ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް މިއަދު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ޙުކުމަކީ، އޭނަ ކުރި ކުށާއި އަޅައިބަލާއިރު ވަރަށް ލުއި އަދަބެއް ކަމަށް، އިންޑިއާގެ އުތުރާއި ހުޅަނގު ތާރު ސަހަރާގައި ފެތުރިފައި އޮންނަ ދީނީ ޤަބޫލުކުރުންތަކެއް ގެންގުޅޭ ޖަމާޢަތެއް ކަމަށްވާ ބިޝްނޯއީ އިން ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު އެ ޖަމާޢަތުގެ ޖައިޕޫރު ސްޓޭޓަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ރަމްޕާލް ބަވާދު ބުނެފައިވަނީ، ސަލްމާނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އަދި ސަލްމާނަށް މިހާރު ދީފައިވާ އަދަބަށްވުރެ ހަރުކަށި އަދަބުދޭން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާގެ "ވައިލްޑް ލައިފް ޕްރޮޓެކްޝަން"ގެ 51 ވަނަ މާއްދާގައި ބުނާގޮތުން، ޙިމާޔަތްކުރެވިފައިވާ ޖަނަވާރެއް މަރާލައިފިނަމަ، ނުވަތަ އެ ޢަމަލު ހިންގިކަން ޝަރީޢަތުގެ މަޖިލީހުގައި ސާބިތުވެއްޖެ ނަމަ އެފަރާތެއް ހަ އަހަރަށް ޖަލަށް ލާން ޖެހޭނެއެވެ. މިއީ މިފަދަ މައްސަލައެއްގައި ދެވޭނެ އެންމެ ހަރުކަށި އަދަބު ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ސަލްމާނަށް ކުރި ދަޢުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، ކުރިން ބެލެވުނީ އޭނާއަށް ކުރާނީ ދެ އަހަރުގެ ޖަލު ޙުކުމެއް ކަމަށެވެ. ނަމަވެސް ފަސް އަހަރަށް އޭނާ ޖަލަށްލާން ޙުކުމް ކުރުމާއިއެކު ޖައިޕޫރުގެ މަގުތަކަށް ނިކުމެ ބިޝްނޯއީ ޖަމާޢަތުގެ މީހުން ވަނީ އުފާ ފާޅުކޮށްފައެވެ.

ޖަނަވާރުންނާއި ގުޅޭގޮތުން ދީނީ އެކި ޤަބޫލުކުރުންތައް ޤަބޫލުކުރާ ބިޝްނޯއީ ޖަމާޢަތަކީ ސަލްމާން ފުއްލާއެއް މަރާލިކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރެން ފެށުމާއި އެކުވެސް އެކަމާއި އެންމެ ބޮޑަށް ނުރުހުން ފާޅުކުރި ޖަމާޢަތެވެ. އޭރުވެސް އެ ފަރާތްތަކުން ދިޔައީ ސަލްމާންގެ ޝަރީޢަތް އަވަސްކޮށް އޭނާއަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން، އެ މައްސަލައަށްފަހު އެކި ދުވަސްތައް މަތިން އެ ޖަމާޢަތުން ދިޔައީ ސަލްމާނަށް އަދަބު ދިނުމަށް ގޮވާލައި ބެނަރ އާއި ޕޯސްޓަރު ބަހައި، ނުރުހުން ފާޅުކުރުމުގެ ރެލީތަކެއްވެސް ބާއްވަމުންނެވެ.

ބިޝްނޯއީން ޤަބޫލުކުރާގޮތުގައި ޖަނަވާރުންނަކީ އެބައިމީހުން ރައްކާތެރިކޮށްދީ ނަސީބު ރަނގަޅުކޮށްދޭ ތަކެއްޗެވެ. އެހެންކަމުން ޖަންގަލި ސަރަޙައްދުގައި އުޅޭ މި ޖަމާޢަތުގެ ބައިވެރިން އަބަދުވެސް، ޖަނަވާރުންނަށް ކާން ބޯންދިނުމަށް ޚާއްސަ ކާތަކެއްޗާއި ފެން އަވަށުގެ މެދުގައި ހުންނަ ވެވަކަށް ނަގާފައި ހުރެއެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ.

ނަމަވެސް ސަލްމާން ދިޔައީ އޭނާއަށް ކޮށްފައިވާ ދަޢުވާއަށް އިންކާރުކުރަމުންނެވެ. އެ މައްސަލައަކީ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ މަޝްހޫރު ފަންނާނަކަށްވީތީ އެކަމާއި ހަސަދަވެރިވާ ބަޔަކު އަމިއްލަ ބޭނުމަށްޓަކައި ފެންމަތިކޮށްގެން އުޅޭ މައްސަލއެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ.

މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދަޢުވާއެއްވެސް ކޮށްފައިވެއެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް، މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދަޢުވާއެކެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދަޢުވާ ސާބިތުވެފައެއް ނުވެއެވެ.

ސަލްމާނަށް މިއަދު ފަސް އަހަރުގެ ޙުކުމެއް ކުރުމާއި ގުޅިގެން އޭނާ މިހާރު ޖޯދާޕޫރު ސެންޓްރަލް ޖަލަށް ގެންގޮސްފައިވާއިރު، އޭނާ އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަލްމާން ގެންދިޔަ ޖަލަކީ، ރޭޕްގެ މައްސަލައެއްގައި ޖަލުޙުކުމެއް ތަންފީޒު ކުރަމުންދާ، ކަލަކު ކަމުގައި ދަޢުވާކުރާ އަސަރަމް ބާޕުވެސް އޮތް ޖަލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ޖަނަވާރެއް މަރާލައިގެން 5އަހަރުގެ ޖަލުހުކުމެއް ! ޅަދަރިއަކު ޖިންސީ ޝިކާރައަކަށް ހަދާ މަރާލީމަ ކުށްސާބިތު ނުވާ އިންޑިއާގަ :" އެނީތިންގ އިޒް ޕޮސިބަލް "

  2. ބަކުރުބޭ

    ބަލާނެވެސް ކަމެއްނެތް ތިޔަ ސަލާމަތް ނުވީ އެންމެ ފުއްލާއެއްވެސް ދެން.. އެވަރުގެ ތަރި އަކާ ދެކޮޅަށް ތިކަންކުރީމަ ސަޕޯޓަރުން ތީގެ ބަދަލު ހިފާނެ..ފުއްލާއަކަށް ވުރެ އިންސާެނެއްގެ މަގާމު ދަށެއްނު ތިޔަ ގައުމުގަ..އަދިވެސް ރާއްޖޭގެ ކަންކަމަށް އަގަލާތި..