މިހާތަނަށް ބޮލީވުޑްގައި ގިނަ ލޯބީގެ ފިލްމުތަކެއް އުފައްދައިފައިވާ މަގުބޫލް ޑައިރެކްޓަރ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ނެޓްފްލިކްސް ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ޒުވާން އަދި އާ ދެފަންނާނުންގެ ނަން އިއުލާން ކޮށްފިއެވެ.

ކަރަން ޖޯހަރުގެ މިފަހަރުގެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނެ ކަމަށް އޭނާ ބުނެފައިވާ ދެ ތަރިންނަކީ، ވިކީ ކައުޝަލް އަދި ބުހްމީ ޕެޑްނެކަރެވެ.

ވިކީ ކައުޝަލް އަކީ 2016 ވަނަ އަހަރުން ފެށިގެން ގިނަ އެވޯޑްތަކަކަށް ނޮމިނޭޓްވެ އަދި އެތަށް އެވޯޑެއް މިހާތަނަށް ހާސިލްކޮށްފައިވާ އަރަމުން އަންނަ މަގުބޫލް ތަރިއެވެ. މީގެ އިތުރުން މިފިލްމުގައި ލީޑްރޯލުން ފެނިގެން ދާ އަންހެން ބަތަލާ ބުހްމީ ޕެންޑެކަރް އެކްޓަރެއްގެ އިރުރުން އެސިސްޓެންޓް ކާސްޓިން ޑިރެކްޓަރެއްގެ މަގާމުންވެސް ފެނިގެން ގޮސްފައިވާ އަރަމުން އަންނަ ތަރިއެކެވެ. އޭނާ އަކީ 2015 ވަނަ އަހަރު ނެރުނު ބޮލީވުޑް ފިލްމު "ދުމް ލަގާކޭ ހާއިޝާ"ގެ ލީޑްރޯލުން ފެނިގެން ދިޔަ ފަލަ އަންހެންކުއްޖާ އެވެ.

ކަރަން ޖޯހަރުގެ އިންސްޓަގްރަމްގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި ބުނެފައި ވަނީ "ދަރްމަ ޕްރޮޑަކްޝަން" އިން އޭނާގެ ކުރިއަށް އޮތް ބިރުވެރި ފިލްމު އެންކާ ކުރުން އޮންނާނީ މިއަންނަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޕޯސްޓުގައި ސަޕޯޓަރުންގެ ކިބައިން އެ ދުވަހަށް އިންތިޒާރުކުރުމަށް ވަނީ އެދަފައެވެ.

މީގެ އިތުރުން އިންޑިއާގެ އޮންލައިން ނޫހަކަށް ކަރަން ޖޯހަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ގިނަ ލޯބީގެ ފިލްމުތަކަކަށްފަހު މުޅިން އެހެން ތަފާތު ރަހައެއްގެ ފިލްމެއް އުފެންދުމަކީ ހަމަ އެކަނި ޗެލެންޖެއް ނޫން ކަމަށާއި، އެ ފިލްމާ މެދު އޭނާ ވަރަށް ކެތް މަދުވެފައި ހުރިކަމަށެވެ.

އެ ޕޯސްޓަށް ގިނަ ބަޔަކު ލައިކް އަދި ކޮމެންޓް ކޮށްފައި ވެއެވެ. ކަރަން ޖޯހަރުގެ އިންސްޓަގްރާމް ފޮލޯ ކުރާ ގިނަ ސަޕޯޓަރުން ވަނީ އެ ފިލްމަށް އިންތިޒާރުކުރަމުން ދާކަމަށް ބުނެފައެވެ.