އިނގިރޭސިވިލާތުގެ ލަންޑަނުގެ ޒުވާނާ، އޮވެން ކެރީ، އޭނާއަށް އަށް 18 އަހަރުވުން ފާހަގަކުރުމަށް ދިޔައީ ބާގަަރއެއް ކާލުމަށް، ކޯރު ކައިރީގައި އޮންނަ ހިތްގައިމު 'ބައިރޯން ރެސްޓޯރެންޓް' ގެ ބްރާންޗަކަށެވެ.

އެތަނަށް ގޮސް އޮވެން އޯޑަރު ދިނީ ފިހުނު ކުކުޅު ބާގަރ އަކަށެވެ. އޭނާގެ ހުންނަ 'ޑެއިރީ އެލާޖީ' (ކިރާއި، ޗީސް ފަދަ ޖަނަވާރުންގެ ކިރު އެކުލެވޭ މާއްދާ ހިމެނޭ ބާވަތްތައް ބޭނުންކުރުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ނުގުޑާ އެލާޖީ އެއް) އާއި ބެހޭގޮތުން އެންމެ ފުރަތަމަ ވެސް ރެސްޓޯރެންޓް މުވައްޒަފުންގެ ސަމާލުކަމަށް ގެނައެވެ. އެމީހުން ދިން ޖަވާބުން އޮވެން ހާސް ވާނެ އެއްވެސް ކަމެއް ނެތުމުން އޭނާ ވަނީ މެނޫ އަށް ބަލާފައި ކާ އެއްޗަށް އޯޑަރު ދީފައެވެ. އެއްވެސް ކަހަލަ ކިރުގެ ބާވަތެއް އެ ކެއުމުގައި ހިމެނޭ ކަމަށް ލޭބަލް ގައި ނެތެވެ. އެކަމަކު ހަގީގަތުގައި އޭނާ އަށް އޯޑަރު ދެވުނު ކުކުޅު ގައި ހުރީ ބަޓަރު ކިރު އަޅާފައެވެ.

އޮވެން އަށް އިރުކޮޅެއް ވަންދެން ކެއުމާއިގެން ކުރިއަށް ދެވުނެވެ. ދެން، އޭނާގެ ތުންފަތް ހިރުވަން ފެއްޓިއެވެ. އަދި އޭނާގެ ބަނޑު ތެޅެން ފެށިއެވެ. ވަގުތުން އޮވެން ކެއުން ހުއްޓާލުމަށްފަހު ރެސްޓޯރެންޓް އިން ނިކުމެގެން ދިޔައެވެ. ރެސްޓޯރެންޓުން ނުކުތް ފަހުން ގަޑިއެއް ހާއިރު ނުވަނީސް އޮވެން ވަނީ މަގުމައްޗަށް ވެއްޓިފައެވެ. އޭނާ ވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. 2017 ގައި ހިނގި މި ހާދިސާ އާ ގުޅިގެން އޮވެންގެ އާއިލާ ގެ މީހުން ދިޔައީ އޮވެން މަރުވި ސަބަބު ހޯދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެމީހުންނަށް އެންމެ ފަހުން ޖަވާބެއް ލިބުނީ މިދިޔަ ހުކުރު ދުވަހު 'ސައުތްވާކް ކޮރޮނަސް ކޯޓް' އިންނެވެ. މަރުގެ މައްސަލަތަކުގެ ތަހުޤީގު ހިންގާ ކޯޓުގެ ފަރާތުން މި މައްސަލަ ބެއްލެވި އޮފިޝަލު، ބަލާޑް ވަނީ ކޯޓުގައި އޮވެންގެ މަރުގެ ބަޔާން ކޯޓުގައި ބާރަށް އިއްވާފައެވެ. "އޮވެން މަރުވެފައި ވަނީ އޭނާގެ އެލާޖީ އާ ބެހޭގޮތުން ރެސްޓޯރެންޓް މުވައްޒަފުންގެ ސަމާލުކަމަށް ގެނައުމުންވެސް، އޭނާ އަށް އެތަނުން ލިބުނު ކާ އެއްޗއެއް ކައިގެން ދިމާވި އެލާޖީ އެއްގެ ސަބަބުންނެވެ. ރެސްޓޯރެންޓް މެނޫގައި އެއްވެސް ގޮތަކަށް ފާހަގަ ކޮށްފައެއް ނުވޭ އެލާޖިކް މައްސަލައެއް ދިމާވެދާނެ އެއްވެސް ބާވަތެއް އެ ކެއުމުގައި ހިމެނޭ ކަމަށް." ކޯޓުގެ ބަޔާނުގައި ވެއެވެ.

"އޮވެން އަކީ އަހަރެމެން އާއިލާގެ އަލިގަދަ ނޫރު. އޭނާ އެ ގޮތަށް މަރުވެގެން ނުވާނެ." އޮވެން ގެ ދައްތަ، އެމާ ކެރީ ކޯޓުގެ ބޭރުގައި ރޮމުން ހުރެ ބުންޔެވެ. އޮވެންގެ އާއިލާ މީހުންގެ ވެސް އެދުމަކީ މީގެ ފަހުންވެސް ރެސްޓޯޜެންޓް ތަކުގައި ވަރަށް ތަފްސީލުކޮށް އެލާޖީގެ މައްސަލަ ދިމާވެދާނެ ކެއުން ވަކިކުރެވޭ ގޮތަށް ފާހަގަކުރެވިފައި ވުމެވެ.

ކިޔުންތެރިންގެ ހިޔާލު