ބޮޑު ބިޔަ ކައުނުގައި ބިން އޮންނަ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ބޭރުން ނުވަތަ އެހެން ސޫރުދަ ނިޒާމަކުން ދުނިޔެ އާއި ދިމާލަށް "އެއްޗެއް" އައުމަކީ މަދު ފަހަރެއްގައި ނޫނީ ނުހިނގާ ކަމެކޭ ބުނެވިދާނެއެވެ. އެހެން ސޫރުދަ ނިޒާމަކުން އަންނަ މިފަދަ އެއްޗެއް މި ސޫރުދަ ނިޒާމުގެ ތެރެއިން އާންމު ގޮތެއްގައި ނުފެންނައިރު، އެފަދަ އެއްޗެއް ހަމަލޮލަށް ބަލާލައި އޭގައި ވެދާނެ ސިއްރެއް ހޯދައި ދިރާސާކުރުމަށް ސައިންސްވެރިންނަށް ލިބެނީ މިފަދަ މަދު ފުރުސަތެކެވެ.

ސައިންސްގެ ހޯދުންތައް ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު، ދުނިޔެ އާއި އެތައް މިލިއަން ކިލޯމީޓަރު ދުރުން ދުނިޔެއާއި ދިމާލަށް އަންނަ ގިނިހިލަ އާއި އެފަދަ އެނޫންވެސް ތަކެތި ހޯދައި ގަތުމުގެ ޤާބިލްކަން، އިންސާނުން އުފައްދާފައިވާ މޮޅެތި އީޖާދުތަކަށް އަންނަނީ ލިބެމުންނެވެ. މިގޮތުން މިފަދަ އީޖާދުތައް މެދުވެރިކޮށް ސައިންސްވެރިން ގިނަގުނަ ހޯދުންތައް ހޯދަމުން އަންނައިރު މިއީވެސް ދާދިފަހުން ސައިންސްވެރިންގެ ލޮލުގައި އަޅައިގަތް ކަމެކެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ސައިންސްވެރިން ވަނީ ދުނިޔެ އާއި ދިމާލަށް މިސްރާބުޖަހާފައިވާ، ގުރަހައެއްފަދަ، އެހެން ނަމަވެސް ގުރަހައަކަށް ނުވާ ބޮޑު ބިޔަ ކޮމެޓްއެއް ހޯދާފައެވެ. ގަނޑުފެނުގެ ބޯ ފަށަލައެއް ހިމެނޭ ބޯޅައެއްގެ ސިފައިގައި އޮންނަ މި ކޮމެޓްގައި ދެ ކިލޯމީޓަރާއި 16 ކިލޯމީޓަރާއި ދެމެދުގެ ފުޅާމިނެއް ހުންނާނެ ކަމަށް އެ އިދާރާތަކުން ބުނެއެވެ.

ހޯދުންތަކުގެ އަލީގައި މި ކޮމެޓާއި ގުޅޭގޮތުން ސައިންސްވެރިން ބުނެފައިވަނީ، މިއީ ކައުނުގެ އެހެން ހިސާބެއްގައިވާ ސޫރުދަ ނިޒާމެއްގެ ތެރޭގައި ދައުރުވަމުން ދިޔަ ކޮމެޓެއް ކަމަށެވެ. އަދި މިހާރު އެ ސޫރުދަ ނިޒާމުން ބޭރުވެ ދުނިޔެއާއި ދިމާލަށް މި ކޮމެޓް މިސްރާބު ޖަހާފައިވާއިރު، އެ ކޮމެޓް އަންނަނީ ގަޑިއަކު ގާތްގަނޑަކަށް 150،000 ކިލޯމީޓަރު ބާރުމިނުގައި ކަމަށް އެފަރާތްތަކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި ކޮމެޓް މިވަގުތު އޮތީ މި ސޫރުދަ ނިޒާމުގެ އިރާއި 420 މިލިއަން ކިލޯމީޓަރު ދުރުގައެވެ. ދުވަހެއް ދުވަހަކަށް މި ދުރުމިން ދަށްވެ ދުނިޔެއާއި ހިސާބަށްވެސް ކޮމެޓް އަންނާނެ ކަމަށް އެފަރާތްތަކުން ބުނަމުންދާއިރު، ދުނިޔެ ހުރަސްކޮށް އަނެއްކާވެސް މި ސޫރުދަ ނިޒާމުން ބޭރުވެ ކޮމެޓް އޭގެ ރާސްތާގައި ކޮޅެއްނެތް ކައުނުގެ ތެރެއަށް ގެއްލިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

C/2019 Q4 ގެ ނަމުން ނަންދީފައިވާ މި ކޮމެޓް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ ދެވަރަކަށް ހަފްތާ ކުރިން ކްރީމީން ޕެނިންސުލާގެ އޮބްޒަވޭޓްރީއެއްގައި މަސައްކަތްކުރާ ޖޫނިއާ އެސްޓްރޮނޯމަރަކަށެވެ. އޭގެފަހުން ހަވާއީގައި ހުންނަ ބިޔަ ޓެލެސްކޯޕެއް މެދުވެރިކޮށް މި ކޮމެޓްގެ މިސްރާބާއި ދައުރުވުންތައް ދަނީ މޮނީޓާކުރަމުންނެވެ.

C/2019 Q4 ދުނިޔެ އާއި އަރައި ހަމަވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ދިރާސާވެރިން ބުނެއެވެ. މިގޮތުން ކޮމެޓް ދުނިޔެ ހުރަސްކޮށްދާ ދުވަސްވަރު، ޓެލެސްކޯޕް މެދުވެރިކޮށް ފެންނާނެ އެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ޕްރޮފެޝަނަލް ޓެލެސްކޯޕުތަކުން ކޮމެޓް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    އިލްމް އިންނާސުންނަށް ލިބެނީ ﷲ އިރާދަ ކުރެއްވި ވަރަކަށް އިރާދަ ކުއްވާ ވަގުތަކުއެވެ. އިންސާނުންގެ މޮޅު ކަމެއް ނޫނެވެ.

    23
  2. ބޯކިބާ

    ބްރޯ ތިޔާ އެއްޗެއް ހޯދީ ނާސާއަކުން ނޫން.

    7
    1
  3. މާމިގިލީ މީހާ

    ވަގުތު ނޫހުގެ އިންޖީނު އެއީ.

    10
    3