ނެޓްފްލިކްސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ސީރީސް ކަމުގައިވާ "ބްރޭކިން ބޭޑް" ގެ ފިލްމް އަންނަ މަހު ނެޓްފްލިކްސް އަށް ނޭރެނެއެވެ.

"އެލް ކަމިނޯ : އަ ބްރޭކިން ބޭޑް މޫވީ" ގެ ނަމުގައި މި ފިލްމް އަންނަ މަހު 11އިން ފެށިގެން ނެޓްފްލިކްސް އިން ބެލެން ހުންނާނެއެވެ. ބްރޭކިން ބޭޑް ސީރީޒްގައި ފެނުނު 10 އެކްޓަރުން ހިމަނައިގެން ފިލްމް ނެރޭއިރު، ނަން ހާމަ ކޮށްފައި ނުވާ އެކްޓަރެއްވެސް ސަޕްރައިސް އެއްގެ ގޮތުގައި ފިލްމުން ފެންނާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރޭކިން ބޭޑުގައި އުޅޭ ޖެސީ ޕިންކްމަން އާއި ވަލްޓާ ވައިޓް

އެ ސީރީޒްގައި ވާ ގޮތުން ސްކޫލެއްގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރެއް ކަމުގައިވާ ވަލްޓާ ވައިޓް އަށް ކެންސަރު ޖެހި، މާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަން އެނގުމުން ވަނީ އޭނާ މަރުވުމުގެ ކުރިން އާއިލާ އަށް ފައިސާ ހޯދައި ދިނުމަށްޓަކައި މަސްތުވާތަކެތި ހަދައި، އެ ތަކެތި ވިއްކަން ފަށާފައެވެ. އެންމެ ކޮލިޓީ މެތެންފެޓަމައިން ނުވަތަ ކްރިސްޓަލް މެތު އެ މީހާ ހަދަން އުޅުމުގެ ތެރޭގައި ދިމާވާ ކަންކަން އެ ސީރީޒް އިން ވަރަށް ފުރިހަމަ އަށް ދައްކުވައިދެއެވެ.

2 ގަޑިއިރާއި 2 މިނެޓުގެ މި ފިލްމުގައި ގެނެސްދޭނީ ސީރީޒްގައި ވެފައި ހުރި ކަންކަމުގެ ހުލާސާ އެއް، ތަފާތު ގޮތަކަށެވެ. ފިލްމުން ފެންނާނޭ ކަން މިހައިތަނަށް ޔަގީންވެފައި ވަނީ ޑްރަގުތައް ހެދި ވަލްޓާ ވައިޓް އާއި އެކު މަސައްކަތް ކުރާ ޖެސީ ޕިންކްމަން އާއި އޭނާގެ ދެ ރަހުމަތްތެރިން، ސްކިނީ ޕީޓް އާއި ބެޖާ އެވެ.

މި ފިލްމް ނެރެން މަސް ދުވަސް ވެސް ނެތް އިރު، ބްރޭކިން ބޭޑުގެ ފޭނުން ތިބީ ފިލްމު ބަލަން ކެތް މަދުވެފައެވެ.