ތިޔައީ ވަޒީފާ އެއްގައި އުޅޭ މީހެއްނަމަ ރަހުމަތްތެރިއަކަށް ކޮފީ އެއް ނުވަތަ ކެއުމަކަށް ދަރާފައި އޮތުން ވަރަށް ގާތެވެ. އެއީ ތިމާ އަށް އެކަނި ވެފައި އޮތް ގޮތެއް ނޫނެވެ. އެތައް ބަޔަކަށް ކޮފީ ދޭނަމޭ ކިޔައިގެން އުޅޭ ދިވެހިން އަހަރެމެންގެ ތެރޭގައި ވަރަށް ގިނައެވެ.

ދެ މީހަކު ދިމާ ނުވާތާ ދުވަސްކޮޅެއް ފަހުން މަގުމަތިން ދިމާވެ، ނުވަތަ މީސް މީޑިއާގެ ޒަރިއްޔާ އިންވެސް ވާހަކަ ދައްކާލައިފިނަމަ އެންމެ ފުރަތަމަ ވެސް ބުނާނީ ކޮފީ އަކަށް އަރާ ވާހަކައެވެ. ގިނަ ފަހަރަށް ކޮފީ ހިންގަން ޖެހޭނީ އަބަދުވެސް އެތަނުން ކޮންމެވެސް އެކަކެވެ.

ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ތިއީ ވަޒީފާ އެއްގައި އުޅޭ މީހެއްނަމަ ތިމާގެ ރަހުމަތްތެރިން ހުންނާނީ މުސާރަ ޖަމާވާނެ ދުވަހަކަށް އިންތިޒާރު ކޮށްލަ ކޮށްލައެވެ. ޖަމާވިކަން އެނގުމާއި އެކު ވަގުތުން ކޮފީ އެއް ހިންގަދޭން ބުނާނެއެވެ. ނަމަވެސް، މުސާރަ ލިބޭ އިރަށް ކޮފީ ހަމަ ދޭން ޖެހޭ ހެއްޔެވެ؟ މިއީ ބައެއް މީހުން ކުރަމުން އަންނަ ޝަކުވާ އެކެވެ. އެމީހުން ދެކޭ ގޮތުގައި ކޮފީ ތަކަށް އަބަދު އެގޮތަށް އެރުމުން ފައިސާތަކުގެ އިތުރުން އަގުހުރި ވަގުތުތަކެއްވެސް ބޭކާރު ވެގެންދެއެވެ. އަދި އެ ދޭ މީހާ އަބަދު ދޭން ޖެހުމުންވެސް ކޮފީތައް ހިންގަން ހުންނަ ޝައުގު ކުޑަވެއެވެ.

ކޮންމެއަކަސް، ތިމާ އަށް ކޮފީ އެއް ނުވަތަ ކެއުމެއް ދަރާފައި ހުރި މީހަކު އެބަ ހުރިހެއްޔެވެ؟