ބައެއް ފަހަރަށް އެ ބޭނުންވާ މީހެއްގެ ފަރާތުން ސަމާލުކަމެއް ނުލިބޭހެން އިހުސާސްވާނަމަ އެއީ ތިބާއަށް ލެވޭ ހެދުމެއްގެ ކުލައެއްގެ ސަބަބުން ވާ ކަމެއްކަމަށް އިހުސާސްވޭތޯ؟ އެގޮތުން ގިނަ މީހުންގެ ލޮލުގައި ފަސޭހައިން އަޅައިގަންނަކަމަށް ފާހަގަކުރެވިފައިވާ ބައެއް ކުލަ ކުލައިގެ ހެދުން ހުރެއެވެ. އެތަނުން އެންމެ ވަރުގަދަ ކުލައެއްގެ ކަމުދާ ހެދުމެއް ލުމުގެ ސަބަބުން ތިބާ ބޭނުންވެގެން އުޅޭ މީހާގެ ސަމާލުކަމުގެ އިތުރުން އެހެން އެތައް ފަރާތެއްގެ ސަމާލުކަން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެގޮތުން އެންމެ ލޮލުގައި އަޅައިގަންނަކަމަށް ނަން މަޝްހޫރުވެފައިވާ ކުލައަކީ ރަތް ކުލައިގެ ހެދުމެވެ. އެންމެންވެސް ދަންނަ ފަދައިން ނުރައްކަލުގެ ކަންކަމުގައި އެންމެ އާންމުކޮށް ބޭނުންކުރެވޭ ކުލައަކީވެސް ރަތް ކުލައެވެ. އެއީ ސަބަބެއް ނެތިގެންނެއް ނޫނެވެ. ރަތް ކުލައަކީ އެންމެ ފަސޭހައިން މީހުންގެ ލޮލުގައި އަޅައިގަންނަ ކުލަކަމަށް ސައިންސްވެރިންވެސް ވަނީ ހާމަކޮށްފައެވެ. އަދި ރަތް ކުލައަކީ ކެއުމުގެ ކަމެއްގައި ނުވަތަ ރެސްޓޯރެންޓެއްގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރެވޭ އެއް ކުލައެވެ.

ކެއުމުގައި ރަތް ކުލަ އެހާ ވަރުގަދަޔަށް ބޭނުންކުރެވެނީ މީހާގެ ބަނޑުހައިހޫނުކަމާއި ކާހިތްވާ މިންވަރާއި ރަތްކުލައިން ކުޅެލާތީއެވެ. ރަތް ކުލައިގައި ހުންނަ ކާ އެއްޗިއްސަކީ އެންމެންގެ މެދުގައި ރަހަ މީރު ކާ އެއްޗެއްގެ ގޮތުގައި ވިސްނިފައި އޮންނާތީވެއެވެ. ވީމާ ރަތް ކުލައިގެ ހެދުމެއް ލައިގެން ހުންނަ މީހާއަކީ އަބަދުވެސް ނުރައްކަލުގެ ރަތް ބޯޑަކަށް މީހުން ދޭ ސަމާލުކަން ލިބޭނޭ މީހެކެވެ. މަޝްހޫރު މެޓްރިކްސް ފިލްމުގެ 'ދަ ވުމެން އިން ދަ ރެޑް ޑްރެސް' މަންޒަރަކީވެސް ރަތް ކުލައިގެ ވަރުގަދަކަން ވަރަށް ފަސޭހައިން ހާމަވެގެންދާ މަންޒަރެކެވެ.

ރަތްކުލައަކީ ޒަމާނުއްސުރެންވެސް ވިޔަފާރީގެ ކަންކަމުގައިވެސް ބޭނުންކުރުމަށް އެންމެ އާދަވެފައިވާ އެއް ކުލައެވެ. އެގޮތުން ހުދު ކުލައިގެ ސޭލް އިޝްތިހާރެއް ފިހާރައެއްގެ ބޭރުގައި ހަރުކޮށްފައި ހުރި ނަމަ އަބަދުވެސް އެ އިޝްތިހާރު ދުރުން ފެންނަ މީހަކަށް ހީވެގެންދާނީ އެއީ ކޮންމެވެސް ކަހަލަ އާންމު މައުލޫމާތެއް ކަމަށެވެ. މިސާލަކަށް ފިހާރަ ހުޅުވާފައި ހުންނަ ވަގުތު ނުވަތަ ފިހާރައިގެ މަސައްކަތަށް މީހަކު ހޯދަމުންދާފަދަ ވާހަކައެއް ކަމަށެވެ.

އެހެންނަމަވެސް ރަތް ކުލައިގެ ސޭލް އިޝްތިހާރެއް ފިހާރައިގެ ބޭރުގައި ހަރުކޮށްފައި ހުންނަނަމަ އެޔަށް މީހުންގެ ފަރާތުން ލިބޭ ސަމާލުކަން އިތުރުވާކަމަށް ވިޔަފާރީގެ ދާއިރާގައި ގިނަ ބަޔަކު ދެކެއެވެ. ރަތް ކުލައިގެ ސަބަބުން ކޮންމެވެސް އާދަޔާޙިލާފް ކަމެއް ހިނގައިގެން އުޅޭކަން އެ ފެންނަ މީހުންނަށް އިހުސާސްވާކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށްވިޔަސް އެންމެ ފަސޭހައިން ލޮލުގައި އަޅައިގަން ކުލައަކީ ރަތް ކުލައެވެ. އަދި އެގޮތަށް މީހުންގެ ލޮލުގައި އަޅައިގަންނަން ބޭނުންވާނަމަ ލާންވެސް އެންމެ ރަނގަޅީ ރަތް ކުލައިގެ ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު