އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، އިލިއާނާ ޑިކްރޫޒް މިވަނީ އޭނާއަށް ނިދީގައި ދިމާވާ ކަމެއްގެ ވާހަކަ އެންމެންނާއި ޙިއްސާކޮށްފައެވެ. ނަމަވެސް އެކަން އެގޮތަށް ދިމާވާ ސަބަބެއް އޭނާއަކަށްވެސް ނޭނގެއެވެ. އެހެންކަމުން ފޭނުންނާއި އާންމުންނަށް އޭނާ ވަނީ އެ މައްސަލައިގެ ހަޤީޤަތް އޮޅުންފިލުވައިދިނުން ދޫކޮށްލާފައެވެ.

ޓްވީޓާގައި އިލިއާނާ ބުނެފައިވާ ގޮތުގައި، އޭނާއަށް ދަންވަރު ގަޑީގައި ހޭލެވޭއިރު ފައިގައި ހުންނަނީ ބޮޑެތި ފިއްގަނޑުތައް ނަގައި ރަތްވެފައެވެ. އެއީ ގަދަ ނިދީގައި އޮވެ ނޭނގި ތެދުވެ ހިނގައި އުޅުމުން ވެދާނެ ކަމެއް ކަމާއި މެދުވެސް އޭނާގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ. ދަންވަރު ނިދީގައި ހުރެގެން ތަންތަނަށް ހިނގޭ ކަމެއް، ޔަޤީންކަމާއެކު ބުނަން އޭނާއަކަށްވެސް ނޭނގެއެވެ.

އިލިއާނާގެ މި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން އެކި މީހުންގެ ޚިޔާލު ތަފާތެވެ. މި ޓްވީޓާއި ގުޅޭގޮތުން ވާހަކަ ދެއްކި ގިނަ މީހުން އިއްތިފާޤުވަނީ، އިލިއާނާއަށް ނާމަން ކަމަކާއި ކުރިމަތިވެފައިވާ ކަމެކެވެ. އަދި ޖިންނިއެއްގެ އުނދަގޫ އޭނާއަށް ކުރިމަތިވަނީ ކަމަށާއި، އެކަމަށް ހެކިދޭނެ ބައެއް ކަންކަންވެސް އެފަރާތްތަކުން ޙިއްސާ ކުރަމުން ދެއެވެ.

ނަމަވެސް އަނެއްބައި މީހުން ބުނާގޮތުގައި މިއީ ނިދީގައި ހުރެ ތެދުވެގެން ހިނގުމާއި ގުޅުންހުރި ކަމެއް ނޫނެވެ. މަދިރީގެ ސަބަބުން، ނުވަތަ އެނޫންވެސް ސޫތްޕެއްގެ ސަބަބުން އެފަދަ ކަމެއް ދިމާވެދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ. ފައިގައި ފިއްގަނޑު ހުންނާނީ ގައިމުވެސް އެފަދަ ސޫތްޕެއްގެ ސަބަބުން ކަމަށް އެފަރާތްތަކުން ބުނަމުން ދެއެވެ.

ފޭނުންގެ ވާހަކަތަކާއި ގުޅިގެން ސަމާސާކޮށް އިލިއާނާ ފަހުން ބުނެފައިވަނީ، އޭނާއަކީ ދަންވަރު ގަޑީގައި އެކި ކަހަލަ ކާއެއްޗެހި ކާހިތްވާ މީހެއް ކަމަށެވެ. އެހެންކަމުން ނިދީގައި ހުރެ ފްރިޖް ދޮށަށްގޮސް ކާއެއްޗެހި ކެވެނީ ކަމަށް ވެދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އުމުރުން 32 އަހަރުގެ އިލިއާނާ ފިލްމީ ދާއިރާއަށް ނިކުތީ 2006 ވަނަ އަހަރުއެވެ. އޭރު އޭނާ ފެންނަމުން އައީ ދެކުނު އިންޑިއާ އިންޑަސްޓްރީގެ ފިލްމުތަކުންނެވެ. އެ ފިލްމުތަކުން ވިދާލުމަށްފަހު އެންމެ ފުރަތަމަ ހިންދީ ފިލްކަމުން އޭނާ ފެނިގެން ދިޔައީ 2012 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް، "ބަރްފީ" އިންނެވެ. އެއަށްފަހު ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނާއެކު އޭނާއަށް ކާމިޔާބު ގިނަ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ.

އިލިއާނާ، އޮސްޓްރޭލިއާއަށް ނިސްބަތްވާ، މަޝްހުރު ފޮޓޯގްރާފަރު އެންޑްރޫ ނީބޯން އާއި ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ ޚަބަރު ފެތުރިފައި ވަނިކޮށް، އެދެމީހުން ސިއްރުން ކައިވެނިކޮށްފައިވާ ކަން ދާދިފަހުން ހާމަވެފައި ވެއެވެ. ނަމަވެސް އެ ކައިވެނި، މިދިޔަ މަހުގެ ފަހުކޮޅު ރޫޅިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. ނިދީގައި އިލިއާނާއަށް މިހާރު ދިމާވާ މައްސަލައަކީ މިކަމާއި ގުޅުންހުރި ކަމަކަށްވެސް ވެދާނެ ކަމަށް ބައެއް މީހުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު