އެމެރިކާގައި ވޭޕް ބޭނުން ކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަވުމާ ގުޅިގެން އެގައުމުގެ ސްޓޭޓެއް ކަމަށްވާ ނިއު ޔޯކުގައި ވޭޕް ބޭނުންކުރުން މަނާކޮށްފިއެވެ.

ނިއު ޔޯކުގެ ޕަބްލިކް ހެލްތް ޕެނަލުން އެގޮތަށް ނިންމީ ހޯމަ ދުވަހުއެވެ. މިފަދަ ނިންމުމެއް ނިންމާފައިވާއިރު ވޭޕް ކުރުމާ ގުޅިގެން ހަތް މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ.

ހުރިހާ ވައްތަރެއްގެ ވޭޕް އާއި އީސިނގިރޭޓް މަނާކުރުމުގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެންމެ މަތީ މަސްއޫލުވެރިންނާއެކު ފަށާފައި ވާ ކަމަށާއި ވަރަށް އަވަހަށް އެމެރިކާގައި ވޭޕްގެ ހުރިހާ ބާވާތެއް މަނާކުރާނެ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.

އެމަޝްވަރާތަކަށްފަހު އެންމެ ފުރަތަމަ ވޭޕް މަނާ ކުރި ސްޓޭޓަކަށް ވެފައިވަނީ ނިއު ޔޯކެވެ.

އެމެރިކާގެ ކޮންގްރެސްގެ ގިނަ މެންބަރުން ވެސް ވަނީ އީސިނގިރޭޓާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ގެންދަނީ ވޭޕް ކުރުމުގެ ސަބަބުން ބަލިވި 450 މީހެއްގެ ކަންކަން ދިރާސާ ކުރަމުންނެވެ.

ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން ގޮތް ނޭނގޭ ބައްޔެއް ޖެހެނީ ވޭޕަށް އަޅާ ވިޓަމިން އީ އެކުލެވޭ ތެލުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެމެރިކާގެ ބައެއް މީހުންނަށް ޖެހިފައިވާ ގޮތްނޭނގޭ ބަލީގެ ސަބަބުން ސިއްހީ މާހިރުން ގެންދަނީ އީސިނގިރޭޓް ބޭނުން ނުކުރުމަށް ނަސޭހަތްތެރިވަމުންނެވެ. ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި އެއްވެސް ބާވަތެއްގެ އީސިނގިރޭޓަކީ ރައްކާތެރި އެއްޗެއް ކަމަށް ނިންމޭކަށް ނެތެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނާ ގޮތުގައި ވޭޕް ބޭނުންކުރުމުން އެއްކޮށް މަނާނުކުރި ނަމަވެސް މަގުމައްޗާއި އާއްމު ތަންތަނުގައި ވޭޕް ބޭނުންކުރުން މަނާކުރަން ޖެހެއެވެ. ސަބަބަކީ ވޭޕް ބޭނުން ނުކުރާ މީހުންނަށް ވެސް އޭގެ އަސަރުކޮށް، ސިއްހީ މައްސަލަތައް ދިމާވުމުގެ ބިރު އޮތުމުންނެވެ.