ވަށްޓެރި އިންޑިއާގައި އީ ސިނގިރޭޓާއި އެޒާތުގެ ހުރިހާ އެއްޗެއް ބޭނުން ކުރުމާއި އުފެއްދުން އަދި ވިއްކުންވެސް މަނާކޮށްފިއެވެ.

އިންޑިއާގެ ޔޫނިއަން ކެބިނެޓުން މިކަން ކުރަން ހުއްދަ ދީފައި ވާއިރު، އެ ގައުމުގެ ފިނޭންސް މިނިސްޓަރު ވަނީ ވޭޕް ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ބޭނުން ކުރާ މީހުންނަށް ވާ ކަމާއި، މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދަނީ ޒުވާން ކުދިންނަށް ކަމަށްވެސް ބުނެފައެވެ.

ވޭޕާއި އެ ޒާތުގެ އެއްޗެހި ބޭނުން ކޮށްގެން އެމެރިކާގައި އެއް މަސް ތެރޭ 7 މީހަކު މަރުވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ދަނީ ފުއްޕާމޭގެ ގޮތް ނޭނގޭ ބައްޔަކަށް ފަރުވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާ އިން މިގޮތަށް ނިންމުމާއި އެކު އެ ގައުމުގައި މިފަދަ އެއްޗެހި ބޭނުން ކުރުމާއި ވިއްކުން ވާނީ ގާނޫނީ ކުށަކަށެވެ. މިކަން މިގޮތަށް ނިންމަން މަޖިލީހަށް ހުށަހެޅުމަށް މިހާރު އެ ގައުމުގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ދެ ސްޓޭޓެއްގައިވެސް މިފަދަ އެއްޗެހި ބޭނުން ކުރުން މަނާކޮށްފައި ވާއިރު، ދިރާސާތަކުން ދައްކާ ގޮތުން ވޭޕް ކުރުމުގެ ސަބަބުން އިންސާނާގެ ޑީއެންއޭ އަށް ގެއްލުންވެ، ނޭވާލާ ނިޒާމް ހަލާކުވެ، މީހަގެ ފުއްޕާމެއަށްވެސް ވަރަށް އަވަހަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. އިންޑިއާގައި ވޭޕާއި އެޒާތުގެ އެއްޗެހި މަނާކުރުމުން ރާއްޖޭގައިވެސް ވަރަށް އަވަހަކަށް އެކަންތައް ކުރާނޭ ކަމަށް ބެލެވެއެވެ. އެއީ ގިނަ ދިވެހި ރައްޔިތުންވެސް ބޭނުންވާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު