން މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް، ނުވަތަ ބޭރުގައި ހިނގާ ހަރަކާތެއް ބެލުމަށް، ނޫނީ ކާއެއްޗެއް ކެއުމަށް ހޭދަކުރާ ވަގުތަށް ވުރެން ވެސް ގިނަ ވަގުތެވެ.

ރައްޓެހިން ކޮށް އުޅޭ ކަންތައްތައް ހޯދުމަށް، އެހެން ނޫނީ ފޭސްބުކް އިން ފެންނަ މަޒުމޫނުތައް ކިޔަން ހަދައިގެން ތިބާގެ ވޯލް ތިރި ކޮށްކޮށް ފޭސްބުކް ގައި ގިނަ ވަގުތު ހޭދަ ކުރުމުގެ ސަބަބުން އެމީހަކުގެ އުފާވެރިކަން ދަށްކޮށްދޭ ކަން ފަހުގެ ދިރާސާއަކުން ވަނީ ފާހަގަކުރެވިފައެވެ. ކުރީގައި ދެންނެވުނު ބޭނުންތަކަށް ފޭސްބުކް ބޭނުންކުރުމަކީ އެހެން މީހުންގެ ދިރިއުޅުމާ ތިމާގެ އިޖުތިމާޢީ ދިރިއުޅުން އަޅާކިޔުމަށް މަގުފަހި ކުރުވާ ކަމެކެވެ.

ފޭސްބުކް އެހެން މެމްބަރުންގެ ހުނަރުތައް ފެނުމަކީ ތިމާ އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތް ބަދަލު ކުރުވާ ކަމެކެވެ. މިސާލަކަށް ތިމާ އާ އެއްކޮށް ސާނަވީ ތަޢުލީމް ހޯދަން ކިޔެވި ބައެއް ރައްޓެހިން މިހާރު ހޯދަމުންދާ ކާމިޔާބު ފެންނަން ފެށީމަ ތިމާ އަށް ދިރިއުޅުމުގެ ހާސިލްވީ ކޮން ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވޭނެއެވެ. ތިމާ އާ އެއްކޮށް މަސައްކަތު މާހައުލުގައި އުޅޭ ރައްޓެހިން މޮޅެތި ރެސްޓޯރެންޓް ތަކަށް އަރައި އިންސާފް ކުރާ ކެއުން ފެނިފައި ތިމާ އަށް އަމިއްލަ ނަފްސާ މެދު ވިސްނުމަށް މަޖުބޫރު ކުރުވާނެއެވެ. ތިމާ އެހެން މީހުންނާ އަޅާކިޔުމަކީ އެއީ އިންސާނީ ތަބީޢަތުގައިވާ ކަމެކެވެ. އެކަމަކު ފޭސްބުކް އަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އެންމެ މޮޅު މަޢުލޫމާތުތައް ހިއްސާ ކުރާ ތަނެކެވެ. ތިމާ ޖެހޭނީ އަބަދުވެސް އެހެން މީހުންގެ މޮޅު ކަމާ ތިމާގެ ދިރިއުޅުން އަޅާ ކިޔާށެވެ. އެހެން ވުމުގެ ސަބަބުން އުފާވެރިކަން ދަށްވެއެވެ.

މި ދިރާސާ އިން ދައްކާ ގޮތުން ތިބާ އަކީ ފޭސްބުކް ގައި ގަވާއިދުން ސްޓޭޓަސް އަޕްޑޭޓު ކޮށް، މެސެންޖާ މެދުވެރިކޮށް ރައްޓެހިންނާ ވާހަކަ ދައްކާ، އަދި އަމިއްލަ މަޢުލޫމާތު ފޭސްބުކް ގައި ހިއްސާ ކުރާ ފަރާތެއް ނަމަ، ފޭސްބުކްގެ ސަބަބުން ތިމާގެ ދިރިއުޅުން އިތުރަށް އުފާވެރި ކޮށްދެއެވެ. މެސެންޖާ މެދުވެރިކޮށް ނޫނީ އެހެން ރައްޓެހިންނަށް ޓާގެޓު ކޮށްފައި ފޮޓޯތައް ފޭސްބުކްގައި ފޮޓޯ ޝެއާ ކުރުމަކީ އިޖުތިމާޢީ ގުޅުން އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ. ތިމާގެ ރައްޓެހިންގެ ނޫނީ އާއިލާ ތެރޭގައި ގާއިމްކުރާ ކުޑަ ވަށް ބުރު ވަރުގަދަ ކޮށް، ބޮޑު އިޖުތިމާޢީ ވެއްޓެއް ތެރޭގައި ތިމާ އަށް އިތުބާރު ލިބިގެންދާނެއެވެ. މީގެ ސަބަބުން އެކަނިވެރިކަމުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް މަގުފަހިކުރުވައެވެ.

ތިމާ ފޭސްބުކް ބޭނުންކުރަނީ ކީއްކުރަންތޯ މުޅީން ޔަޤީން ނުކުރެވޭ ފަރާތްތައް އެހެން ނޫނީ ފޭސްބުކްގައި ތިމާގެ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށްވެސް ހިއްސާ ކުރަން ބޭނުން ނުވާ ފަރާތްތައް ފޭސްބުކް އިން ދުވަސް ދުވަސްކޮޅާ ދުރަށް ޖެހިލުމަކީ ބޭނުންތެރި ކަމެކެވެ. އެންމެ ރަނގަޅީ ފޭސްބުކް އާއި އެއްކޮށް ދުރުވެގަތުމެވެ. ދިރާސާ އަކުން ދައްކާ ގޮތުގައި އެއް ހަފްތާ ވަންދެން ފޭސްބުކް އާ ދުރަށް ދިޔުމަކީ ރަނގަޅު ދިރިއުޅުމަކަށް ބޭނުންތެރި ކަމެކެވެ. އެއް ހަފްތާ ފަހުން ތިމާ އަށް ރަނގަޅު ބަދަލެއް އައިސްފިއްޔާ އިތުރަށްވެސް ގިނަ ދުވަސް ފޭސްބުކް އާއި ދުރަށް ޖެހިލާށެވެ.