އިނގިރޭސި މަޝްހޫރު މޮޑެލް، ކެޓީ ޕްރައިސް އަކީ އެކި ކަހަލަ ސާޖަރީތައް ހެދުމަށް ދެވިހިފާފައި ހުރި މީހެއްކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އެގޮތުން ކުރި ގިނަ ސާޖަރީތަކަށްފަހު ހަށިގަނޑުގެ އެކި ތަންތަނަށް އޭނާ ވަނީ ބަދަލުތައް ގެނެސްފައެވެ. އެހެން ފަހުން އޭނާ ވަނީ މޫނުގެ ސާޖަރީއެއްވެސް ކޮށްފައެވެ.

އުމުރުން 41 އަހަރު ވެފައިވާ ކެޓީގެ ރަހުމަތްތެރިއަކާއި ހަވާލާދީ އިނގިރޭސި ނޫހެއްގައި ބުނެފައިވާ ގޮތުގައި ކެޓީގެ މޫނުގެ ސާޖަރީއަށް ފަހު އޭނާގެ ސިފަ މުޅީންހެން ވަނީ ބަދަލުވެފައެވެ. މިކަމުގެ ސަބަބުން ކެޓީއަށް، ފޭސް ރިކޮގްނިޝަން ބޭނުންކޮށްގެން ހުޅުވާ އޭނާގެ އައިފޯން ވެސް ނުހުޅުވުނު ކަމަށް ކެޓީގެ ރަހުމަތްތެރިޔާ ބުނެފައި ވެއެވެ. ފޯނުގައި ޖަހާފައިވާ ސެކިއުރިޓީ ޕާސްވޯޑުވެސް ނޭނގުމާއި އެކު ފޭސް ރިކޮގްނިޝަން މަސައްކަތް ނުކުރުމުން، ކެޓީ އެކަމާއި ހިތްހަމަ ނުޖެހިގެން ފޯނު ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ފަސް ކުދިންގެ މަންމައެއް ކަމަށްވާ ކެޓީ އެންމެ ފަހުން ހެދި މޫނުގެ ސާޖަރީ ހަދާފައިވަނީ ތުރުކީގައެވެ. އެ ސާޖަރީއަކީ "ފޭސް އެންޑް އައިލިފްޓް" ސާޖަރީއެއް ކަމަށް ކުރިން އޭނާ ހާމަކޮށްފައި ވެއެވެ. ސާޖަރީއަށްފަހު ނަގާފައިވާ ފޮޓޯތައް އޭނާ ދައުރުކޮށްފައިވާއިރު، އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ކެޓީގެ ސާޖަރީ ހެދުމުގެ އާދަ އާއި ގުޅިގެން އޭނާގެ ގިނަ ރަހުމަތްތެރިންވެސް ކަންބޮޑުވެއެވެ. އެގޮތުން އޭނާ އެކަމަށް ދެވިހިފާފައިވާ މިންވަރު ހާމަކޮށް އެފަރާތްތަކުން ވަނީ އޭނާއަށް ނަސޭހަތްތެރިވެފައެވެ. މިފަދަ ސާޖަރީތަކަކީ ފުރާނައަށްވެސް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ކުރުވަފާނެ ކަމަކަށްވާއިރު، ދާދި ފަހުން އޭނާ ހެދި ސާޖަރީއަކަށްފަހު އޭނާގެ ހަށިގަނޑަށް އިންފެކްޝަނެއްގެ ނުރައްކާ ބޮޑުވެފައިވާ ކަމުގެ ޚަބަރުތައް ވެސް ފެތުރިފައި ވެއެވެ.

ކެޓީ ޕްރައިސް ވަނީ މިހާތަނަށް ހަށިގަނޑުގެ 12 ސާޖަރީއެއް ހަދާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެހާ ގިނައިން އޭނާ ސާޖަރީ ހަދަމުން ދަނީ، ރީތިކަން އިތުރުކުރުމަށް ކަމަށެވެ. އަދި ފަލަކަމަށް ދައްކާތީ، އެކަން ބަދަލު ކުރުމަށްވެސް ސާޖަރީތައް ކޮށްފައިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. ކެޓީގެ މި ހުއްޓުމެއްނެތް އާދަޔާއި ހެދި އޭނާގެ މަންމަ އާއި އާއިލާއިންވެސް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު