1988 ވަނަ އަހަރު ފިލްމެއްގެ ޝޫޓިންއެއްގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލުމުގެ ދައުވާ މިއަދު ސާބިތުވި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސަލްމާން ހާންގެ މައްޗަށް ޙުކުމް އިއްވުމުގެ ޝަރީއަތް ފަށައިފިއެވެ.

މިއަދު އޮތް ޝަރީޢަތުގައި ސަލްމާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނަމަވެސް އަދި ޙުކުމެއް ނުކުރެއެވެ. ޙުކުމް ކުރަން ހަމަޖެހިފައި އޮތް ޝަރީޢަތުގެ މަޖިލިސް ފަށާފައި ވާއިރު އެޝަރީޢަތުގެ މަޖިލީހަށް މީޑިއާތަކަށް ވެސް ނުވަދެވޭނެކަން ކޯޓުން މިހާރު ވަނީ އަންގާފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާ މިނިވަން ކޮށްދިނުމަށް އޭނާގެ ވަކީލުން ދަނީ އެދެމުންނެވެ. އެއީ ސަލްމާން އަކީ މީގެ ކުރިން ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވާތީއެވެ.

ސަލްމާންގެ މައްޗަށް ޙުުކުމް އިއްވުމުގެ ޝަރީޢަތް ފަށާފައި ވާއިރު އޭނާ ގެންދާނެ ޖަލެއް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ މައްޗަށް އެންމެ މަދުވެގެން ވެސް އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.