އެެމެރިކާގެ މިޝިގަންގެ ދަނޑުވެރިއެއްގެ ގޭގައި ދޮރު ބާރަށް ލެއްޕޭތީ، ދޮރު ހިފެހެއްޓުމަށް ބޭނުން ކުރަމުންދިޔަ ހިލަކޮޅައްކީ މީގެ އެތައް އަހަރެއް ކުރިން ދުނިޔެއަށް އައި ގިނިހިލައެއްގެ ބައެއް ކަމަށް އެޤައުމުގެ ޖިއޮލޮޖިސްޓަކު ހާމަކޮށްފިއެވެ.

އެމެރިކާގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރެއް ކަމަށްވާ މޮނާ ސާރބެސޫ ބުނެފައިވަނީ އޭނާގެ ގާތަށް ތަފާތު އެކި ވައްތަރުގެ ހިލަކޮޅުކޮޅު ހިފައިގެން މީހުން އަންނަ ކަމަށާއި ނަމަވެސް މިއީ އޭނާގެ 18 އަހަރުގެ ކެރިއަރުގައި އަސްލު ގިނަ ހިލައިގެ ތަންކޮޅެއް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

މޮނާ އިތުރަށް ބުނެފައިވަނީ މިގިނަ ހިލައިގެ ތަންކޮޅުގައި 88.5 އިންސައްތަ އަޔަން އަދި 11.5 އިންސައްތަ ނިކަން ހިމެނޭ ކަމަށާއި މިއީ މިހާތަނަށް ދުނިޔެއިން މިގޮތަށް ފެނުނު ގިނަ ހިލައިގެ ތެރެއިން ހަވަނައަށް އެންމެ ބޮޑު ހިލަކޮޅު ކަމަށެވެ. އަދި އޭގެ އަގު އެއްލައްކަ ޑޮލަރަށްވުރެ މަތިވާނެ ކަމަށް ކަމަށް މޯނާ ބުނެފައިވެއެވެ.

މި ހިލަކޮޅަކީ އަސްލު ގިނިހިލައެއްތޯ ޓެސްޓް ކުރުމަށް ލެބޯޓަރީއަކަށް ފޮނުވިއިރު، ޓެސްޓު ރިޕޯޓްތައް ބުނާ ގޮތުން މިއީ ވަރަށް ކުރިން ދުނިޔެއަށް ވެއްޓުނު ގިނިހިލައެއްގެ ބައެކެވެ.

މި ހިލަކޮޅުގެ ވެރިޔާ ބުނެފައިވަނީ މިހިލަކޮޅު އޭނާގެ ބައްޕައަށް ފެނިފައިވަނީ 1930 އަހަރުގައި ކަމަށާއި ގޭގައި އެހިލަކޮޅު އޮންނަތާ ވަރަށްގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ހިލަކޮޅު، ދޮރު ބާރަށް ލެއްޕޭތީ ދޮރުގެ ކައިރީގައި ބާއްވާފައި އޮންނަތާ މިހާރު 30 ވަރަކަށް އަހަރުވެދާނެ ކަމަށް އޭނާ ބުންޏެވެ. މި ހިލަކޮޅު ވިއްކައިގެން ލިބޭ ފައިސާގެ 10 އިންސައްތަ، އެއީ ގިނަހިލައިގެ ބައެއް ކަމަށް ހޯދި ޕްރޮފެސަރަށް ހަދިޔާ ކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

މިގޮތަށް ފެންނަ ހިލަކޮޅު އާއްމުކޮށް ބަހައްޓަނީ ދާރުލް އާސާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު