ޕްރިންސް ހެރީގެ 35 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އަނބިކަނބަލުން މޭގަން މާކެލް އާއި ދަރިކަލުން އާޗީ ހެރިސަން އަދި ޕްރިންސް ހެރީ ފެންނަ އާފޮޓޯއެއް އާއްމުކޮށްފިއެވެ.

މޭގަން އާއި ހެރީގެ އާއިލާއަށް ސަމާލުކަންދޭ މީހުން ގެންދަނީ ތުއްތު އާޗީގެ އާފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް އާއްމުކޮށްފައިވާ ފޮޓޯއަކީ އާޗީ އުފަންވިތާ މާގިނަ ދުވަސް ނުވަނީސް ނަގާފައިވާ ފޮޓޯއެކެވެ.

މޭގަން އާއި ޕްރިންސް ހެރީގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ވެސް ވަނީ ޕްރިންސް ހެރީގެ އުމުރުގެ އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތަކުން ހަދާފައިވާ ކޮލާޖެއް ހިމެނޭ ފޮޓޯއެއް އާއްމުކޮށް ޕްރިންސް ހެރީ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

ތަހުނިޔާގެ މެސެޖްގައި މޭގަން ބުނެފައި ވަނީ ޕްރިންސް ހެރީ އަކީ އެންމެ ރަނގަޅު ފިރިމީހާ ކަމަށާއި އަދި އެންމެ ރަނގަޅު ބައްޕަ ކަމަށެވެ. "އަހަރެމެން ވަރަށް ލޯބިވޭ." މެސެޖްގައި ބުނެފައި ވެއެވެ.

https://www.instagram.com/p/B2bDdAMlxgY/

މެއި މަހުގެ 06 ވަނަ ދުވަހު އުފަންވި އާޗީގެ މާގިނަ ފޮޓޯއެއް އާއްމު ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އާޗީ މާގިނަ ރަސްމިއްޔާތުތަކެއްގައި ބައިވެރިއެއް ވެސް ނުވެއެވެ. އެހެންކަމުން ތުއްތު އާޗީ ދެކޭ ހިތުން އެތައް ބަޔަކު އެބަތިއްބެވެ.